ads
ޓޫރިސްޓުން: ފޮޓޯ ޓްރެވެލް ޓްރޭޑް މޯލްޑިވްސް
ރާއްޖެއަށް ޓޫރިސްޓުން އައުން 6.9 ޕަސަންޓު އިތުރުވެއްޖެ
ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނަކަން ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.
Advertisement

މިގޮތުން މިމަހުގެ ފުރަތަމަ 16 ދުވަހުގެ ތެރޭގައި ރާއްޖެއަށް 102,927 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6.9 ޕަސަންޓު އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 96,239 ޓޫރިސްޓުންނެވެ. އަދި މިއަހަރުގެ މިހާތަނަށް ޖުމްލަ 531,881 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.1 ޕަސަންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 506,016 ޓޫރިސްޓުންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 65,896 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ރަޝިއާއިން 54,334 ޓޫރިސްޓުންނާއި، އިންގިރޭސިވިލާތުން 54,165 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މީގެ އިތުރުން އިޓަލީވިލާތުން 50,477 ޓޫރިސްޓުންނާއި ޖަރުމަންވިލާތުން 36,523 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ޓޫރިޒަމް ފެސިލިޓީތަކުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޓޫރިސްޓުންގެ ތެރެއިން 366,995 ޓޫރިސްޓުން ރިސޯޓުތަކުގައި މަޑުކޮށްފައިވާއިރު، 136,131 ޓޫރިސްޓުން ގެސްޓްހައުސްތަކުގައި މަޑުކޮށްފައިވެއެވެ. މީގެ އިތުރުން 15,261 ޓޫރިސްޓުން ހޮޓެލްތަކުގައި މަޑުކޮށްފައިވާއިރު، 13,184 ޓޫރިސްޓުން ސަފާރީތަކުގައި މަޑުކޮށްފައިވެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް 2 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވެއެވެ. މި އަމާޒު ހާސިލްކުރުމަށް ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް