ބުރާސްފަތި ދުވަހު ނެރުނު މި ބަޔާނުގައި މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވާ މީޑިއާގެ ފަރާތްތަކުގެ މަސައްކަތަށް ހުރަސް ނޭޅޭނެ ގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްއާރުސީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2025 މާރިޗު 7 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ބާއްވަމުންދާ ސިލްސިލާ މުޒާހަރާތައް އެ ކޮމިޝަނުން އަންނަނީ މޮނިޓާ ކުރަމުންނެވެ. އަދި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކޮންމެ މީހަކަށްމެ ލިބިދޭ އަސާސީ ހައްގެއްކަން އެޗްއާރުސީއެމްއިން ހަނދާންކޮށްދީފައިވެއެވެ.