
އިމިގްރޭޝަން ކޮންޓްރޯލަރު ރޭ ކުއްލި ގޮތަކަށް މަގާމުން ވަކިކުރިނަމަވެސް އޭނާ މަގާމުން ވަކިކުރީ ކީއްވެކަމެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
އެހެންނަމަވެސް އޭނާ މަގާމުން ވަކިކުރި ހަބަރު އާއްމުވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި، މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ މައްސަލައެއް ބަލަމުންދާކަން ހާމަކުރިއެވެ.
އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ބިދޭސީ މަސައްކަތްތެރިން އަތުން ފައިސާ ނަގަމުންދާ ކަމަށް ބުނެ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައާ، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ރޭ ވަކިކުރި ޝަމްއާންގެ ކޮންމެ ވެސް ބައިވެރިވުމެއް އޮތް ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
އެހެންނަމަވެސް އެކަމާ ގުޅޭ ގޮތުން ޝައްމާންވެސް އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.
އެ މައްސަލާގައި އިމިގްރޭޝަންގެ ދެ އޮފިސަރުންނާއި އާންމުންގެ މީހަކު ރޭ ހައްޔަރުކޮށް ގެއެއް ބަލައިފާސްކޮށްފައިވެ އެވެ. އެ މީހުންގެ އަދި މައްސަލާގެ އެއްވެސް ތަފުސީލެއް ފުލުހުން އާންމުކޮށްފައެއް ނުވެ އެވެ.