
އދގެ މި ބުނުމާއި އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހަރުކަށި ވިސްނުމުގެ މެދު ރޮނގުގައި މިއަދު އޮތީ އަރަބި އިސްލާމީ ގައުމުތަކެވެ. އަރަބިން ގާޒާގެ ދިފާއުގައި އެއް މިސްރާބަކަށް މަސައްކަތް ކޮށްފިނަމަ އެމެރިކާ އެއް ނޫނެވެ. ހުދު އިޒްރާއީލު ވެސް ޖެހޭނީ ސައިޒް ވާށެވެ.
2023ގެ އޮކްޓޫބަރު ގައި ހަމާސްއިން އިޒްރޭލަށް ދޭން ފެށި ކުއްލި ހަމަލާތަކުގެ ރައްދުގައި އިޒްރޭލުން އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ގާޒާއަށް ދިން ހަމަލާތަކުގެ އެތައް ހާސް ބަޔަކު ޝަހީދުވެ އަދި 1.5 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފަ އެވެ.
އެމެރިކާގެ ބާރުގެ ދަށަށް ގާޒާ ގެންދިއުމަށް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމަށް މެދު އިރުމަތީގެ ގިނަ ގައުމުތަކުން ދެކޮޅު ހަދާފައި ވަނިކޮށް އިސްރާއީލުން ބޮންއަޅައި މުޅިން ފުނޑާލައި ބިމާ ހަމަކޮށްލާފައިވާ ގާޒާ އަލުން ބިނާކޮށް އާރާސްތު ކުރުމަށް މިސްރުން ހުށަހެޅި ޕްލޭނަށް، ގާހިރާގައި މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓުން ވަނީ ރުހުން ދީފަ އެވެ.
މިސްރުގެ ކައިރޯގައި އަރަބި ގައުމުތަކުގެ ވެރިން އަންގާރަ ދުވަހު ބައްދަލުކޮށް ބޭއްވި ބައްދަލުވުމުގައި އަރަބި ލީގުގެ ސެކެޓްރީ ޖެނެރަލް ވިދާޅުވީ ގާޒާގެ ރައްޔިތުން އެހެން ތަނަކަށް ފޮނުވާލުމަށް ނުވަތަ ބަދަލުކުރަން ކުރާ އެއްވެސް ކަމަކަށް އަރަބި ލީގުން ތާއީދު ނުކުރާނެ ކަމަށެވެ.
ގާޒާގެ ކުރިމަގާ ގުޅޭ ގޮތުން މިސްރުން ހުށަހަޅާފައިވާ ހުށަހެޅުން ބިނާވެފައި އޮތީ މައިގަނޑު ތިން ކަމެއްގެ މައްޗަށެވެ އެއީ،
1. އިންތިގާލީ ފިޔަވަޅުތައް،
2. ގާޒާ އަލުން އާރާސްތު ކުރުން،
3. ގާޒާގައި ވެރިކަން ހިންގާނެ ގޮތެއް ކަނޑައެޅުން
މި ޕްލޭންގައި ހިމެނޭ ދެވަނަ ބައިކަމަށްވާ ގާޒާ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ ކަންތައް ކުރިޔަށް ގެންދިޔުމަށް ރާވާފައިވަނީ ތިން މަރުހަލާއެއްގެ ތެރެއިންނެވެ. ފުރަތަމަ މަރުޙަލާގެ މުއްދަތަކީ ހަ މަސް ދުވަހެވެ. އެއީ ގާޒާގައި ބިމާހަމަކޮށްލާފައިވާ އިމާރާތްތަކުގެ ގައުކުޑި ނަގައި ގާޒާ ސާފުކުރުމުގެ މަރުހަލާ އެވެ.
ދެވަނަ މަރުހަލާއަކީ ގާޒާގެ ހާލުގައިޖެހިފައިވާ ރައްޔިތުންނަށް ވަގުތީ ހިޔާވަހިތައް ބިނާކޮށްދިނުމުގެ މަރުހަލާއެވެ. ތިންވަނަ މަރުހަލާ އަކީ އަމަލީގޮތުން ޣައްޒާ ބިނާކުރުމުގެ މަސައްކަތް ފަށައި އެމަސައްކަތް ނިންމުމުގެ މަރުހަލާއެވެ.
މިސްރުގެ ޕްލޭންގައި ވާގޮތުން ދެވަނަ މަރުހަލާއާއި ތިންވަނަ މަރުހަލާ ދާނީ އެކުއެކީގަ އެވެ. މި ދެމަރުހަލާގެ މުއްދަތަކީ ހަތަރު އަހަރާއި ފަސްއަހަރުގެ މުއްދަތެކެވެ.
އަރަބި ލީގުގައި މަޝްވަރާކުރި ކަންކަމުގެ ތެރޭގައި ޣައްޒާގެ ވެރިކަން ހަމާސް އަތުން އަތުލުމަށްފަހު ފަތުހު ޖަމާއަތުގެ ސަރުކާރުގެ ދަށުން ހާއްސަ ކޮމެޓީއަކާ ހަވާލު ކުރުން ވެސް ހިމެނެ އެވެ. ނަމަވެސް ހަމާސްގެ ބާރު އެއްކޮށް ނައްތާލުމާ މެދު އަރަބި ބައެއް ގައުމުތަކުގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނެވެ.
މިސްރުގެ ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ ގާޒާ އަލުން އާރާސްތު ކުރުމާއި، ސުލްހައާއި ހަމަޖެހުން ދެމެހެއްޓުމެވެ. އަދި، 17 އަހަރަށް ފަހު ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)އަށް ގާޒާގައި ވެރިކަން ކުރުމުގެ ފުރުސަތު ދިނުމެވެ.
އިސްރާއީލުން ގާޒާއަށް ދިން ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތައް،- ފޮޓޯ: ރޮއިޓާސް
ފަލަސްތީން މީހުން ދިރުއުޅޭ ގޮތަށް ގާޒާ އާރާސްތުކުރުމުގެ ބަދަލުގައި، އެމެރިކާއާއި އިޒުރޭލުން ގެންގުޅެނީ ގާޒާއިން އާންމު ރައްޔިތުން ބޭރުކުރުމުގެ ވިސްނުމެކެވެ. އެމެރިކާގެ ރޭވުމަކީ ގާޒާއިން މީހުން ބޭލުމަށްފަހު އަވައްޓެރި އުރުދުން އަދި މިސްރުގައި އެ މީހުން އާބާދުކުރުމެވެ. މިއީ އަރަބި ހުރިހާ ގައުމަކުން ދެކޮޅު ވިސްނުމެކެވެ.
ސަމިޓުން އެމެރިކާއާއި އިސްރާއީލަށް ދިން ހަމައެކަނި މެސެޖަކީ ގާޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުމުގެ ފުރުސަތު ނުދޭނެކަމުގެ މެސެޖެވެ. މި ތާރީހީ ބައްދަލުވުމުގައި ހުރިހާ ގައުމެއްހެން ވަނީ މިސްރުން ހުށަހަޅާފައި އޮތް ގޮތަށް ގާޒާ އާރާސްތުކުރަން ތާއީދުކޮށްފަ އެވެ. ގާޒާ މިހާރު އޮތް ގޮތް މުޅިން ބަދަލުކޮށްލާނެ ރޭވުމެއް ކަމަށް ބުނެ ހުށަހަޅާފައި އޮތް ތަރައްގިގެ ޕްލޭނަށް 53 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
- ގާޒާ އެންޑް ވެސްޓް ބޭންކް އިންޓަރިމް ރެޕިޑް ޑޭމޭޖް އެންޑް ނީޑްސް އެސެސްމަންޓް
ފަނަރަ މަސް ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ހަނގުރާމައިގައި 61،700 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، 69 އިންސައްތަ ގެދޮރު ހަލާކުކޮށް ގާތްގަޑަކަށް މުޅި ގާޒާގެ އާބާދީގެ ގެދޮރު ގެއްލުވާލައި، ބަނޑަށް ޖައްސާފައިވާ ކަމަށް އދ. އިން ވަނީ ހާމަކޮށްފަ އެވެ.
މި ފަހުން އދ އިން އާންމުކުރި ގާޒާ އެންޑް ވެސްޓް ބޭންކް އިންޓަރިމް ރެޕިޑް ޑޭމޭޖް އެންޑް ނީޑްސް އެސެސްމަންޓް (އައިއާރުޑީއެންއޭ) އިން ހިސާބުކޮށްފައިވާ ގޮތުގައި އިސްރާއީލުން ގާޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން 2023 ވަނަ އަހަރު އޮކްޓޯބަރު 8 އާއި 2024 ވަނަ އަހަރުގެ އޮކްޓޯބަރު 8 އާ ދެމެދު 49 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް 10 އަހަރު ތެރޭގައި ފަލަސްތީނުގެ ސަރަހައްދު އަލުން އާރާސްތުކުރުމަށް 53.2 ބިލިއަން ޑޮލަރު ބޭނުންވާނެ އެވެ. އަދި ފުރަތަމަ ތިން އަހަރު ތެރޭގައި އެކަނިވެސް 20 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ހާމަކޮށްފައިވެ އެވެ.
އަލުން ބިނާކުރުމަށް ލަފާކުރެވޭ ޖުމްލަ ހަރަދުގެ ދެބައިކުޅަ އެއްބައި ނުވަތަ 29.9 ބިލިއަން ޑޮލަރު ހަލާކުވެފައިވާ އިމާރާތްތައް ބިނާ ކުރުމަށާއި އެހެނިހެން މުހިންމު އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް ބޭނުންވެ އެވެ.
އިސްރާއީލުން ގާޒާއަށް ދިން ހަމަލާތަކުގައި އެންމެ ބޮޑަށް ގެއްލުން ލިބުނީ ބޯހިޔާވަހިކަމަށް ކަމަށާއި ހަމަލާތަކުގައި 292،000 އަށް ވުރެ ގިނަ ގެ ހަލާކުވެފައިވާ ކަމަށް އދގެ އެ ރިޕޯޓުގައި ހާމަކޮށްފައިވެ އެވެ.
ގާޒާގެ ސިއްހަތާއި ތައުލީމާއި ވިޔަފާރި އަދި ސިނާއަތުގެ ދާއިރާތަކަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އިޖުތިމާއީ އަދި އިގްތިސާދީ ގެއްލުންތައް ފޫބެއްދުމަށް އިތުރު 19.1 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ގާޒާގެ ގާތްގަޑަކަށް ހުރިހާ ހޮސްޕިޓަލްތަކަކުން މިހާރު ހިދުމަތް ނުދެވޭ ކަމަށާއި، އިގްތިސާދު 83 އިންސައްތައަށް ދަށްވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
ހަލާކުވެފައިވާ ގާޒާ ގެއެއްގެ ތެރޭ ބަޔަކު ހިމާޔަތް ހޯދަނީ: އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ފިނި މޫސުމާ އެކު ވަނީ އިތުރު ހިތްދަތިކަމާ ކުރިމަތިވެފައި. -- ފޮޓޯ: އޭއެފްޕީ
ޔަހޫދީންގެ ގަތުލުއާންމު މެެދުކަނޑައިލާފައި ވަނީ، ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19 ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަަސްވުމުގެ ފުރަތަމަ މަރުޙަލާ ނިމުމަކަށް އައިސްފައިވާއިރު، އެއްބަސްވުމަށް އަމަލު ކުރުން ހުއްޓައިލުމަށް ޔަހޫދީން ދަނީ މަސައްކަތް ކުރަމުންނެވެ.
ކޮންމެއަކަސް ފަލަސްތީނުގެ ގާޒާ އަލުން އާރާސްތު ކުރުމަށް މިސްރުން ހުށަހަޅާފައިވާ ހުށަހެޅުމަށް އަރަބި ގައުމުތަކުން ރުހުން ދިނުމަކީ ވެސް މިވަގުތަށް ގާޒާގެ ރައްޔިތުންނަށް ލިބުނު ކުޑަނަމަވެސް އުފާވެރި ހަބަރެކެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް އެމެރިކާއާއި އިސްރާއީލު ކަނޑައެޅިގެން އިންކާރު ކުރާއިރު, އަރަބި ސަމިޓުން މިފަދަ ނިންމުމެއް ނިންމުމަކީ އިސްރާއީލަށާއި އިސްރާއީލުގެ ޓެރަރިޒަމަށް ވާގިވެރިވާ އެެމެރިކާއަށް އަރަބިންގެ ފަރާތުން ދެވުނު ތާރީހީ މެސެޖެއް ކަމަށް މުހައްލިލުން ވިދާޅުވެ އެވެ.
މިއީ އަރަބިވެރިންގެ ޒިންމާ އަދާކޮށް، މުޅި އިސްލާމީ މުޖުތަމައުގެ ވަހުދަތު ހިމާޔަތްކޮށް ރައްކާތެރިކޮށްދީ، މިހާރަށް ވުރެ ޒިންމާދާރުވާން ފެށިކަމުގެ ފެހި ސިގްނަލެކެވެ.