
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް ކަނޑު އުޅަނދުފަހަރު ފަޅުތެރޭގައާއި ކަނޑުގެ ސަރަހައްދުގައި ނަގިލި ލުމަށްފަހު އުޅަނދު ބެލެހެއްޓުމަށްޓަކައި އެއްވެސް ފަޅުވެރިއެއް އުޅަނދުގައި ނެތި އުޅަނދު ދޫކޮށްލާފައި ދިއުމުގެ ސަބަބުން ތަފާތު ނުރައްކާތެރި ހާދިސާތައް ދިމާވަމުން އަންނަކަމަށެވެ. އަދި މިކަމުގެ ސަބަބުން މީހުންގެ މުދަލަށް ގެއްލުން ވަމުންދާކަން ފާހަގަކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ނަގިލިލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތު ތަކުގައި އެ އުޅަނދެއް ބެލެއްހެއްޓުމަށްޓަކައި އެކަށީގެންވާ އަދަދަށް ފަޅުވެރިން ތިބުމަކީ ސަލާމަތާ ރައްކާތެރިކަމުގެ ގޮތުން ކޮންމެހެން ލާޒިމްކަމެއްކަމަށް މިނިސްޓްރީން ނެރުނު އިއުލާންގައިވެއެވެ. އަދި މިގޮތަށް ނަގި ލާފައި އުޅަނދު ބެލެހެއްޓުމަށްޓަކައި ބޭނުންވާ އަދަދަށް އެ އުޅަނދުގައި ފަޅުވެރިން ނެތްނަމަ އެ އުޅަނދުގެ ވެރިފަރާތަކާމެދު "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު" ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަުގެ އިންޒާރު މިނިސްޓްރީން ވަނީ ދީފައެވެ.