
14 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ ހއ. ތުރާކުނު / އާހިޔާ، މަރްޔަމް ޒީނާ (23އ) އެވެ. މަރްޔަމް ޒީނާ ހައްޔަރުކޮށްފައިވަނީ 2025 ފެބްރުވަރީ 19 ވަނަ ދުވަހުގެ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގެ އެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.
މަރްޔަމް ޒީނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެންމެ ފުރަތަމަވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އެ މުއްދަތު ހަމަވެގެން އަނެއްކާ މިހާރުވަނީ އިތުރު 15 ދުވަސް ޖަހާފައެވެ.
ޒީނާގެ ބަންދު އަމުރުން އެނގޭ ގޮތުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އޭނާގެ އަތުން ކާރުގެ ޝީޓް މައްޗަށް ވައްޓާލި މަންޒަރު ފުލުހުންނަށްވަނީ ފެނިފައެވެ.
އެހެންނަމަވެސް މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗަށް ތުހުމަތު ކުރެވޭ ފަރާތުންވަނީ އިންކާރުކޮށްފައި ކަމަށް ބަންދު އަމުރު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ބަންދު އަމުރުގައިވާ ގޮތުން، ޒީނާ އަތުން ފެނުނީ 12.28 ކިލޯގެ މެތް އަދި 1.58 ކިލޯގެ ހެރޮއިންއެވެ.