
އެމްޓީސީސީން އާންމުކުރި އިއުލާނުގައި ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ނިންމެވުމެއްގެ ދަށުން އެ ގޮތަށް ނިންމެވީ ރަށްރަށުން މާލެ އަށް އަންނަ މީހުންނަށް ލުއިގޮތެއް ހަމަޖެއްސެވުމަށް ކަމަށެވެ.
އެމްޓީސީސީން ބުނީ، އެ ދެ ބަނދަރު ބޭނުންކުރަން ބޭނުންވާ މީހުން މި މަހުގެ 10 ގެ ކުރިން ހުށަހަޅަން އެދޭ ކަމަށެވެ. އެ ކަމަށް އެދި ހުށަހަޅަން ޖެހެނީ [email protected] އަށް އީމެއިލް ކޮށްގެންނެވެ.
އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ނަންބަރު 7978865 އަށް ގުޅުމުން ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މިއާއެކު ރައްރަށުން މާލެ އަންނަ ފަރާއްތަކަށް ފަސޭހަކަމާއެކު ލަފާ ފުރުމުގެ ކަންކަން ހަމަޖެހިގެންދާނެ އެވެ. އަދި ފަޅު ތެރޭގައި އުޅަނދު ފަހަރު ތޮއްޖެހުން ކުޑަކުރެވިގެންދާނެެ އެވެ. ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާމިނަލްގެ ބަނދަރު މީގެ ކުރިން ބޭނުންކުރަމުން އައީ އެމްޓީސީސީގެ އުޅަނދުތަކުން އެކަންޏެވެ.
ލޯންޗު ފަހަރަށް ޓާމިނަލެއް ބޭނުންވާ ވާހަކަ ދައްކާތާ އެތައް އަހަރެއް ވެފައިވާއިރު އޭގެ ފަހުން ސަރުކާރުތައް ވެސް ވަނީ ބަދަލުވެފަ އެވެ. އެމްޓީސީސީން އާރްޓީއެލްގެ މަސައްކަތް ފަށައި އެތައް ރަށެއްގައި ޓާމިނަލްތައް އެޅިއިރު ވެސް މާލޭގައި އެފަދަ ޓާމިނަލެއް ނެތެވެ.
މާލެ އަށް ރަށްރަށުން އަންނަ ލޯންޗު ފެރީތަކުން މީހުން ފޭބުން ބޮޑު ތަކުލީފަކަށް ވެފައިވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ހާއްސަކޮށް އަވީގައި ގިނަ އިރުތަކެއް ވަންދެން ތިބެން ޖެހުމުގެ ޝަކުވާތައް ވެސް ވަރަށް ބޮޑެވެ.