
މި އެހީގެ ފައިސާއިން މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ 100 ދަރިވަރަކަށް ސްކޫލަށް ތައްޔާރުވުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭން ވަނީ ހަމަޖެހިފައެވެ.
ބީއެމްއެލް އިން މައުލޫމާތު ދިން ގޮތުގައި މި އެހީއަކީ އިޖުތިމާއީ ޒިންމާގެ ދަށުން ދެމުންގެންދާ އެހީތަކުގެ ތެރެއިން އަނެއް އެހީއެކެވެ. ސްކޫލް ކިޔެވުމަށް ތައްޔާރުވުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކުގެ ދަރިވަރުންނަށް މި އެހީ ދެވިގެންދާނެއެވެ.
ބީއެމްއެލް އިސްލާމިކްގެ ހިދުމަތަށް 10 އަހަރު ފުރުމާ ގުޅިގެން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދޭ ހަރަކާތްތައް ވަނީ ހިންގަން ފަށާފައެވެ. މިގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި ބޭންކުގެ މުވައްޒަފުން ވަނީ ރޯދަ މަހު މަމްސް އެއިޑުން ހިންގި އާއިލާތަކަށް އެހީވުމުގެ ކެމްޕޭނަށް އަމިއްލަ ގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ ރޯދަ މަސް ނިމުމަށްފަހު އޭޕްރީލު މަހުގެ 7 ވަނަ ދުވަހުއެވެ. މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް އިސްކަން ދޭކަމަށް ބޭންކުން ބުނެއެވެ.
މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ދަރިވަރުންނަށް ސްކޫލު ތަކެތި ގަތުމަށް ދާ ހަރަދުތައް ބޮޑުވުމާއެކު، ބީއެމްއެލް އިސްލާމިކްގެ މިފަދަ އެހީތެރިކަމުން އެ އާއިލާތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ބީއެމްއެލް އިސްލާމިކްއިން މިކަހަލަ އެކި ކަންކަމަށް އެހީތެރިވެދޭ ވަރަށް ގިނަ ހަރަކާތްތައް ކުރިއަށް ގެންދެއެވެ.