
މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީފާއިން ވަކިކޮށްފައިވަނީ އެމްޕީއެލްގެ ސީނިއަރ ފައިނޭންސް އެސޯސިއޭޓްގެ މަގާމު އަދާކުރަމުން ދިޔަ އަންހެން މުވައްޒަފެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވުނީ، ނޯތް ހާބަރުގެ ޖެޓީ އެކްސެސް ޕޮއިންޓަކުން ޕެޓީ ކޭޝްގެ 90 ރުފިޔާއަށް ހިޔާނަތްތެރިވީ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މުވައްޒަފުން ހިޔާނާތްތެރިވީ ކަމަށް ބެލެވޭ 90 ރުފިޔާއަކީ، ކެރޭން ލޮރީއެއް ނޯތު ހާބަރަށް ވަންނަން ވެގެން ދެއްކި 90 ރުފިޔާއެވެ. އެ ކެރޭން ލޮރީ، ހާދިސާ ހިނގި ދުވަހު ދެ ފަހަރެއްގެ މަތިން ނޯތު ހާބަރަށް ވަތް އިރު، ދެ ފަހަރު ލާރި ނެގިނަމަވެސް ދޫކޮށްފައިވަނީ އެންމެ ސްލިޕެއްކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެއީ ހެދުނު މިސްޓޭކެއް ކަމަށް އެމްޕީއެލްގެ އިންޓަރނަލް ތަހުގީގުގައި އެ މުވައްޒަފު ބަޔާން ދިންނަމަވެސް، އެމްޕީއެލްއަށް ފެނުނީ އެ މުވައްޒަފު އިތުރަށް ވަޒީފާގައި ނުބަހައްޓާށެވެ.
މި މައްސަލައާއި ގުޅިގެން އެ އަންހެން މުވައްޒަފު ސަސްޕެންޑްކޮށްފައި ބެހެއްޓުމަށް ފަހު ފަހުން ވަޒީފާއިން ވަކިކުރީއެވެ. އަންހެން މުވައްޒަފުގެ ފަރާތުން ފަހުން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިނަމަވެސް އެ ތަނުން މައްސަލަ ނިންމީ އެމްޕީއެލްއާ އެއްކޮޅަށެވެ.