
ބޭނުންވާ ތަކެތި:
5 ބަށި (ކުދިކޮށް ކޮށާފަ)
2 ޖޯޑް ތެޔޮ
1 ޖޯޑް ވަޅޯ މަސް
1 ފިޔާ (ބޮޑު/ ތުނިކޮށް ކޮށާފަ)
1 ކޯޅި ހިކަނދިފަތް
1 ޖޯޑްކާށި ކިރު (ބޯކިރު)
1 ގިތެޔޮމިރުސް
3 ލޮނުމެދު (ހިމުންކޮށް ބުލެންޑް ކޮށްފަ)
6 އިންޗި ރާނބާ ފަތް (ބުރި ކޮށްފަ)
2 މޭޒުމަތީ ސަމުސާ ޗިލީ އެންޑް ގާލިކް ސޯސް
5 މޭޒުމަތީ ސަމުސާ މުސައްމާ ހަވާދު
2 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު
2 މޭޒުމަތީ ސަމުސާ މުގުރި މިރުސް
1 ސައިސަމުސާ ދިރި
ރަހަލާވަރަށް ލޮނު
ތައްޔާރުކުރާނެގޮތް:
ފުރަތަމަ ތެއްޔައް އުދާފަ އެއަށް ތެޔޮކޮޅު އަޅާ ހޫނުވީމަ ކުދިކޮށް ކޮށާފަ ހުރި ބަށިކޮޅު އަޅާލާފަ ކުޑަކޮށް ތެލުލާށެވެ. ދެން ތެލުލި ބަށިކޮޅު ވަކިން ތައްޓަކަށް ނަގާފަ ބަހައްޓާލާށެވެ.
އަނެއްކާވެސް އެހެން ތެއްޔެއް ނަގާ ފިޔާކޮޅާ، ހިކަނދިފަތް، ރާނބާފަތް އަދި ލޮނުމެދުކޮޅާ ގިތެޔޮ މިރުސް ކޮޅު އަޅާ ކުޑަ ތެޔޮކޮޅެއް އަޅާ އުނދުން މައްޗަށް އުދާލާށެވެ. އަދި މަޑު ގިނީގަ ބަހައްޓައިގެން 4 މިނެޓް ވަރު ނޫނީ ފިޔާ ކޮޅު ރަން މުށިކުލަ އަރަންދެން ދޭފަތުން ހަލުވާލާށެވެ.
އެއަށްފަހު ފިޔާ ކޮޅު ތެރެއަށް ސޯސްކޮޅު އަޅާ، މުސައްމާ ހަވާދާ، ކުކުޅު ހަވާދު، މުގުރި މިރުސް ކޮޅާ ދިރި ކޮޅު އަޅާ ކުޑަލޮނު ކޮޅެއްލައިގެން ހުރިހާ އެއްޗެއް ރަނގަޅަށް ދޭފަތުން ހަލުވަމުން ގެންދާށެވެ.
އަދި އޭގެތެރެއަށް ވަޅޯމަސް ކޮޅާ ކާށިކިރު ކޮޅު އަޅާ އަނެއްކާވެސް ދެ މިނެޓް ކައްކާލާށެވެ.
ދެން ހުރިހާ އެއްޗެއް އެކުވެ ކެކެން ފެށުމުން އޭގެތެރެއަށް ބަށިކޮޅު އަޅާ މަޑުގިނީގައި އަނެއްކާވެސް 10 ވަރަކަށް މިނެޓް ކައްކާލާށެވެ.