
ދޮންކެޔޮ ކެއުމުން މޫޑު ރަނގަޅުވުމާއި ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލްކުރުމަށް އެހީތެރިވެއެވެ. މީގެ އިތުރުން ދޮންކެޔޮއަކީ ހަކަތަ އިތުރުކޮށްދޭ، ހިތުގެ ސިއްހަތަށް ރަނގަޅު، އަދި ހަޖަމުކުރުން ފަސޭހަކޮށްދޭ މޭވާއެއްވެސް މެއެވެ.
ދޮންކެޔޮގައި ޓްރިޕްޓޮފާން ކިޔާ އެމިނޯ އެސިޑެއް ހިމެނޭކަމަށާއި، މިއީ ހަށިގަނޑުގައި ސެރޮޓޮނިން އުފެއްދުމަށް ބޭނުންވާ މާއްދާއެއްކަމަށް ދިރާސާތަކުން ދައްކައެވެ. ސެރޮޓޮނިންއަކީ މޫޑު ރަނގަޅުކޮށް، ކަންބޮޑުވުމާއި ހިތްދަތިކަން ކުޑަކުރުމަށް އެހީތެރިވާ ނިއުރޯޓްރާންސްމިޓަރެކެވެ. މީގެ އިތުރުން ދޮންކޭލުގައި ވިޓަމިން ބީ6 ހިމެނުމުން ސެރޮޓޮނިން އުފެއްދުމަށް އިތުރަށް އެހީތެރިވެއެވެ. މިގޮތުން ކޮންމެ ދުވަހަކު ދޮންކެޔޮ ކެއުމަކީ މާނަސިކް ދުޅަހެޔޮކަން އިތުރުކުރުމަށް އެޅޭ ފިޔަވަޅެކެވެ.
ގޭގަ މީހަކު ކަސްރަތު ކުރަނީ
ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލްކުރުމަށް މަސައްކަތްކުރާ މީހުންނަށް ދޮންކޭލަކީ ރަނގަޅު ޗޮއިސްއެކެވެ. މެދު ސައިޒުގެ ދޮންކެޔޮއެއްގައި 90-120 ކެލޮރީ ހުންނައިރު، މީގައި ހިމެނޭ ފައިބަރގެ ސަބަބުން ގިނަ ވަގުތު ބަނޑުހައި ނުވެ ހުރެއެވެ. ކާ ގަޑި ޖެހުމުގެ ކުރިން ސްނެކްކުރުން މަދުކުރުމަށް އެހީތެރިވާ ކަމެކެވެ. އަދި ދޮންކޭލުގައި ހުންނަ ޓަބީއީ މީރުކަމުގެ ސަބަބުން ހަކުރަށް ދެވިހިފާފައި ތިބޭ މީހުންނަށް ޕްރޮސެސްކޮށްފައި ހުންނަ ފޮނިތަކެތީގެ ބަދަލުގައި ދޮންކެޔޮ ކެއުމުން ހަކުރަށް ދެވިހިފުން ކުޑަކުރެވިދާނެއެވެ.
ދޮންކޭލުގައި ހިމެނޭ ޕޮޓޭސިއަމް، ވިޓަމިން ބީ6، ވިޓަމިން ސީ، އަދި ފައިބަރގެ ސަބަބުން ހަށިގަނޑުގެ އެކި ބައިތަކަށް ފައިދާކުރެއެވެ. ޕޮޓޭސިއަމްގެ ސަބަބުން ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމަށް އެހީތެރިވެ، ހިތުގެ ސިއްހަތަށް ރަނގަޅުވެއެވެ. އަދި ފައިބަރުގެ ސަބަބުން ހަޖަމުކުރުން ފަސޭހަވެ، ކަބޯ ހިފުމުގެ މައްސަލަ ހައްލުވެއެވެ.