
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފަސް މީހުން ހުއްޓުވައި ބަލައިފާސްކޮށް، އެމީހުން އަތުން އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އަދި، އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު ދިރިއުޅޭ ގެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ވެސް ފުލުހުން އަތުލައިގެންފައިވާ ކަމަށް ބުންޏެވެ.
މި މައްސަލައިގައި މި މަހުގެ 20 ވަނަ ދުވަހުގެރޭ ހައްޔަރުކޮށްފައިވަނީ މޫނިމާގެ/ ތ. ބުރުނީ، މުހައްމަދު އަލްސަން އިސްމާއިލް އާއި ގ. ހެޕީސައިޑް/ މާލެ، އިބްރާހިމް އަހުމަދު އާއި ގ. ހެޕީސައިޑް/ މާލެ، ހަސަން ސަހެޝާން އެވެ. އަދި މި މަހުގެ 21 ވަނަ ދުވަހުގެރޭ ފުލުހުން ވަނީ ދާދިފަހުން މަގާމުން ވަކިކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި އިތުރު މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ މ.ހާޒާރީވިލާ/ މާލެ، އަހުމަދު ލައްސާން އެވެ.
ޝަމްއާންއަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާއާ އެކު ހައްޔަރުކުރި ބިދޭސީންތަކެއްގެ ތެރެއިން އެކަކު ދޫކޮށްލުމަށް ފަހު، އޭގެ މުގާބިލުގައި އެ މީހާގެ އަތުން 500،000ރ.އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ތުހުމަތު ކުރެވެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.