ads
ޝަންގްރިއްލާ ރިސޯޓު
ރިސޯޓު ލީސް އިތުރުކުރަން ބޮޑެތި ފީތަކެއް ކަނޑައަޅައިފި: 49 އަހަރަށް 10 މިލިއަން ޑޮލަރު
ޓޫރިޒަމާބެހޭ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހެއްގައި ރިސޯޓުތަކުގެ ލީސް މުއްދަތު އިތުރުކުރުމަށް މިހާރަށްވުރެ ބޮޑެތި ފީތަކެއް ނެގުމަށް ހުށަހަޅައިފިއެވެ.
Advertisement
ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި މި އިސްލާހުގައި ޓޫރިޒަމްގެ ބޭނުމަށް ދޫކުރެވިފައިވާ ރަށެއް ނުވަތަ ފަޅެއްގެ މުއްދަތު 49 އަހަރަށް އިތުރުކުރެވޭނީ އެއްފަހަރާ 10 މިލިއަން ޑޮލަރު ދެއްކުމުންނެވެ.

ނަމަވެސް މި އިސްލާހަށް އަމަލުކުރަން ފެށުމަށްފަހު ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އެދޭ ފަރާތްތަކަށް މުއްދަތު އިތުރުކުރުމުގެ ހާއްސަ ފުރުސަތެއް ދީފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ރިސޯޓެއްގެ މުއްދަތު 49 އަހަރަށް އިތުރުކުރަން ބޭނުންވާނަމަ، އެއްފަހަރާ ފަސް މިލިއަން ޑޮލަރު ދައްކާ ގޮތަށް ހަމަޖެހިފައިވެއެވެ. އަދި 20 އަހަރަށް މުއްދަތު އިތުރުކުރާނަމަ 2.5 މިލިއަން ޑޮލަރު، ނުވަތަ 25 އަހަރަށް މުއްދަތު އިތުރުކުރާނަމަ 3 މިލިއަން ޑޮލަރު އެއްފަހަރާ ދައްކަން ޖެހޭނެއެވެ.

މިހާރު ޓޫރިޒަމްގެ ގާނޫނުގައި ބުނެފައިވާ ގޮތުން، ރިސޯޓުތަކުގެ މުއްދަތު އިތުރުކުރަން ދައްކަންޖެހެނީ ކޮންމެ އަހަރަކަށް އެއް ލައްކަ ޑޮލަރުގެ ފީއެކެވެ. މީގެ އިތުރުން މި ފައިސާ ހަ މަސްދުވަހުގެ ތެރޭގައި ނުދައްކައިފިނަމަ ކޮންމެ އަހަރަކަށް ދެ ލައްކަ ޑޮލަރަށް ފީ އިތުރުވާ ގޮތަށެވެ. އެހެންކަމުން މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ލީސް މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީ ގިނަގުނަވެގެންދާނެއެވެ.

ހުށަހެޅިފައިވާ އިސްލާހުގައި ރިސޯޓުތައް ރީ ޑިވެލޮޕް ކުރުމާ ގުޅޭގޮތުންވެސް އާ ގަވާއިދުތަކެއް ހިމަނާފައިވެއެވެ. މިގޮތުން ރީ ޑިވެލޮޕްކުރުމަށް ބޭނުންވެއްޖެނަމަ އެގްރީމެންޓަށް ބަދަލު ގެނެސް، ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަންޖެހޭނެއެވެ. އަދި ކަނޑައެޅޭ މުއްދަތުގައި ތަން ނުހުޅުވައިފިނަމަ އެގްރީމެންޓް ބާތިލްކުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެންދާނެއެވެ.

މި އިސްލާހު ގާނޫނަކަށް ވެގެން ދިޔައިމަ ރިސޯޓުތަކުގެ ވިޔަފާރިއަށާއި ދައުލަތުގެ އާމްދަނީއަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް