
މި ބިލަކީ، މަޖިލީހުން މިއަދު ފާސްކުރެއްވި ބިލެކެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫގައި ބަޔާންކުރާ ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުމާގުޅޭ އުސޫލާއި، ޓޫރިސްޓް ރިޒޯޓު ހެދުމަށް ދޫކުރާ ރަށް ނުވަތަ ބިން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމާގުޅޭ އުސޫލު އިސްލާހުކުރުމަށް ޓަކައި، އަދި ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކޮށް ހިންގަމުންދާ ތަންތަން ރީ-ޑިވެލޮޕްކުރުމަށްޓަކައި ބަންދުކުރުމާބެހޭ އުސޫލުތަކާއި، ޓޫރިޒަމް ޓްރަސްޓް ފަންޑެއް ގާއިމުކޮށް ހިންގުމާބެހޭ އުސޫލުތައް ޤާނޫނުގައި ހިމެނުމަށްޓަކައި، ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.
މި އިސްލާހުގައި، މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގައި، އެ ރަށެއް ނުވަތަ ސިޓީއެއްގެ ބިނާވެށީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ބިން ކަނޑައަޅާނީ، އެ ރަށެއް ނުވަތަ، ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުގެ އިހްތިސޯސްގައި ހިމެނޭ ފަޅުރަށްރަށާއި ފަޅުތައް، ޓޫރިޒަމްގެ ބޭނުމަށް ތަރައްގކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާކަމަށް ވަނީ ބަޔާންކޮށްފައެވެ.
މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުގެ އިހްތިސޯސްގައި ހިމެނޭ ފަޅުރަށްރަށާއި ފަޅުތަކުގައި ޓޫރިޒަމްގެ ބޭނުމަށް ކަނޑައަޅާ ސަރަޙައްދުތަކުގައި ތަރައްޤީކުރެވޭނީ ޓޫރިސްޓް ގެސްޓްހައުސް ނުވަތަ ޓޫރިސްޓް ހޮޓާތަކެވެ. އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓު ރިޒޯޓު ތަރައްގީކުރުމަށް، ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން ނުވަތަ ސަރުކާރުން ކަނޑައަޅާ އެނޫންވެސް މުހިންމު ސިޔާސަތެއްގެ ދަށުން، ރަށް ނުވަތަ ބިން ނުވަތަ ފަޅު، ދޫކުރެވިދާނެކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މި އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތަށް ފީ އެއް ނެގުމަށްފަހު އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ކުއްޔަށްދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދޭންވާނެކަމަށް، މި އިސްލާހުގެ ދަށުން ކަނޑައަޅާފައިވެއެވެ. މުއްދަތު އިތުރުކުރެވޭނީ ގިނަ ވެގެން 49 އަހަރުދުވަހުގެ މުއްދަތަށެވެ.
ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކޮށް ހިންގަމުންދާ ތަންތަން ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރުމުގައި އަދި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ރީ-ޑިވެލޮޕްމަންޓުގެ މަސައްކަތް ނިންމައި، ތަން ހުޅުވައި، ހިދުމަތް ދޭން ފައްޓައިފައި ނުވާނަމަ އަމަލުކުރާނީ، މި ގާނޫނުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީންކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގައި، އެތަނެއްގެ އެކި ދާއިރާތަކުގެ ސޭފްޓީ އަދި އޮޕަރޭޓިންގް ސްޓޭންޑަރޑްސް ކަނޑައަޅާ ކޮމްޕަލަޔަންސް ކޯޑެއް އެކުލަވައިލަންވާނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ. އަދި ޓޫރިސްޓް ހިދުމަތްދޭ ތަންތަން އިޝްތިހާރުކުރުމުގައްޔާއި އެ ތަންތަނާބެހޭ މަޢުލޫމާތު އާންމުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާއިދެއް ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދަންވާނެކަމަށްވެސް އިސްލާހުގައިވެއެވެ.
މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު، "ޓޫރިޒަމް ޓްރަސްޓް ފަންޑު" ގެ ނަމުގައި، ފަންޑެއް އުފެދުނީކަމަށާއި، އަދި ކުރިން ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން ގާއިމުކޮށް ހިންގަމުން އައި "ފަތުރުވެރިކަމުގެ ޞިނާޢަތުގެ ޓްރަސްޓް ފަންޑު" އުވި، އެ ފަންޑުގައިވާ ފައިސާ ޓޫރިޒަމް ޓްރަސްޓް ފަންޑަށް ބަދަލުވީކަމަށްވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރެއްވުމާއެކު، މި އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.