
ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެފައިވަނީ، ފަނޑިޔާރަކު ނޫސްބަޔާނެއް ނެރުމަކީ އެއްވެސް ހާލެއްގައި ސުލޫކީ މައްސަލައެއް ނޫންކަމަށެވެ. އޭނާގެ ވިދާޅުވުމުގައި ސުލޫކީ މައްސަލައެއް ކަމުގައި ބެލެވޭނީ ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ނުވަތަ ސިޔާސީ ހިލާފުތަކާ ގުޅިގެން ނެރޭ ބަޔާންތައް ކަމަށެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން މިހާރު އަންނީ ދަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންކަމަށްވާ، އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ބަލަމުންނެވެ. ސުލޫކީ މައްސަލައެއް ބަލަން ފެށުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ.
ޑރ. އަޒްމިރަލްދާ ޒާހިރުގެ ފަރާތުން ނޫސްބަޔާން ނެރޭތީ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމާފައެވެ .
މި މައްސަލަ ބަލަން ނިންމީ ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައެވެ.
ޖޭއެސްސީގެ ބައްދަލުވުމުގައި މި މައްސަލަ ބަލަން ނިންމި ނަމަވެސް، އެކަމާ ދެކޮޅަށް ކޮމިޝަނުގެ ބައެއް މެންބަރުން ވާހަކަދައްކާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި ކޯޓުތަކުން ޖޭއެސްސީއަށް ކަނޑައަޅާފައިވާ މެންބަރުން ހިމެނެއެވެ. ނަމަވެސް މި މައްސަލަ ބަލަން ނިންމީ ގިނަ މެންބަރުންގެ ވޯޓާ އެކު ފަނޑިޔާރުންގެ ގާނޫނުގައި ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަކާ ހިލާފުވެފައިވާ ކަމަށް ބުނެއެވެ.
ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވާ ގޮތުން، ފަނޑިޔާރަކު ބަލަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ނުވަތަ އޭނާ މަސައްކަތް ކުރަމުންދާ ކޯޓަކާ ގުޅޭ ގޮތުން، ސިޔާސީ ފަރާތްތަކުން ނުވަތަ މީޑިއާގެ ފަރާތަކުން ދައްކަމުންދާ ވާހަކައަކަށް ރައްދުދިނުމަށް، މީޑިއާގައި ނުވަތަ މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ފަނޑިޔާރަކު ސީދާ ރައްދު ދީގެން ނުވާނެއެވެ.
މީޑިއާގައި އުފެދޭ މައްސަލަތަކަށް ކޯޓުގެ ކަމާބެހޭ މުވައްޒަފަކު މެދުވެރިކޮށް ޖަވާބުދާރީވެވިދާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.