ads
ޝިއުނާ އަދި މަންދީ
މަންދީއާއި ޝިއުނާ ފުލުހަށް ހާޒިރުވާން އަންގައިފި
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް ގެންދާ މުޒާހަރާތަކާ ގުޅިގެން އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ މަރިޔަމް ޒުބައިރު (މަންދީ) އާއި ފާތިމަތު ޝިއުނާ ފުލުހުންނަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފިއެވެ.
Advertisement

ފުލުހުން މަންދީއަށް ފޮނުވި ޗިޓުގައިވާ ގޮތުން، އޭނާ ހާޒިރުވާންޖެހެނީ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:30 އަށް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށެވެ. އަދި ޝިއުނާ ހާޒިރުވާންޖެހެނީ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 އަށެވެ. ދެ ފަރާތްވެސް ބަޔާން ނެގުމަށް ހާޒިރުކުރަނީ ސާޖަންޓް އާދަމް ކަލީމް ކަމަށް ޗިޓުގައި ބުނެފައިވެއެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި މަންދީއާއި ޝިއުނާ ވަނީ 2025 މާރިޗް 10 ވަނަ ދުވަހުގެ ރޭ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ކިލާފަށް މާލޭގެ މަގުމަތީގައި މުޒާހަރާކޮށް، އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައެވެ. މި ތުހުމަތާ ގުޅިގެން ބަޔާން ނެގުމަށް ދެ ގަޑިއިރު ހޭދަވާނެ ކަމަށް ފުލުހުން ލަފާކުރާ ކަމަށް ޗިޓުގައި ބަޔާންކޮށްފައިވެއެވެ.

މުޒާހަރާއާ ގުޅިގެން މީގެ ކުރިން މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް)، އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލި މަނިކު އަދި އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ޝާމިން ވަނީ ފުލުހުންނަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް