
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ / ނަސީމީގެ، އުމުރުން 46 އަހަރުގެ މުހައްމަދު ޝާނީޒް އާއި މ. ސައިރިއަސް، އުމުރުން 39 އަހަރުގެ މުހައްމަދު ސިބާގު އާއި ވ. ރަކީދޫ / ޖަންބުގެ، އުމުރުން 35 އަހަރުގެ ފަރީދާ އަބްދުއްރަހްމާން އެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް މާފަންނު ގެ އެއްގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާކަމަށެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަން 1.5 ކިލޯއަށް ވުރެ ގިނައިން ހުރިކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު ސިބާގް އާއި ފަރީދާ އަބްދުއްރަހްމާން 15 ދުވަސް ޖަހާދީފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މުހައްމަދު ޝާނީޒްގެ ބަންދަށް ފަސް ދުވަސް ޖަހާދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.