ads
ސިއްރު - 41 ވަނަ ބައި
އެޕިސޯޑް 41
Advertisement

އިއްޔެގެ އަދަދު

ރިހުމެއް ނުވާނަމަ އެއީ ލޯތްބެއް ނޫނެވެ.

(ރިދީ)

ޖޯލިފަތިންތެދުވެ، އަހަރެންގެ އަތުގައި ހިފައި، ކޮޅަށް ނެގި އެވެ. އެއްގަމަށް އަރައި، ދޮންވެލިގަނޑުމަތީ އަހަރެން ބޭންދި އެވެ. އެއަށްފަހު އީތަން އިށީނެވެ. މޫނަށް ބަލައިލުމަށްފަހު، އަހަރެންގެ އުނގުގައި އޮށޯތީ ޖެހިލުމެއްނެތި ފަރިތަކަމާއެކު އެވެ. ކުޑަކުއްޖެއް ފަދައިން އުނގުގައި ހަމަޖެހިލައި ބޮނޑިވެލައިފި އެވެ. މަންޒަރު ފެންނަ ކޮންމެ މީހަކު ހީކުރާނީ އަހަރެން މިއީ މޮޔައެއް ކަމަށެވެ. ބޮޑު މޮޔައެއް ކަމަށެވެ. އޭނާ އަހަންނާއިމެދު ކަންތައްކުރި ހުރިހައި ގޮތެއް ހަނދާންނައްތާލި، ޖަޒުބާތެއް އަދި އިހްސާސެއް ނުދަންނަ ޖާހިލެއްކަމަށށް ހީކުރާނެ ކިތަންމެ މީހަކު އަހަރުމެން ދެމީހުންގެ ހަޔާތުގެ ސަފްހާތަކުން ފެންނާނެ އެވެ.

އާއެކެވެ. އަހަރެން ގެ ރުޅި އަދިވެސް މަޑެއް ނުވެ އެވެ. އަހަރެން ހަގީގަތުގައިވެސް މިހުރީ އަދިވެސް އީތަންދެކެ ރުޅިއައިސްފަ އެވެ. ހަގީގަތަށް ބުނަންޏާ 'ފިރިހެނެއްގެ ގޮތުގައި' ދެކެން އީތަންދެކެ ފަކުރުވެސް ގަނެ އެވެ. އީތަންއަށް ނަފުރަތު ކުރުމަށް އަހަރެން 'ޓްރައި' ނުކުރާ އެންމެ ފޮމިއުލާއެއްވެސް ނުހުންނާނެ އެވެ. އެކަމަކު ހަގީގަތަކީ ލޯތްބަކީ މޮޔަ އެއްޗެއް ކަމެވެ. މިއަށްވުރެން މޮޔަ އިހްސާސެއް އިންސާނުންގެ ޖަޒްބާތުގައި ލެއްވިކަމެއް އަހަރެން ނުދެނަހުރީމެވެ.  

އަހަރެން އީތަންދެކެ ލޯބިވީ ހިތުގެ އެންމެ ފުނުންނެވެ. އަހަރެންގެ ލޯބީގައި ޒައްރެއްގެ މިންވަރުގެ ކުށެށްވެސް ނުވާނެ އެވެ. އަހަރެންގެ ލޯބީގެ ހައްގުގައިވެސް މިވަގުތު އީތަންއަށް، އަހަރެން ބޭނުންވެ އެވެ. މި ހާލުގައި އީތަން މިތަނުގައި ބާއްވާފައި ދދާން އަހަރެންގެ ހިތަކަށް ކުޅަދާނައެއް ނުވާނެ އެވެ. އެފަދަ ހިލަހިތެއް ލިބިފައިވާ ދަރިޔަކު، ބައްޕަ ދެއްވި ތަރުބިއްޔަތުގައި ދުނިޔޭގައި ނުހުންނާނެ އެވެ. 

ލޯބީގެ ފާޑުތަކުގެ ތެރެއިން އެންމެ ވޭންދެނިވި ވައްތަރަކީ، އެމީހަކަށް ނުވަތަ އެބަޔަކަށް ހައްގު މިންވަރަށްވުރެން އިތުރަށް ލޯބިދޭ ބަޔަކު ދުނިޔޭގައި ތިބުމެވެ. އެފަދަ މީހުން ހައްދެއް ނެތް މިންވަރަށް ހިތުގައިޖެހި، ބަލިކަށިވާންޖެހެނީ، އެމީހުންނަށް އެ ވޭނާއި އަނިޔާ ހައްގުވާތީއެއް ނޫނެވެ. ތިމާގެ މައްޗަށް އާރާއި ބާރު، އަދި ކޮންޓްރޯލް ނުދޭންވާ މީހަކަށް ހަޔާތުގެ ހުންގާނު ދޫކޮށްލާތީ އެވެ. އެފަދަ މީހުންގެ ތެރެއިން ދިރިހުރި މިސާލެއް މިޒަމާނުގެ ފޮތްތަކުގައި ލިޔާނަމަ، ރިދީ އިމާދުގެ ނަން ފަވާލަންޖެހޭ އެވެ. 

އަހަރެންގެ ހިތާއި ދެކޮޅަށް ނުވަތަ އެއްކޮޅަށްވިޔަސް މިރޭ މިތަނުގައި، މެންދަމުގެ ކަނުއަނދިރީގައިވެސް މަޑުކުރާނަމެވެ. ހަގީގަތް އެނގެން ބޭނުމެވެ. އަހަރެންގެ މި ހާލަތުގެ ހަގީގަތް އީތަން ބުނެދޭންޖެހެ އެވެ. 

އަހަރެންގެ ކަނާއަތުން އީތަންގެ ބޮލުގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައީމެވެ. ހިމޭނުން އެތައް އިރަކު އެގޮތުގައި އޮވެލާފައި އަހަރެންގެ މޫނު ފެންނަގޮތަށް އެނބުރުނެވެ. ފަރުވާތެރިކަމާއެކު އަހަރެންގެ މޫނަށް ބަލާލާފައި ހަތަރުކަޅި ހަމަކޮށްލި އެވެ.

"މިއީ އަހަރެންގެ ހިޔާލް ދޯ..!؟" ޔަގީންނުވެފައި އީތަން ސުވާލުކޮށްލި އެވެ. 

ކުޑަކުއްޖަކު ފަދައިން ބަލަން އޮތެވެ. އަހަރެން އެންމެ ލަފުޒެއްވެސް ނުބުނެ ހިމޭނުން އިނީމެވެ.

މިވަގުތު އަހަރެން އާއެކޭ ބުނެފިނަމަ، އެ ހެދުނީ ދޮގެކެވެ. ކޮންމެ ދޮގަކީ ބޭވަފާތެރިވުމެކެވެ. ދުވަހަކުވެސް  އަހަރެން އީތަންއަށް ދޮގެއް ނުހަދަމެވެ. އަހަރެން ނޫނެކޭ ބުނެފިނަމަ، އަޑުއަހަން ބޭނުންވާ އެކައްޗެއްވެސް މިރޭ އަޑުނީވޭނެކަން ޔަގީނެވެ. 

މިވަގުތު އީތަންއަކީ ކުޑަކުއްޖެކެވެ. އެކަމަކު ހަ ފޫޓުގެ އިސްކޮޅަށްވުރެން އީގޯ ދިގެވެ. އިހްސާސްގެ ތަޖުރިބާއަކީ ދަންނަ އެއްޗެއް ނޫނެވެ. އިހްސާސްގެ ކުޑަމިންވަރެއް ދަސްވިޔަސް، އެކަމަކަށް އަމަލުކުރާނީ ދިމާއިދިކޮޅަށެވެ. ހެޔޮއެދޭ އޯގާތެރި އެންމެން އޭނާއާއި ދުރަށް ލުމަކީ މި ކުޑަކުޑަ ސިކުނޑި ލިބިފައިވާ ޖިރާފް އިންސާނާގެ އެންމެ ހާއްސަ ސިފަ އެވެ.

"ރިދީ، ޑޫ ޔޫ ހޭޓް މީ؟" ވަރަށް މަޑުމަޑުން ސުވާލުކޮށްލި އެވެ.

"ނޯ، އައި ޑޯންޓް!" ސީދާ އީތަންގެ ލޮލަށް ބަލައިލާފައި އަހަރެން ބުނީމެވެ.

ހަގީގަތުގައި އީތަންދެކެ އަހަރެން ނަފުރަތުކުރަންޖެހެ އެވެ. އިންސާނަކަށް އެކަމަށް މަސައްކަތްކުރެވޭނެ އެންމެ މަތީ ދަރަޖައަށް އެކަމަށް އަހަރެން މަސައްކަތްކުރީމެވެ. އެކަމަކު އެކަމެއް ނުވި އެވެ. މިފަދަ ކޮންމެ ހިނދެއްގައި އަހަރެން ފެއިލްވަނީ ހަގީގަތުގައިވެސް އީތަންއަށް ނަފްރަތު ނުކުރެވޭތީ އެވެ.

"އެކަމަކު އަހަންނަށް ރިދީ ނަފްރަތު ކުރަންޖެހޭނެ.. އަހަރެން ރިދީއާއިމެދު އަމަލުކުރީ އިންސާނަކު އަނެއް އިންސާނަކާމެދު އަމަލުކުރާނެފަދައަކުން ނޫން.." ތެދުވެރިކަމާއެކު އީތަން ބުންޏެވެ. އެ ބުނެލުމުގައި އޮޅުވާލުމެއް ނުވަތަ ކަމެއް ފޮރުވުމެއް ނެތެވެ. 

"ނަފްރަތުކުރެވޭނީ، އަހަރެންނާއިމެދު އީތަން އެގޮތަށް އަމަލުކުރި ސަބަބެއް ބުނެދިނީމައި... އޭގެ ކުރިން ނަފފްރަތުކުރުމަކީ އަހަރެންގެ ކޮންޓްރޯލުގައި އޮތް އިހްތިޔާރެއް ނޫން.." ލުއި ގޮތަކަށް ހިނިތުންވެވޭތޯ ބަލަމުން އަހަރެން ބުނީމެވެ. 

"ޕްރިންސެސް... މިއީ ތި ލޯބިލޯބި ޕްރިންސެސް ދިރިހުއްޓާ، ބަރުބާދުކޮށްލި އަނިޔާވެރިއެއް.. އަދިވެސް ތިއުޅެނީ އަހަރެންގެ ކިބައިން އެކަމުގެ ސަބަބު ހޯދަން..؟ އަހަރެންދެކެ ނަފްރަތުކޮށް، އަހަރެންދެކެ އިންތިހާ ރުޅިއައުން ނޫން އެހެން އެއްވެސް އިހްސާސެއް އަހަރެންނާއިމެދު ހުރެގެން ނުވާނެ.. އެއިން އެއްވެސް ކަމެއްގެ ހަގީގަތެއް ނުވަތަ ސަބަބެއް ހޯދަންއުޅޭކަށް ނުޖެހޭނެ..! އަހަރެންދެކެ ފޫހިވެ، ރުޅިއައިސް ނަފްރަތުކުރާނެ ހުރިހައި ސަބަބެއް އަހަރެން ވާނީ ޕްރިންސެސްއަށް ދީފައި.. މެންދަމުގެ މި އަނދިރީގައި މި ގޮނޑުދޮށުގައި އަހަރެންނާއެކު ތި އިނީ ކީއްވެ..؟" ވަށައިގެން މާހައުލަށް ބަލައިލުމަށްފަހު އަހަރެންގެ މޫނަށް ބަލާފައި އީތަން ވާހަކަދެއްކި އެވެ.

އީތަންގެ ބޭނުމަކީ ކޮބައިކަމާމެދު އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ. އީތަންދެކެ އަހަރެން ނަފްރަތުކުރުވަން އޭނާ ބޭނުންވަނީ ހެއްޔެވެ؟ އެކަމަކު ކީއްވެގެން ހެއްޔެވެ؟ 

އޭނާ ދޫކޮށްލާފައި އަހަރެން ދުވަހަކުވެސް ހިގައިދާނެތީ، ނުހަނު ބާރަށް އަހަރެންގެ ގައިގައި ބައްދާލާފައި އެތތައް ވައުދެއްވި އެވެ. އެކަމަކު މިއަދު އެއީ މާޒީއަށް ވެދާނެ އެވެ. ޖެހިގެން އަންނަ ސިކުންތުގައި ހަމަ އެ ދުލުން، އެ އީތަން އަހަންނަށް މަޖުބޫރުކުރަނީ އޭނަދެކެ އިންތިހާއަށް ނަފުރަތު ކުރުމަށެވެ. އީތަން މުހައްމަދު މަނިކަކީ ދުވަހަކުވެސް ޖަވާބެއް ނުހޯދޭނެ އަރަތެކެވެ. މިއީ ރަވާ ނުނިންމޭނެ 'ޕަޒުލް'އެކެވެ. 

"ޕްލީޒް ޓެލް މީ ވައި ޑިޑް ޔޫ ޑޫ ދެޓް، ޕްލީޒް..؟" އަހަރެން އާދޭސްކުރީމެވެ. ހިތުގެ ތެޅުން އީތަންއަށް އިއްވާކަށް ބޭނުމެއް ނޫނެވެ. 

އެކަމަކު ހިތުގެ ތެޅުން އަވަސްވެފައިވަނީ ކޮންޓްރޯލް ނުވާ މިންވަރަށެވެ. ހަގީގަތް ހޯދުމަށް ރޮއެ އާދޭސްކުރާންވެސް މިރޭ އަހަރެން ތައްޔާރެވެ. އެކަމަކު މި ޝައްކުގެ މަތީގައި ދިރިހުންނާނެ ހިތްވަރެއް ނެތެވެ. އަހަރެންގެ ކިބައިން އީތަން ބޭނުންވަނީ ކޮންކަމެއްތޯ އޮޅުން ނުފިލާހައި ހިނދަކު ހަމަނޭވާ ނުލެވޭނެ އެވެ. 

"އާސްކް ވަޓްއެވަރ ޔޫ ވޯންޓް ޓު... ކޮންމެ ސުވާލަކަށްވެސް މިރޭ ޖަވާބު ދޭނަން.." އަހަރެންގެ އުނގުން ތެދުވެ،، ދާދީ ގާތުގައި ޖެހިފިތިގެންކަހަލަ ގޮތަކަށް އިށީނެވެ. 

ގޮނޑުދޮށަށް ބީއްސާލާ ރާޅުއައިސް އަހަރުމެން ދެމީހުންގެ ކުރިމަތީން، ވެލިގަނޑާއި ސަމާސާކޮށްލާ މަންޒަރު ވަރަށް ހިއްގައިމެވެ. އެކަމަކު މިވަގުތު އަހަރެންގެ ޝައުގުވެރިކަން އޮތީ ހަމައެކަނި އީތަން އަށެވެ. ކަނާތުން އަހަރެންގެ ކޮނޑުގައި ހިފާލާފައި ގާތްކޮށްލި އެވެ. އެއް އަރިއަކަށް ބައްދާލީ އަހަރެން އެންމެ ބޭނުންވާ ގޮތަށެވެ. އީތަންގެ ތަނަވަސް މޭގައި އަހަރެން ބޯއަޅައިލީމެވެ. މެންދަމުގެ ފިނި ވައިރޯޅިން ސަލާމަތްވާން އީތަންގެ ހަށިގަނޑު، ހޫނު ރަޖައެއްކަމުގައިވެސް ފުދުނެވެ. އޭނާއަށް އެކަން ވިސްނުނީކަންނޭގެ އެވެ. ކުރިއަށްވުރެން އަހަރެން ގާތްކޮށްލައި ބައްދާލި އެވެ.

ހިތަށް އެރިއެވެ. އަހަރެންގެ މަންޒިލަކީ މި އެވެ. މާޒީގެ ހުރިހައި ރިހުމެއް ހަނދާން ނައްތާލާފައި މުޅިން އައު ފެށުމަކުން ފަށަން މިއީ އެންމެ ރަގަޅުވަގުތުކަމަށް ވެދާނެ އެވެ.

"އަހަރެންގެ ހަމައެކަނި ސުވާލަކީ، ކީއްވެ އީތަން، ކީއްވެ އަހަރެން..؟ ވައި ޑިޑް ޔޫ ޑޫ ދިސް ޓު މީ..؟" ސުވާލު ނިމުނިއިރު އަހަރެންގެ ދެ ލޯ ފެންކަޅިވެއްޖެ އެވެ. 

"ޑޫ ވަޓް..؟ އަހަރެން ރިދީއަކަށް އެއްގޮތެއްވެސް ނުހަދަން..!" ކަރުހިކިފައިވިޔަސް ހިނިތުންވެވޭތޯ ބަލަމުން  ބުނެލި އެވެ. ލިބުނު ޖަވާބަށްފަހު، އަހަރެންގެ މޫނާއި ދެ ލޮލުން ވައްތަރުޖެއްސުންފިޔަވައި ގެންނާނެ ހަރަކާތެއް ނޭގުނެވެ. 

"އޯ-ކޭ އޯ-ކޭ.. ފެށުނީއްސުރެން އަހަރެން ކިޔައިދީފާނަން..!" ވައިގެތެރޭގައި އޭނާގެ ވާއަތް ހޫރުވާލަމުން އަނގަޔަށް ވވައްތަރެއްޖައްސާފައި ބުންޏެވެ.

އަހަރެންގެ އިނގިލިތަކުން ލޭ ނިކުންނަ ވަރަށް ބާރަށް މުއްކަވައިލެވުނެވެ. އަހަންނަށް ދެނެގަންނާން ނޭގުނު އިހްސާސެއް މިވަގުތު އީތަންގެ ލޮލުން ފެނިއްޖެ އެވެ. ހިތް ބިރުގަތެވެ. މޭ ތެޅެންފެށި އެވެ. އިހްސާސްވީ މިރޭގެ ނިމުން އަމާން ނުވާނެކަމެވެ. 

"އަހަރެންގެ މި ވާހަކައަކީ ފަހަރެއްގައި އަހަރުމެން ދެމީހުންގެ ނިމުން، ނުވަތަ އަހަރުމެން ދެމީހުންނަށް މުޅިން އައު ފެށުމަކަށްވެދާނެ.." އަހަރެންގެ ހަތަރެސްފައި ތުރުތުރު އަޅައިގެންދިޔަ އެވެ.

ހަރުކަށިކަމާއި ނަފްރަތުގެ ބުނެލުމެކެވެ. އަނގުރު އަލިފާންފަދަ ރަތްކަމެއް އީތަންގެ ލޮލުން އެވަގުތު އަހަރެން ދުށީމެވެ. 

"އޯކޭ.. އަހަރެން މިފަށަނީ ރިދީގެ ބަރތްޑޭ އިން.. އޭރު ރިދީ ހުރީ އޮފީހުގައި.. އަންޔާ ރިދީއާއި ދިމާކުރަމުންދިޔައީ އަހަރެންނޭ ކިޔައިގެން.. މިބުނީ 'އަޅުވާކީ' ވާހަކަ އިނގޭ.. އަންޔާ 'ޓީޒް' ކުރަމުންދިޔައިރު ރިދީގެ މޫނު 'ބްލަޝް' ވެފައިވާ ގޮތާއި، ދިރީގެ މޫނުގެ ހުރިހާ 'ކުލައެއް' ވަރަށް ފުރިހަމައަށް އަހަރެން ދެނެގަތީން..! ރިދީ އަހަރެންދެކެ ލޯބިވާކަން ފުރަތަމަ ފަހަރަށް، އަހަންނަށް އެނގުނީ އެދުވަހުގެ އެ ހާދިސާއިން.. އަހަންނާއިމެދު ރިދީގެ ހިތުގައި ތަފާތު އިހްސާސްތަކެއް ހިނގަމުންދިޔަކަން އެދުވަހު ޔަގީންވި.." އީތަނންގެ އަޑު ފަނޑުވި އެވެ. 

ލިބުނު މައުލޫމާތުން އަހަރެންގެ ދެ ލޯ ބޮޑުވި އެވެ. އޭރުން ފެށިގެން މިކަން އީތަންއަށް އެނގޭ ހެއްޔެވެ؟

"ދެން، ރޮކް5 އިން، ރިދީއަށް އެ ރޭ ސަޕްރައިސް ތައްޔާރުކުރީ..! އެ ތަނަށް އަހަރެން އައުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް.. އެ ތަނަށް ދާކަށް ބޭނުމެއްވެސް ނުވި.. އެކަމަކު އެ ރޭ ރިދީ ނަލަހެދިފައިވަނިކޮށް ފެނުމުން، އަހަރެންގެ ހިއްސުތައް ކޮންޓްރޯލެއް ނުކުރެވުނު.. އެތަނަށް ނުގޮސް އަހަންނަކަށް ކެތެއްނުވި.. ބަރތްޑޭ ވިޝްކޮށްލަން ކެތްމަދުވާންފެށި..!" އަހަރެންގެ އަތުގެ އިންގިލިތަކުގެ ތެރެއަށް އީތަންގެ ދިގު އިނގިލިތައް މަހާލި އެވެ.

"އެކަމަކު ޕާޓީ ނިންމާފައި، ރިދީގެ ގެއަށްލާން އަހަރެން ދިއުމުގެ މަގުމަތީގައި އަހަރެންގެ މަންމަ ގުޅީ!! އެހިސާބުން އަހަރެންގެ ކެތްތެރިކަން ކޮންޓުރޯލުން ނައްޓައިގެން ގޮސް، އަހަރެންގެ މާޒީ ރިދީގެ ކުރިމަތީގައި ހުޅުވާލެވުނީ ކިހިނެއްކަމެއްވެސް ނޭގެ..! އެވަގުތުން ފެށިގެން، ރިދީއާމެދު ކޮންމެވެސް ގުޅުމެއް އޮތްކަމުގެ އިހްސާސްކުރެވުނު.. އެއީ ދުވަހުކުވެސް އަހަރެން ތަޖުރިބާކޮށްފައި ނުވާ ޖަޒްބާތުތަކެއް.. ޒާޔާއާއި އެކުވެސް އެފަދަ ޖަޒްބާތީ އިހްސާސެއް ދުވަހަކުވެސް ތަޖުރިބާ ނުކުރަން.." ހާމަކުރެވުނު މައުލޫމާތާއެކު އީތަން ވަގުތުކޮޅަކަށް ހީމޭންވި އެވެ. 

އެންމެ ލަފްޒެއް ބުނަންވެސް އަހަރެން ހަރަކާތެއް ނުގެންނަމެވެ. ދެންވެސް ވާހަކަދެއްކީ އީތަން އެވެ.

"އެހެންވެ އިކާންގެ ޕާޓީއަށް ދާން ރިދީއަށް އަހަރެން ދައުވަތު ދިނީ.. އެކަމަކު އިކާންއަކީ އަހަރެންގެ ރައްޓެހިންގެ ތެރެއިން އަހަރެންގެ ލޯބިވެރިޔާއާއި އެކު 'ސިއްރު ގުޅުން ހިންގި' ބޭވަފާތެރި އެކުވެރިއެއް.. ގަބޫލުކުރަން އެއީ އިކާންގެ މައްސަލައެއް ނޫންކަން.. އެކަމަކު އެ ހާދިސާއަށްފަހު، އިކާންއަށް އިތުބާރުކުރުމަކީ އަހަންނަށް ފަސޭހަކަމެއް ނޫން.. އަހަރެންގެ ލޯތްބާއި، އިކާން ކައިރިވިޔަސް އަހަރެންގެ ހިތް ބިރުގަނޭ.. ހަސަދަވެރިވެސް ވޭ! ހިތަށް އަރަނީ އަހަރެންގެ ހުރިހައި އުފަލެއް ފޭރިގަންނާންވެސް އިކާން ފަހަތަކަށް ނނުޖެހޭނެޔޭ.. އެހެން ކަން އޮއްވައި އަހަންނަށް މި ފެންނަނީ ރިދީ އިކާން އާއެއްކޮށް..! އަހަރެންގެ ލޭ ދިޔައީ ކެކިގެން.. ހިތަށްއެރީ ރިދީވެސް އަހަންނަށް ބޭވަފާތެރިވަނީޔޭ.. އެހެންވެ، ހަމަ ގަސްތުގައި އަހަރެން ރިދީއަށް ހަރޓްކުރީ..! އިއްތިފާގުން ރިދީގެ އެކްސިޑެންޑްވުމަށް މެދުވެރިވި ސަބަބަކީ އަހަރެން.." އީތަން އިސްޖަހައިލި އެވެ.

އުޑުމަތީގައިވާ ތަރިތަކަށް ބަލައިލީ މުޅި ކާއިނާތު އޭނާގެ ވާހަކައަށް ހެކިކުރުވަން ބޭނުންވާ ފަދައިންނެވެ. 

"އެ ހާދިސާގެ ސަބަބުން އަހަރެންގެ އަމިއްލަ ނަފުސުދެކެ ނަފްރަތުކުރެވެންފެށި.. ހަނދާން އެބަހުރިތަ، އެއްދުވަހަކު ރިދީ އަނބުރައިގަތީ..! އަހަރެން އެއްވެސް އެހީއެއްނުވަން.. ހަމައިނީ.. ރިދީއަށް ބަލަހައްޓައިގެން ހަމަ އިނީ..! އެއްވެސް ދިރުމެއް ނެތް ނިންޖަކުން ރިދީ އޮތީ ނިދާލާފައި.. އެތައް އިރަކު ރިދީއަށް ބަލަން އަހަރެން އިނިން.. ފުރަތަމަ ފަހަރަށް އަހަރެންގެ އިހްސާސްތައް އަހަންނަށް ދެނެގަނެވުނީ އެވަގުތުގެ ތެރޭގައި.. އެއަށްފަހު ރިދީއަށް އަޅައިލާ އޯގާތެރިވެ، ރިދީއާއެކު ވަގުތު ހޭދަކުރުމަކީ އަހަރެންގެ އުފަލަކަށް ހެދިން.. ދެދުވަސް ވަންދެން އަހަންނާއެކު ރިދީ ހެދަކުރި.. އަމިއްލަ އިހްތިޔާރެއް ނެތި އިންތިހާއަށް ލޯބިވެވެންފެށީ ޖެހިލުމެއް ނެތި..! ރިދީގެ ނިޔަނެތިކަމާއި މައުސޫމްކަމާއި ރިދީ ހީލާގޮތް އަހަރެންގެ ހިތް ދީވާނާ ކޮށްލި..! ރިދީގެ ކޮންމެ ހަރަކާތެއް އަހަރެންގެ ސިކުނޑީގައި ދިޔައީ ރެކޯޑްވަމުން..! ކޮންޓްރޯލެއް ނެތި ލޯބި ދިޔައީ ވަރުގަދަވަމުން..!" އަހަރެންގެ ހެދުމުގެ ބައެއް އަތުތެރެއަށްލައި އޮޅާލެވުނެވެ.

އީތަން މުހައްމަދު މަނިކު އަހަރެންދެކެ އެއް އިރެއްގައި ލޯބި ވި އެވެ. އެއީ ހަގީގަތެއް ބާ އެވެ؟

މީގެ ކުރީން މި ހަގީގަތްތައް އަހަންނަށް އެނގުނުނަމަ، ޔަގީނުންވެސް ކަންކަން މިނޫން ހާލަތެއްގައި ދެމެހެއްޓުނީހެވެ. އެފަދަ ދަށުދަރަޖައިގެ ގޮތެއް ފޮތެއް ނެތް އަމަލުތަކުން އަހަރެންގެ ދިރިއުޅުމަކީ އީތަންގެ ކުޅޭކުޅޭ އެއްޗަކަށް ނުހެދިނަމަ އަހަރުމެން ދެމީހުން މިހާރު ދިރިއުޅޭނީ ނުހަނު އުފަލުގަ އެވެ. 

"ރިދީ!" އަހަރެން އެންމެ އަޑުއަހަން ބޭނުންވާ ރާގުގައި އީތަން އަހަރެންގެ ނަމުން ގޮވާލި އެވެ.

އަހަރެންގެ އަތްތިލަ ނަގާފައި އޭނާގެ ބޮޑު އަތްތެރެއަށް ލައި ބޮނޑިކޮށްލި އެވެ. ހުވަފެނީގޮތަކަށް އަހަންނަށް ބަލައިލެވުނީ އަހަރުމެންގެ ގުޅުވާލެވިފައިވާ އަތަށެވެ. އީތަންއާއި ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. ދަތްދޮޅީގައި ހިފާފައި އިސް އުފުލާލިޔަސް އެހިތްވަރެއް ނުލިބުނެވެ. މިވަގުތު އަހަންނަކަށް އީތަންގެ ލޮލަކަށް ނުބެލޭނެ އެވެ. 

"ޕްލީޒް، ޕްރިންސެސް..! އަހަރެން މި ކިޔައިދޭ ވާހަކަތަކަށްފަހު އަހަންނަށް ޖަޖުނުކުރާނެކަމަށް ވައުދުވޭ.. ޕޕްލީޒް!" އީތަންގެ އާދޭހުގައި ރިހުން ނޫނީ ނުވެ އެވެ. ގަތް ބިރާއެކުވެސް އާއެކޭބުނެ ބޮލުން އިޝާރާތްކޮށްލީމެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް