ads
މިނިސްޓަރު ތޯރިގު ވިލޯ ރިސޯޓްސްގެ އިސްވެރިންނާ ބައްދަލުކުރެއްވުން
ވިލާ ރިސޯޓްސްއާއެކު މިނިސްޓަރު ތޯރިގު މަޝްވަރާކުރައްވައިފި
ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިލާ ރިސޯޓްސްގެ އިސްވެރިންނާ ބައްދަލުކުރައްވާ ޓޫރިޒަމް ދާއިރާއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
Advertisement

މި ބައްދަލުވުން ބޭއްވުނީ ބާލިންގައި ކުރިއަށްގެންދިޔަ އައިޓީބީ 2025 ޓޫރިޒަމް ފެއާގައެވެ.

މިނިސްޓަރު ތޯރިގު އާއި ވިލާ ރިސޯޓްސްގެ އިސްވެރިން ދެމެދު ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިއެރުމަށް ސަރުކާރާއި އިންޑަސްޓްރީ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދެކެވުނެވެ. 

މިނިސްޓަރު ތީރިގު ވިދާޅުވީ، ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ދެފަރާތުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ވިލާ ރިސޯޓްސްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވި އިސްވެރިން ވިދަޅުވީ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގެ ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދާނެ ކަމަށްވެސް ވިލާ ރިސޯޓްސްގެ އިސްވެރިން ވިދާޅުވިއެވެ. 

މިނިސްޓަރު ތޯރިގު ވިދާޅުވީ މި އަހަރުގެ ބާލިން ފެއާއަކީ ވަރަށް ކާމިޔާބު ފެއާއެއް ކަމަށެވެ. 

"ފެއާގެ ތެރެއިން އެކި އެއާލައިންތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވި ކަމަށާއި، ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއެކުވެސް މަޝްވަރާކުރެއްވިކަން ފާހަގަކުރައްވާ، އެފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވާހަކަދެކެވުނު،" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އައިޓީބީ 2025 ފެއާގައި ރާއްޖެއިން 89 ކުންފުންޏެއް ތަމްސީލްކުރާ 200 މަންދޫބުން ބައިވެރިވެފައިވާއިރު، މި ފެއާގައި ރާއްޖެ ތަމްސީލްކުރުމަށް 504 އަކަމީޓަރުގެ ޑަބަލް ޑެކާ ސްޓޭންޑެއް ހާއްސަކޮށްފައިވެއެވެ. މި ސްޓޭންޑުގައި ވީއައިޕީ މީޓިންގ ރޫމަކާއި ތިން އިންޑަސްޓްރީ މީޓިންގ އޭރިއާ ހިމެނެއެވެ. މީގެއިތުރުން ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ޓްރެޑިޝަނަލް ކޯނަރެއްވެސް ސްޓޭންޑުގައި ޤާއިމުކޮށްފައިވެއެވެ.

ޓޫރިޒަމް ފެއާގައި ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ކުރިއަށް އޮތް މަސްތަކުގައި ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރު އިތުރުވާނެކަމަށް ބެލެވޭ ކަމަށްވެސް މިނިސްޓަރު ތޯރިގު ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް