
މިނިސްޓްރީން މިކަމާ ގުޅޭގޮތުން މައުލޫމާތު ދެމުން ބުނީ "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓާ" އެއް އަރިޔަދޫގައި ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. މި ގޮތުން އަރިޔަދޫ އަކީ އެމިނިސްޓްރީގެ ރަށެއްގެ ގޮތުގައި ކަނޑައެޅިގެން ގޮސްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި މަރުކަޒު ގާއިމުކުރުމުން ރާއްޖޭގައި ހެދޭ އަދި ހައްދަން ބޭނުންވާ ފެންވަރު ރަނގަޅު ރުކުގެ ނާސަރީތަކެއް ގާއިމުކޮށް، ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވޭނެކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ހޭޅިފަށުގައި ހެދޭ ގަސްގަހާގެއްސާއި ކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަފާތު މުޑުވައްތައްވެސް އެރަށުގައި އުފެއްދުމަށް ނިންމާފައިވާކަމަށް ވެސް އެ މިނިސްޓްރީން ހާމަކުރިއެވެ.
މީގެއިތުރުން ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ މިކަމުގެ ހައްލު ހޯދުމުގެ މަސައްކަތަށް މަގުފަހިވާ ދިރާސާތައްވެސް އަރިޔަދޫގައި ފެށުމަށް ވަނީ ނިންމާފައެވެ. ހަމައެއާއެކު ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާނެ ބައޮލޮޖިކަލް ކޮންޓްރޯލް (ފައިދާހުރި ދިރޭ ސޫފާސޫފި އަދި ފަނިފަކުސާ) އާލާކުރުމުގެ މަސައްކަތްތައްވެސް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ހާމަކުރިއެވެ.
މި މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހިޔާލު ދޭން ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރުމަށް އެގްރިކަލްޗާ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު އާންމުންނަށާއި، ޖަމިއްޔާތަކުގެ އިތުރުން ކުންފުނިތަކަށްވެސް ހުޅުވާލާފައިވެއެވެ. އެގްރިކަލްޗާ މިނިސްޓްރީން ބުނީ މި ސެންޓަރު ހެދުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށްޓަކައި ފޮރިން އިންވެސްޓްމަންޓަށް ހުޅުވާލާނެކަމަށާއި، ރަށް މެނޭޖްކުރުމުގެ ހަރަދުވެސް މީގެތެރެއިން ހޯދުމަށް ހަމަޖެހިފައިވާކަމަށެވެ.
މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު ހުރި ރުއްތަކަކީ އުމުރުން ވަރަށް ދުވަސްވީ ރުއްތަކެކެވެ. މި މަޝްރޫއުގެ ސަބަބުން ރުކުގެ ބާވަތްތައް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި ކާނާގެ ޔަގީންކަން އިތުރުވެގެންދާނެކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.