
މީގެ އެންމެ ރަނގަޅު ހައްލުތަކުގެ ތެރޭގައި ހިމެނެނީ ގުދުރަތީ ގޮތުން އެތައް ފައިދާއެއް ލިބިފައިވާ އަނބު ބޭނުން ކުރުމެވެ. ރޯދަ މަސް އައިސްފައިވާއިރު، ރާއްޖޭގެ ކަންކޮޅުތަކުގައިވެސް އަނބު މިވަނީ ތިޔާގިވެފައެވެ.
އަނބަކީ ރޯދަވީއްލާއިރު އަދި ހާރުކާއިރު ބޭނުންކުރެވިދާނެ ވަރަށް ގިނަ ފައިދާތަކެއް ހުރި މޭވައެކެވެ.
ރޯދަވީއްލާއިރު އަނބު ބޭނުންކުރުމުން ރޯދައަށް ހުންނައިރު، ގެއްލޭ ހަކަތަ ހަށިގަނޑަށް އަނބުރާ ލިބިގަނެވެއެވެ. ކަދުރާއި ފެނުން ރޯދަވީއްލުމަށްފަހު، އޭގެ ދެތިން ގަޑިއިރު ފަހުން އަނބު ކެއުން ރަނގަޅެވެ.
އަނބުގައިވާ ގުދުރަތީ ހަކުރުތަކަކީ ހަށިގަނޑަށް އަވަހަށް ބޭނުންކުރެވޭ ހަކަތައަކަށްވާއިރު، މީގެ ތެރޭގައި ހިމެނޭ ވިޓަމިންތަކާއި މިނަރަލްތައް ހަށިގަނޑުގެ ކެމިކަލް ބެލެންސް ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.
އަނބު
ހާރުކާއިރުވެސް އަނބަކީ ވަރަށް އާންމުކޮށް ކެވިދާނެ މޭވާއެކެވެ. ހާރުކާއިރު އޯޓްމީލް، ޔޯގަރޓް ނުވަތަ ޕާނާއެކު އަނބު ކެއުމުން ހަކަތަ ދެމެހެއްޓޭނެ ގޮތަކަށް ހަށިގަނޑު ތައްޔާރުވެއެވެ. މިގޮތަށް ކެއުމުން ދުވާލުގެ ކުރީކޮޅު ކަރުހިއްކުން ކުޑަކޮށްދޭކަން ގިނަ ދިރާސާތަކުން ދައްކައެވެ. އަނބުގެ ފައިބަރުމުން ހަޖަމުވުމަށް ގިނަ ވަގުތުނަގާތީ އޭގެ ފައިދާ ވެސް ދުވާލުގެ ގިނަ ވަގުތުތަކަށް ލިބިގަނެވެއެވެ.
އަނބުން ތަފާތު ބާވަތްތައް ވެސް ތައްޔާރުކުރެވިދާނެއެވެ. ސީދާ ތާޒާ އަނބު ކެއުމާއެކު، އޭތި ސްމޫތީއެއްގެ ގޮތުގައި ނުވަތަ ޗާޓް މަސާލާ އަޅައިގެން ކެވިދާނެއެވެ. ނަމަވެސް، ހަނދާން ބަހައްޓަންވީ ކަމަކީ ރޯދަ މަހުގައި ކޮންމެ ކާއެއްޗެއްވެސް ވަކި މިންވަރަކަށް ކެއުމެވެ. އިސްރާފުނުކޮށް، ކުޑަ ތަށްޓެއްގައި ނުވަތަ އެވްރެޖް ސައިޒް އަނބެއްގެ މިންވަރުން ފައިދާވާނެއެވެ.
މާލޭ ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައިވާ ދިވެހި އަނބު
އަނބަކީ ރޯދަ މަހަށް އެކަށީގެންވާ ކާނާއެކެވެ. ގުދުރަތީ ހަކަތަ އިތުރުކޮށްދީ، ކަރުހިއްކުން ފިލުވައި، ހަށިގަނޑަށް ބޭނުންވާ ވިޓަމިންތަކާއި މިނަރަލްތައް ފޯރުކޮށްދޭ މި މީރު މޭވާއަކީ ރޯދަވީއްލާއިރު އަދި ހާރުކާއިރު ހަށިގަނޑަށް ގިނަ ފައިދާތަކެއް ފޯރުކޮށްދެއެވެ.