ads
ހައްޖުވެރިން:-
ރައީސް މުއިއްޒު ވައުދާ އެއްގޮތަށް، ހައްޖު ކިޔޫ ކުޑަކުރުމަށް އާ އުސޫލެއް
ހައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދޭގޮތަށް ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް ބަދަލުގެނެސްފިއެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ލުއި އަގެއްގައި ހައްޖުގެ އަޅުކަން އަދާކުރެވޭނެ ގޮތް ހަމަޖެއްސުމަށާއި ހައްޖު ކިޔޫ ކުޑަކުރުމަށް ކުރަމުންދާ މަސައްކަތެއްކަމަށް ސަރުކާރުން ބުނެއެވެ. 

މި އުސޫލުގެ ދަށުން، ހައްޖުގެ ހިދުމަތް ފޯރުކޮށްދޭނީ އިސްލާމިކް މިނިސްޓްރީގެ ލަފަޔާއި އިރުޝާދުގެ ދަށުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުންނެވެ. ހައްޖަށް ދާން އެދޭ ފަރާތްތަކުން ފައިސާ ދެއްކުމުގެ ކުރިން ކުންފުންޏާއި ހައްޖުވެރިޔާއާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއްގައި ސޮއިކުރަންޖެހޭނެއެވެ. މި އިސްލާހު ގެނެވިފައިވަނީ ޖެނުވަރީ 5 ގައި ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާ އެއްގޮތަށެވެ.

އާ އުސޫލުގެ ދަށުން، އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ އަހަރަކު ހާއްސަ ކޯޓާއެއް ހައްޖު ކޯޕަރޭޝަނުން ކަނޑައަޅަންޖެހޭނެއެވެ. 75 އަހަރުން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި އެހީތެރިއަކު ހަމަޖެއްސުމުގެ ފުރުސަތުވެސް ދެވޭނެއެވެ.

މިހާރު ހައްޖު ކޯޕަރޭޝަނުގެ ކިޔޫގައި 9115 މީހުން ތިބިއިރު، އޭގެތެރޭގައި 65 އަހަރުން ދަށުގެ 7543 މީހުންނާއި 65 އަހަރާއި 75 އަހަރާ ދެމެދުގެ 1461 މީހުންނާއި 75 އަހަރުން މަތީގެ 111 މީހުން ހިމެނެއެވެ. ކިޔޫގައި ތިބި މީހުންގެ ތެރެއިން 8623 މީހުންނަކީ އަލަށް ހައްޖަށް ދިޔުމަށް އެދިފައިވާ މީހުންނެވެ.

ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތްތަކަށް އަލުން ހައްޖަށް ދިޔުމުގެ ފުރުސަތު ދެވޭނީ އެންމެ ފަހުން ހައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 5 އަހަރު ވުމުންނެވެ. މި އިސްލާހުތަކާ އެއްގޮތަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުން ފެށިގެންނެވެ. ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާ އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް