
މި ގަރާރު މަޖިލިހަށް ހުށައެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ.
ޝަމްހީދު ހުށައެޅުއްވި ގަރާރުގައިވަނީ ދައަލަތުގެ މަރުކަޒީ ބޭންކުން އެމްއެމްއޭއިން ފައިސާ ނެގުމުގެ ބޭނުމުގައި އެޗްޑީސީގެ މިލްކިއްޔާތުގައިވާ ބިމެއް ދައުލަތުގެ މަރުކަޒީ ބޭންކަަށް ގަތުމުގެ މުއާމަލާތެއް ހިންގުމަށްފަހު އެ ފައިސާ އެޗްޑިސީ މެރުވެރިކޮށް ސަރުކާރަށް ދިނުމަށްޓަކައި ހުޅުމާލެއިން ބިން ގަތުމަށް ދައުލަތުގެ މަރުކަޒީ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާކަމުގެ މައުލޫތު ލިބެމުންދާކަމަށެެވެ.
ދައުލަތުގެ މަރުކަޒީ ބޭންކުންގެ އޮފީސް ހިންގުމަށް ކޮންމެހެން ބޭނުންވާ މިންވަރަށްވުރެ އިތުރަށް އިމާރާތްތަކާއި ބިންތައް ހޯދަންޖެހޭ އެއްވެސް މަގުބޫކު ސަބަބެއް ނޯންނާނެކަން ކަަށަވަރުވާ ސަބަބަށްޓަކައި މިކަމުގައި ފޮރުވިފައިވާ ކޮންމެވެސް ކަންތައްތަކެއް އޮތްކަމަށް ބެލުމުގެ ފުރުސަތު ނުހަނު ބޮޑަށް އޮތްކަމަށްވެސް އެ ގަރާރުގައިވެއެވެ.
އެ ފަދަ މުއާމަލާތެއް ހންގައިގެން ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރުން ފައިސާ ނެގުމަކީ، ދައުލަތުގެ ޕިސްކަލް ޒިންމާގެ ގާނޫނުގައި ކަނޑައަޅައިފއވާ ހަމަތަކާއި އުސޫލުތައް އެއްފަރާތްކޮށް، އެ ހަމަތަކާއި އުސޫލުތަކާއި ކަނޑައެޅިގެން ހިލާފަށް، ދައުލަތުގެ މަރުކަރީ ބޭންކުން ސަރުކާރަށް ފައިސާ ނެގުންކަމަށްވެސް ޝަމްހީދު ހުށައެޅުއްވި ގަރާރުގައިވެއެވެ.
އަދި މިކަމަކީ، ދައުލަތުގެގެ މަރުކަރީ ބޭންކުގެ މިނިވަންކަން ގެއްލި، އެކަމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ މުޅި މާލީ ނިޒމުގެ އިތުބާރު ގެއްލިގެން ހިނގައިދާނެފަދަ ކަމެއްވާނެކަމަށްވެސް އެ ގަރާރުގައިވެއެވެ.
އެމްއެމްއޭއިން ބިމެއް ގަންނަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި، ދައުލަތަށް ފައިސާ ހޯދާނެ ކަަމަށް މިނިސްޓަރ އޮފް ފިނޭސް ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް އެކަންކަމުގެ ބޭރުން، ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ހޯދުމަކާއި ނުލައި ނުވަތަ ރައްޔިތުންގެ މަޖިލީހަށް އެންގުމަކައި ނުލައި ކުރާ ކަމެއްކަމަށްވެސް އެ ގަރާރުގައިވެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހުޅުމާލެއިން ބިމެއް ވިއްކައި ދިވެހި ސަރުކާރަށް 15 ބިލިއަން ރުފިޔާ އެމްއެމްއޭއިން ދެއްކުމުގެ މަސައްކަތް ކުރަން ވަނީ ފަށާފައެވެ. ދި މިކަމުގެ މަޝްވަރާތައް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ކުރަމުން އަންނަކަންވެސް ވަނީ އެނގިފައެވެ.