
މަގުމަތިން އަންހެނެއްގެ އަތުން ފޭރިގެން މައްސަލައެއްގައި ކުރިން ހުކުމެއްވެސް އިއްވާފައިވަނިކޮށް، ސައިކަލެއް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ވިލިމާލޭ، ފިޔަބަރި، ހަސަން އިސާމް (30 އ) އެވެ.
ހަސަން އިސާމް ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ކޯޓުންވަނީ 15 ދުވަސް ޖަހާފައެވެ.
މީގެ ދުވަސްކޮޅެއް ކުރިން ހަސަން އިސާމް ހައްޔަރުކޮށްފައިވަނީ މާލޭގެ އަލިކިލެގެފާނު މަގުގައި ހިންގި ފޭރުމުގެ މައްސަލައަކާ ގުޅިގެންނެވެ. އިސާމު އެ ފަހަރު ހައްޔަރުކުރި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވިއެވެ.
ފުލުހުންގެ ރެކޯޑްތަކުން ދައްކާ ގޮތުގައި އިސާމްއަކީ، ކުރިންވެސް ސައިކަލެއްގައި މަގުމަތިން ދިޔަ އަންހެނެއްގެ އަތުން ފޭރުމުގެ މައްސަލައެއްގައި ހުކުމެއް އިއްވާފައިވާ މީހެކެވެ. އެ ފަހަރު އިސާމް އަދި އެހެން މީހަކާ ދެ މީހުން ވެގެން އަންހެނެއްގެ ވޮލެޓް ފޭރިގަތީ ކަލާފާނު ސްކޫލު ކައިރިން އަންހެން މީހާ ދަނިކޮށެވެ.