
މި ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ލިބިގެންދާނެކަމަށް ކައުންސިލުން ބުނެފިއެވެ.
ކައުންސިލުން ބުނީ، އިންވެސްޓުކުރުމަށް ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ޓޫރިޒަމާއި ގުޅުންހުރި ކަންކަމާއި، ދަނޑުވެރިކަމާއި ގުޅުންހުރި ކަންކަމާއި، މަސްވެރިކަމާއި ގުޅުންހުރި ކަންކަމާއި، ޕްރޮޑަކްޝަން އަދި މެނުފެކްޗަރިންގ އާއި ގުޅުންހުރި ކަންކަމާއި އަދި ރިސާޗްއާ ގުޅުންހުރި ކަންކަން ހިމެނޭކަމަށެވެ. މި މަޝްރޫއުތައް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ކައުންސިލުން ބަންދުވުމުގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެއެވެ.
ގދ. ގައްދޫ ކައުންސިލުން ބުނީ، ޝޯޓްލިސްޓްކުރެވޭ އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތަކަށް ރިއާޔަތްކޮށް އެފަރާތްތަކަށް ބިޑު ހުށަހެޅުމަށް ފުރުސަތު ދެވިގެންދާނެކަމަށެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހު އެރަށު ކައުންސިލުން ވަނީ ގަމުގެ ލޭންޑް ޔޫސްޕްލޭން ހެދުމާއި ވިޔަފާރި އުސޫލުން އެރަށް ބެލެހެއްޓުމަށްޓަކައި 5 އަހަރު ދުވަހުގެ މުއްދަތަކަށް ފުރުސަތު ހުޅުވާލާފައެވެ.
ހުވަދުއަތޮޅު ދެކުނުބުރީ ގަން، އެއަތޮޅު ގައްދޫ ކައުންސިލްގެ އިހުތިސާސްތެރޭގައި ހިމެނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ގަމުގައި އިންވެސްޓްމަންޓް ފުރުސަތުތައް ހުޅުވާލުމަކީ އެ ވައުދު ފުއްދުމަށް އަޅާ އިތުރު ފިޔަވަޅެއްކަމަށް ފާހަގަކުރެވެއެވެ.