ads
ހަނގުރާމައާ ގުޅިގެން ތެލުގެ ވިޔަފާރި ކޮންޓްރޯލްކޮށް އަގު ވެސް ބޮޑުކޮށްފައިވާ ލަންކާގައި ޕެޓްރޯލް ވިއްކާ ތަނަކުން މީހުން ވެހިކަލަށް ޕެޓްރޯލް އަޅަނީ: އެ ގައުމުގައި މިއަދު ވަނީ އަނެއްކާ ވެސް ތެލުގެ އަގު ބޮޑުކޮށްފައި. - ފޮޓޯ: އޭއެފްޕީ
މާލީ ދަތިކަން ކުރިމަތިވެފައިވާ ލަންކާގައި ތެލުގެ އަގު ބޮޑުކޮށްފި
މާލީ ދަތިކަން ކުރިމަތިވެފައިވާ ލަންކާގައި ތެލުގެ އަގު ހަ ޕަސެންޓާ ހަމައަށް މިއަދު ބޮޑުކޮށްފި އެވެ.
Advertisement

އަލަށް ގެނައި ބަދަލުތަކަށް ބަލާއިރު، "އޮކްޓޭން 92 ޕެޓްރޯލް" ލީޓަރަކުން 24 ރުޕީސް ވަނީ ބޮޑުކޮށްފަ އެވެ. މިއާއެކު "އޮކްޓޭން 92 ޕެޓްރޯލް" ލީޓަރެއްގެ އަގު ވަނީ 434 ރުޕީސްއަށް އަރާފަ އެވެ. އަދި "އޮކްޓޭން 95 ޕެޓްރޯލް" ލީޓަރަކުން 25 ރުޕީސް ބޮޑުކޮށްފައިވާއިރު، މިހާރު ލީޓަރެއް ލިބޭނީ 495 ރުޕީސްއަށެވެ.

ޕެޓްރޯލްގެ އިތުރުން ޑީސަލްގެ އަގުތަކަށްވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން އޮޓޯ ޑީސަލް ލީޓަރަކުން 15 ރުޕީސް ބޮޑުކޮށްފައިވާއިރު، އޮޓޯ ޑީސަލް ލީޓަރެއްގެ އާ އަގަކީ 407 ރުޕީސްއެވެ. އަދި ސުޕާ ޑީސަލް ލީޓަރަކުން 20 ރުޕީސް ބޮޑުކޮށް، ލީޓަރެއްގެ އަގު ވަނީ 478 ރުޕީސްއަށް އުފުލިފައެވެ. މީގެ އިތުރުން ކަރާސީނު ތެޔޮ ލީޓަރަކުން 20 ރުޕީސް ބޮޑުކޮށްފައިވާއިރު، ކަރާސީނު ލީޓަރެއް މިހާރު ލިބޭނީ 285 ރުޕީސްއަށެވެ.

ލަންކާއިން މިފަހުން ވެސް ވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަމާ ގުޅިގެން، ކައްކާ ގޭހާއި ކަރަންޓުގެ އަގު ވެސް މައްޗަށް ގޮސްފަ އެވެ.

ލަންކާއިން މިއަދު ތެލުގެ އަގު ބޮޑު މިކުރީ ސްރީ ލަންކާގެ އިގްތިސާދު ހަމައަކަށް އެޅުވުމުގެ ގޮތުން، ހަކަތައަށް ހިނގާ ހަރަދުތައް އަނބުރާ ހޯދުމަށާއި، ސަބްސިޑީތައް ކަނޑާލުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށް ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

ސްްރީ ލަންކާއަކީ ބޭނުންވާ ހުރިހާ ތެލެއް އިމްޕޯޓްކުރާ ގައުމެކެވެ. އަދި ކަރަންޓު އުފެއްދުމަށް ބޭނުންވާ ކޯލް ވެސް އެ ގައުމުން ގަންނަނީ ބޭރުންނެވެ. ސްްރީ ލަންކާއަށް ބޭނުންވާ ތެޔޮ ގަންނަނީ އިންޑިއާ، ސިންގަޕޫރު، މެލޭޝިއާ އަދި ދެކުނު ކޮރެއާއިންނެވެ. ނަމަވެސް އެ ގައުމުގައި ހުންނަ، އީރާނުގެ އެހީގައި ބިނާކޮށްފައިވާ ރިފައިނަރީއަށް ބޭނުންވާ ސާފުނުކުރާ ތެޔޮ ގެންނަނީ މެދުއިރުމަތިންނެވެ.

މީގެ އިތުރުން މިދިޔަ އަހަރު ލަންކާއަށް އެރި ތޫފާނެއްގައި މަދުވެގެން 643 މީހުން މަރުވެ، 22 މިލިއަންގެ އާބާދީގެ 10 ޕަސެންޓަށް ވުރެ ގިނަ މީހުންނަށް އޭގެ ނޭދެވޭ އަސަރު ކޮށްފައި ވާއިރު ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި އެ ތޫފާނުގެ ސަބަބުން އިމާރާތްތަކަށާއި ދަނޑުވެރިކަމަށް ސީދާ ގޮތުން 4.1 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެ އެވެ.

މި ހާލަތުގައި ގައުމު އޮއްވާ، މެދުއިރުމަތީގެ ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ، 2022 ވަނަ އަހަރު ދިމާވި އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ކުރާ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފަ އެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލެމުން އަންނައިރު، އަގު ތިރިކުރުމަށް، އިންޓަނޭޝަނަލް އެނާޖީ އޭޖެންސީ (އައިއީއޭ)އިން ވަނީ ރެކޯޑް އަދަދެއް ކަމަށްވާ، 400 މިލިއަން ފީފާގެ ތެޔޮ ބާޒާރަަށް ނެރޭނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް، އޭގެ ފަހުން ވެސް ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށް ވުރެ މައްޗަށް އުފުލިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;