
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު ހައްޖަށް ފޮނުވާ 50 ފަގީރުން ކަނޑައެޅީ މިއަދު ނެގި ގުރުއަތެއްގައިކަމަށެވެ. މި ގުރުއަތު ނަގާފައިވަނީ ފަޤީރުންގެ ދަފްތަރުގެ ތެރެއިން ހިލޭ ހައްޖަށް މީހުން ފޮނުވުމާއި ގުޅޭ އުސޫލުގެ ދަށުން ޝަރުތުހަމަވާ 302 މީހުންގެ މެދުގައިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ވަނީ މި 50 ފަގީރުންގެ ލިސްޓު އާއްމުކޮށްފައެވެ.
މީގެއިތުރުން އެއްވެސް ސަބަބަކާހުރެ ހައްޖު ދަތުރުގައި ބައިވެރިނުވެވޭ ހާލަތެއް ގުރުއަތުން ހޮވޭ ފަރާތަކަށް މެދުވެރިވެއްޖެނަމަ، އެމީހުންގެ ބަދަލުގައި ފޮނުވާނެ 10 މީހުން ވެސް މިއަދު ގުރުއަތުން ހޮވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ދަޢުލަތުގެ ހަރަދުގައި ހައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަޤީރުންގެ ދަފްތަރަށް ބަލައިގެންކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ދަފްތަރަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސްއިން ރިވިއުކޮށްފައިވާ ދަފްތަރެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.