
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ރަޝީދުއާ ގުޅޭ ގޮތުން ހުށަހެޅުނު މި މައްސަލައިގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް ފަނޑިޔާރު އަލީ ރަޝީދު ގަސްދުގައި ނުގޮސް ކޯޓުން ބޭރުގައި ޓެކްސީ ކުރުމަށް އުޅުނު ކަމަށެވެ. އަދި އަޑުއެހުމަށް ހާޒިރުވުން ލަސްވާނެކަން ކުރިއާލައި އަންގާފައި ނުވާ ކަމަށްވެސް މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މީގެ އިތުރުން، އެ ދުވަހުގެ އަޑުއެހުމަށް ފަނޑިޔާރު އަލީ ރަޝީދު ހާޒިރުވީ ސުޕްރީމް ކޯޓުގެ އެހެން ތިން ފަނޑިޔާރުން - ހުސްނުއްސުއޫދު، މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު - ސަސްޕެންޑްކުރި ކަމުގެ ސިޓީ ކޯޓަށް ލިބުމުން ކަމަށް ބުނެފައިވެ އެވެ. މި ސަބަބުތަކަށްޓަކައި އަލީ ރަޝީދު އަމަލުކޮށްފައިވަނީ ފަނޑިޔާރުންގެ ސުލޫކާ ހިލާފަށް ކަމަށް ބުނެ މައްސަލަ ބަލައިދިނުމަށް ޖޭއެސްސީގައި އެދިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި މައްސަލައާއި ގުޅޭ ގޮތުން ޖޭއެސްސީގައި މަޝްވަރާކޮށް، މި މައްސަލަ ކުރިއަށް ނުގެންދަން ނިންމީ ބުދަ ދުވަހު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
އަލީ ރަޝީދުގެ މައްސަލަ ކުރިއަށް ނުގެންދަން ޖޭއެސްސީން ނިންމިއިރު، މިހާރުވެސް ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒުގެ މައްސަލަތަކެއް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. އެއީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ އިތުރުން ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއާ ދިމާލަށް އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި މަޖިލީހެއްގައި މަހާޒު އާއި އަޒްމިރަލްދާ ތިބި މައްސަލައެކެވެ.
މީގެ އިތުރުން، ޑރ. އަޒްމިރާލްދާ ޒާހިރުގެ ދިފާއުގައި އޭނާގެ ވަކީލުން ޕްރެސް ސްޓޭޓްމެންޓް ނެރޭ މައްސަލަވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.