
ޝަހީމް މިހެން ވިދާޅުވީ ރޯދަ މަހާ ގުޅިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިންތިޒާމުކޮށްގެން ބޭއްވި ދެވަނަ އިހްޔާ ފޯރަމްގައެވެ.
"ކީރިތި ގުރުއާނާއި ކައުނީ ސުންނަތް" މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ މި ކައުނު ﷲ ތައާލާ ތަސްހީރުކޮށް ކިޔަމަންތެރި ކުރައްވާފައިވަނީ އިންސާނާއަށްޓަކައިކަމަށެވެ. މީގެ އިތުރުން، އިންސާނާ މި ބިންމަތީގައި ހަލީފާވެރިކުރައްވާފައިވަނީ، ﷲގެ އަމުރު މި ބިންމަތީގައި ތައުމީރުކޮށް ނުވަތަ އުމްރާނީ ގޮތުން މި ބިން ކުރިއަރުވައި ތަރައްގީކުރުމާއެކު މި ބިންމަތީގައި ﷲގެ އެއްކައުވަންތަކަން ގާއިމްކުރުމުގެ މަތިވެރި މަގްސަދުގައިކަމަށްވެސް އިސްލާމިކް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އިސްލާމިކް މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ކައުނުގައި ލައްވާފައިވާ ހަގީގަތްތަކަކީ މިއީ އިންސާނާއަށް ހިދުމަތް ކުރެއްވުމަށް ލައްވާފައިވާ ކަންތައްތަކެއްކަމަށެވެ. އެހެންނަމަވެސް، މި ނިއުމަތްތައް އެހެން ގޮތަކަށް ބަދަލުކުރުމުގެ އިހްތިޔާރު ނުވަތަ ހަލާކުގެ ތެރެއަށް ވެއްޓުމަކީ އިންސާނާގެ އަމަލާއި ގުޅިފައިވާ ކަމެއްކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ޕީއެންސީން ބާއްވާ މި ސިލްސިލާ ދަރުސްތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އިންތިޒާމްކުރާ ހަރަކާތެކެވެ. މި ފޯރަމްތައް ކޮންމެ ހުކުރު ދުވަހެއްގެ ރޭ 21:30 ގައި ބޭއްވޭއިރު، މި ހަރަކާތްތަކުގައި މިނިސްޓަރުންނާއި، ޕީއެންސީގެ އިސްވެރިންގެ އިތުރުން އާންމު ރައްޔިތުންވެސް ބައިވެރިވެއެވެ.