
ޗައިނާގެ ގްލޯބަލް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ފަޒީލް ވިދާޅުވީ، "ދަރަނީގެ މަޅީގައި ޖެއްސުން" ކަމަށް ބުނާ ވާހަކަތަކަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމުގެ ހަގީގަތް ރަނގަޅަށް ދައްކުވައިދޭ ވާހަކަތަކެއް ނޫންކަމަށެވެ.
ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން، އަދި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަކީ އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި ތަރައްގީގެ ލަނޑުދަނޑިތައް ހިއްސާކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށް އެމްބެސެޑަރު ފާހަގަކުރެއްވިއެވެ.
ޗައިނާއިން ދިވެހިރާއްޖެއާއެކު ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ތަރައްގީކޮށްދީފައިވާ އެންމެ ފާހަގަކޮށްލެވޭ މަޝްރޫއުތަކުގެ ތެރޭގައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ހިމެނޭކަމަށް ޑރ. ފަޒީލް ފާހަގަކުރެއްވިއެވެ. މި ބްރިޖަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނުވައިދީފައިވާ ތަރައްގީގެ މަޝްރޫއެއްކަމަށް ވިދާޅުވިއެވެ. މި ބްރިޖްގެ ސަބަބުން ރާއްޖޭގެ ވެރިރަށް މާލެއާއި މައި އެއަރޕޯޓް ހުންނަ ހުޅުލެއާ ދެމެދު 5 މިނެޓުން ދަތުރުކުރެވޭކަމަށާއި، މީގެ ސަބަބުން ދިވެހި ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފުޅާ ކުރިއެރުންތަކެއް ލިބިފައިވާކަމަށް ސަފީރު ވިދާޅުވިއެވެ.
ޑރ. ފަޒީލް އިތުރަށް ވިދާޅުވީ، ޗައިނާއިން އެއީ ކުރިމަގުގައި ދިވެހިރާއްޖެއާއެކު އިތުރަށް މަސައްކަތްކުރަން ބޭނުންވާ ދާއިރާތަކަކީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތައް، ރިނިއުއަބަލް އެނާޖީ، ގޮނޑުދޮށް ހިމާޔަތްކުރުން އަދި ގްރީން ޓެކްނޮލޮޖީ ފަދަ ދާއިރާތައްކަމަށެވެ. މީގެ އިތުރުން ޓެކްނޮލޮޖީގެ ދާއިރާއިން ޗައިނާއަކީ ދުނިޔޭގައި ކުރިއަރަމުން އަންނަ ގައުމަކަށްވުމާއެކު އެ ދާއިރާއިން ވެސް ދިވެހިރާއްޖެއާއެކު އެއްބާރުލުން އިތުރުކުރަން ޝައުގުވެރިކަން ބޮޑުކަމަށް ޑރ. ފަޒީލް ފާހަގަކުރެއްވިއެވެ.
މިގޮތުން 2017 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި ބައިވެރިވެފައިވާއިރު، މި މަޝްރޫއުގެ ދަށުން ދިވެހިރާއްޖެއަށް ބޯހިޔާވަހިކަމާއި، މަގުތަކާއި، ބްރިޖްތަކާއި، ހައިވޭތައް ހެދުމުގެ ތަރައްގީގެ އެހީތައް ލިބިފައިވާކަމަށް އެމްބެސެޑަރު ފަޒީލް ނަޖީބު ފާހަގަކުރެއްވިއެވެ.