
ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ގާނޫނުތައް ހެދިފައިވަނީ ތިން ބާރު ވަކިވާނެ ގޮތަށް ކަމަށާއި، ނަމަވެސް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުރިހާ ބާރުތަކެއް ދޫކޮށްލެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޖުޑީޝަރީ ހޮވުމާއި ވަކިކުރުމުގެ ބާރުވެސް ހިމެނޭކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ކޯޓުތަކަށް އަތްބާނައި ޖުޑިޝަރީއަށް ނުފޫޒު ފޯރުވަމުންދާކަމަށް ޔާމީން ވިދާޅުވިއެވެ. ގާނޫނު އަސާސީ ފަރުމާކުރެވިފައިވަނީ އެއްބާރު އަނެއްބާރަށް ނުފޫޒު ނުފޯރުވޭނެ ގޮތަށް ކަމަށާއި، އެހެންނަމަ ވެސް މިހާރު ރާއްޖޭގައި ނުކުންނަ ގިނަ މައްސަލަތަކަކީ މިފަދަ އުސޫލުތައް ގެއްލިގެން ދިއުމުން ކުރިމަތިވާ މައްސަލަތައްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަކީ މިހާރު ރައްޔިތުން ތަމްސީލުކޮށްދޭ ތަނެއް ނޫންކަމަށާއި ރާއްޖޭގައި މިއޮތީ ދިމްޔާތުގެ މަޖިލީހެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މަތިގެއަކީ ދިމްޔާތުކަމަށާއި ދަށުގެއަކީ ރައްޔިތުންގެ މަޖިލިސްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.