
މި ފިލްމުގެ ތަރިންގެ ތެރެއިން ނިތާންޝީ ގޯއެލް ވަނީ އެންމެ މޮޅު އަންހެން ތަރިއަށް ދެވޭ އެވޯޑް ހޯދާފައެވެ. މީގެ އިތުރުން ޕްރަތިބާ ރަންތާ ވަނީ ފުރަތަމަ ފަހަރަށް ފިލްމެއްގައި ބައިވެރިވި އަންހެން ތަރިއަށް ދެވޭ އެވޯޑް ހާސިލުކޮށްފައެވެ.
އައިއައިއެފްއޭގެ 25 ވަނަ އަހަރީ ފާހަގަކުރުމަށް ބޭއްވުނު މި ރަސްމިއްޔާތުގައި ބޮލީވުޑްގެ ގިނަ ތަރިން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ކަރީނާ ކަޕޫރު ހާން، ކަޓްރީނާ ކައިފް، ކްރިތީ ސަނޯން ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ. ރަސްމިއްޔާތުގައި ކަރީނާ ކަޕޫރުގެ ޑްރެސް ބޮޑަށް ފާހަގަކުރެވި، ގްރީން ކާޕެޓްގައި އޭނާ ވަނީ ގިނަ ތަރިންގެ ސަމާލުކަން ހޯދާފައެވެ. ކަރީނާ މި ހަފްލާގައި ރާޖު ކަޕޫރަށް ޓްރިބިއުޓެއް ދިނުމަށް ޑާންސްކުރި މަންޒަރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް މަޝްހޫރުވެފައެވެ.
މި ރަސްމިއްޔާތުގައި "ކިލް" ފިލްމުގައި ފުރަތަމަ ފަހަރަށް އެކްޓްކުރި ލަކްޝްޔާ ލާލްވާނީއަށް ވަނީ ފުރަތަމަ ފަހަރަށް ފިލްމެއްގައި ބައިވެރިވި ފިރިހެން ތަރިއަށް ދެވޭ އެވޯޑް ލިބިފައެވެ. އަދި "ބޫލް ބުލައިޔާ 3" ފިލްމަށް ކާރުތިކް އާރިޔަން ވަނީ އެވޯޑެއް ހޯދާފައެވެ. މީގެ އިތުރުން، ސޯޝަލް މީޑިއާގައި މަޝްހޫރު އުއޯފީ ޖާވެދު ވެސް މި ރަސްމިއްޔާތަށް ހާޒިރުވެ، އޭނާގެ "ފޮލޯ ކަރޯ ޔާރު" ޝޯ ވަނީ އެވޯޑަކަށް ނޮމިނޭޓް ވެފައެވެ.
އުއޯފީ ޖާވެދު ވަނީ ގްރީން ކާޕެޓްގައި ކަރީނާ ކަޕޫރާ ބައްދަލުވެފައެވެ. މި ބައްދަލުވުން އުއޯފީއަށް ވަރަށް ހާއްސަ ކަމަށްވާއިރު، އޭނާ އިންސްޓަގްރާމުގައި ކަރީނާއާއެކު ނެގި ފޮޓޯ ޝެއަރުކޮށް، ކަރީނާއަކީ ވަރަށް ހިތްހެޔޮ މީހެއްކަމަށް ބުނެފައިވެއެވެ. އޭނާ އެރަސްމިއްޔާތަށް ލައިގެން ދިޔައީ ރާހުލް މިޝްރާގެ ޑިޒައިނެއްކަން ފާހަގަކޮށް، އޭނާގެ ހުވަފެނެއް ހަގީގަތްވި ކަމަށް ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.
"ލާޕަޓާ ލޭޑީސް" ފިލްމުގެ މި ކާމިޔާބީއާއެކު، ކިރަން ރާއޯގެ ޑައިރެކްޓަރުކަމުގެ ހުނަރު ބޮލީވުޑްގައި އިތުރަށް ފާހަގަކުރެވިގެން ގޮސްފައިވެއެވެ.