
ސޯޝަލް މީޑިއާގައި އެ ކުންފުނިން ކުރި ޕޯސްޓެއްގައި ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައި ނުވާނެކަމަށް އާސަންދަ ކުންފުނިން ބުނެފައިވެއެވެ. މި ފަދަ އެއްވެސް ޑެސްކެއް ގާއިމުކޮށްފައިނުވާކަން ކުންފުނިން ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
އާސަންދަ ކޮމްޕެނީ ލިމިޓެޑަކީ ބޭސްފަރުވާގެ ހަރަދު ހަމަޖެއްސުމަށް ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދިނުމަށް 2011 ވަނަ އަހަރު ދިވެހި ސަރުކާރުން ހާއިމުކުރި ކުންފުންޏެކެވެ. މިއީ ރާއްޖޭގެ އާންމު ސިއްހީ އިންޝުއަރެންސް ނިޒާމަށް ހިދުމަތް ފޯރުކޮށްދޭ މައިގަނޑު ކުންފުންޏެވެ.
އާސަންދަ ނިޒާމު އިތުރަށް ހަރުދަނާކޮށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އަދި އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް ދައްޗެއް އަދި މާލީ ތަކުލީފެއް ކުރިމަތިނުވާނެކަން ކަށަވަރުކުރުމަށާއި، އާސަންދައިން ބޭހަށް ކުރާ ހަރަދު ކުޑަކުރުމަށް ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ބަދަލުތަކުގެ ތެރޭގައި ރާއްޖޭގައި ޕްރިސްކްރައިބް ކުރެވޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ. އާސަންދަ ނިޒާމަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި މައިގަނޑު 11 ކަމެއް ކުރުމަށް ވަނީ ނިންމާފައެވެ.