ads
ޑިމޮކްރެޓްސް
ސިޔާސީ މައިދާނުގައި އާއިލާތަކާއި ޒާތީ ކަންކަމާ ނުބެހުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި
ސިޔާސީ މައިދާނުގައި އާއިލާއާއި ޒާތީ ކަންކަމާ ނުބެހި، ސިޔާސީ ކަންކަމަށް އަމާޒުކޮށް ފާޑުކިޔުމުގެ ސަގާފަތެއް ގާއިމުކުރަން ދަ ޑިމޮކްރެޓްސް އިން ގޮވާލައިފިއެވެ.
Advertisement

މިކަން ބަޔާންކޮށް ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނީ މިހާރު ސިޔާސީ މައިދާނުގައި ފެންނަމުންދާ ސަގާފަތާމެދު އެޕާޓީން ކަންބޮޑުވާކަމަށެވެ. 

ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖެއަކީ ޑިމޮކްރެޓިކް ގާނޫނުއަސާސީއެއް ލިބިފައިވާ ގައުމަކަށްވާއިރު، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާއިރު، އާއިލާއާއި ޒާތީ ކަންކަމާ ބެހުމުގެ ސަގާފަތެއް ފެންނަމުންދާ ކަމަށެވެ. ސިޔާސީ މައިދާނުގައި ހިޔާލު ފާޅުކުރުމާއި ފާޑުކިޔުމަކީ އެންމެ އެދެވޭ ކަމެއްކަމަށް ފާހަގަކޮށް، ނަމަވެސް ސިޔާސީ ފަރާތްތަކުގެ އާއިލާގެ މެމްބަރުންނަށް، ހާއްސަކޮށް ޅަދަރިންނަށް ގޯނާކުރުމާއި ފުރައްސާރަކުރުމަކީ ތަހުޒީބު ސިޔާސީ ވެށްޓެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ދަ ޑިމޮކްރެޓްސް އިން ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ އަމަލުތައް ހިންގާނަމަ، އަނެއްކާ އެކަން ރައްދުވާ ފަރާތުން ވެސް އެގޮތަށް އަމަލުކުރުމަކީ ނިމުމެއްނެތް ފިތުނައިގެ ހުޅުގަނޑަކަށް މުޖުތަމައު ވެއްޓިގެންދާނެ ކަމެކެވެ. ބަޔާނުގައި ބުނެފައިވާ ގޮތުން، އެފަދަ އަމަލުތަކަކީ ސިޔާސީ ކަމެއް ނޫންކަމާއި، ސިޔާސީ ހައްގެއް ވެސް ނޫނެވެ.

މި މައްސަލައަށް ހައްލު ލިބޭނީ އާއިލާއާއި ޒާތީ ކަންކަން އެއްފަރާތްކޮށް، ހަމައެކަނި ސިޔާސީ ކަންކަމަށް ނުވަތަ ސިޔާސީ މީހުން ގެންގުޅޭ ސިޔާސަތުތަކަށް އަމާޒުކޮށް ފާޑުކިޔަން ދަސްވުމުން ކަމަށް ދަ ޑިމޮކްރެޓްސް އިން ވަނީ ފާހަގަކޮށްފައެވެ. އަދި މުޖުތަމައުގައި އިތުރަށް ހުޅުގަނޑު ފަޅައިގެންގޮސް ހާލަތު ގޯސްވިޔަ ނުދިނުމަށް ހުރިހާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް ގޮވާލާފައިވެއެވެ.

ދަ ޑިމޮކްރެޓްސް އިން ބުނެފައިވާ ގޮތުގައި، ރާއްޖޭގެ މާލީ އަދި އިގުތިސާދީ ކަންކަމާއި އަދި މިނޫންވެސް ކަންކަމާގުޅޭ ބޮޑެތި މައްސަލަތައް ހުރިއިރު، މިވަގުތަކީ މިފަދަ މައްސަލަތަކާމެދު އެންމެންވެސް ވާހަކަދައްކައި ހައްލު ހޯދުން އަމާޒަކަށް ހަދަން ނުހަނު ބޭނުންތެރި ވަގުތެކެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް