މިދިޔަ އަހަރު އޮގަސްޓު މަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބާރު ސްޕީޑުގައި ދުއްވި ރޭސިން ކާރަކުން މީހެއްގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓަކާ ގުޅިގެން މާލެ ސަރަހައްދުގައި ދުއްވާ އެހެން ޒޯނުތަކުގެ ވެހިކަލްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމިއެވެ. މި ނިންމުމާއެކު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 40,000 އަކަފޫޓުގެ ބިމެއް މި ވެހިކަލްތައް ބެހެއްޓުމަށް ޓްރާންސްޕޯޓު މިނިސްޓްރީއަށް ހަވާލުކުރެވުނެވެ.
މި ބިމަށް ވެހިކަލްތައް ގެންދިއުމަށް އޭރު 40 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، ވެހިކަލްތައް އެ ބިމުގައި ބާއްވައިގެން ހަ މަސް ދުވަހުގެ ތެރޭގައި ޒޯން ބަދަލުކުރުމަށް ނުވަތަ އެހެން ރަށަކަށް ގެންދިއުމަށް ފުރުސަތު ދިން ނަމަވެސް، މުއްދަތު ހަމަވެފައިވާއިރުވެސް 250 އަށް ވުރެ ގިނަ ވެހިކަލް އެ ބިމުގައި ބަހައްޓާފައިވާކަން ފާހަގަކުރެވެއެވެ.