
"ތިވަރަށް އަހަރެން މިސްވާނެކަން އެނގޭއިރު، ދޫކޮށްލާފައި އައީ ކީއްވެ؟" އީތަންގެ ސުވާލުގައި ސީރިއަސްކަން ނޫނި ނެތެވެ.
ބާރު ސްޕީޑްގައި އައިސް 'ހަގީގަތް' އަހަރެންގެ ލޯ މަތީގައި ޖެހުނީ ނުހަނު ބާރަށެވެ. ވާނުވާނައި ވަގުތުކޮޅެއް ނެގި އެވެ. ލަންޑަންގައި އީތަން ހުންނާންޖެހުނު ސަބަބަކީ ކޮބައިހެއްޔެވެ؟ އަހަރެން ފުރީ މާލޭ އެއަރޕޯޓްގައި އީތަން ހުއްޓަ އެވެ. ފްލައިޓް ޑިލޭއަށް ވަގުތުނެގިޔަސް، މިހާއަވަހަށް، އަހަރެންގެ އެރައިވަލްއަށްވުރެން ކުރީން، އީތަން ލަންޑަންއަށް ފޯރީ ކިހިނެއް ހެއްޔެވެ؟
"އީތަން..! ހައު..؟ ވައި..؟ މިތާގައި... އީތަން ކީއްކުރަކީ..؟" އަހަރެން ސުވާލުކުރީމެވެ. ސަބަބެއް ސިކުނޑިއަށް ގެންނާން މިވަގުތު ފަސޭހައެއް ނޫނެވެ.
"އޯހް.... ދި ގްރެއިޓް ރިދީ އިމާދު..! އަހަރެން ހީކުރީ، އަހަރެން މިތަނުން ފެނުނީމައި ކަމަނާ އުފާވާނެކަމަށށް!" ދެ ލޮލުގެ ކަޅި އަނބުރާލަމުން އީތަން ބުންޏެވެ.
އީތަންގެ އަތުގައި އަހަރެން މަޑުމަޑުން ޖަހާލީމެވެ. 'އުފާ..؟' އެންމެ ދެ އަކުރުގެ ލަފްޒެކެވެ. މިވަގުތު އަހަރެންގެ އިހްސާސްތައް އީތަންއަށް ބުނެދޭކަށްވެސް ނޭގެ އެވެ. ދުނިޔޭގެ އެންމެ ނަސީބުވެރި އަންހެން ކުއްޖާ، އޭނާގެ ހަޔާތުގެ އެންމެ ހާއްސަ ވަގުތުގެ އިހްސާސްތައް ބުނެދޭނީ ކިހިނެއް ހެއްޔެވެ؟
"އަހަރެން އައީ އަހަރެންގެ ޕްރައިވެޓް ޖެޓްގައި.. ރިދީއަށް ވުރެން ކުރިން އާދެވުނު ސަބަބަކީ އެއީ..!" އީތަންގެ ދޫ ނެރިލާފައި، ސަމާސާ ރާގުގައި ވަރަށް ސާފުކޮށް ސަބަބު ބުނެދިނެވެ.
އީތަންއަކީ ފައިސާވެރިއެއްކަން ކުރިންވެސް އިނގެ އެވެ. އެކަމަކު މިވަރުގެ ބޮޑު ފައިސާވެރިއެއްކަން ކުރިއަކުން ނޭގެ އެވެ. އެހެންނޫނަސް، އީތަންގެ ފައިސާއާއި މުއްސަނދިކަމާއި މަޝްހޫރުކަމަކީ އަހަންނަށް މުހިއްމުކަންކަމެއް ނޫނެވެ. އަހަރެންގެ އުފަލަކީ އީތަން އެވެ. ދުނިޔޭގެ އެހެން އެއްވެސް އެއްޗެއްގެ އަގު އަހަރެންގެ އީތަންގެ 'ހިތާއި، ނަފްސާއި، ފުރާނަޔާއި' އެއްހަމައެއް ނުކުރެވޭނެ އެވެ.
"އޯ-ކޭ! ޕްރައިވެޓް ޖެޓްގައި ދުނިޔޭގެ އެހެން މަންޒިލްތަކަށްވެސް ދަތުރުކުރެވޭނެ..! ކީއްވެ ލަންޑަން..؟" އަހަރެން ސަމާސާ ކޮށްލީމެވެ. ޔަގީނެވެ. އަހަރެންގެ އީތަން އެ އައީ އަހަރެންގެ ގާތަށެވެ. އެހެން ބުނާއަޑު އަހާލަން ހިތް އެދުނެވެ.
"ހަހވވވވ.. ރިދީއަށް ނޭގޭތަ..؟" ހުޅުވިފައިވާ ބޮޑު އަނގަމަތީގައި އަތްއަޅަނީކަމަށް ގޮތްދައްކާލާފައި އީތަން ބުނެލީ ޑްރާމާ ގޮތަކަށެވެ.
"ކޮން ޒާތެއްގެ ބެސްޓް ފްރެންޑެއްތީ؟" ގަސްތުގައި އީތަން އަހަންނަށް މަލާމާތްކުރަނީ އެވެ. އަހަރެންގެ ދެ ބުމަ ގޮށްޖަހައިލީމެވެ.
"ރޮކް5ގެ ލަންޑަން ކޮންސަރޓް މީޓިންގއަށް މި އައީ..!" އީތަންގެ ޖަވާބު ތަހަންމަލްކުރުމަށް އަހަރެންގެ ހިތް ނުކުޅެދުނެވެ.
އުފާވެރި ވިންދުތައް އިހްސާސްކުރަމުންގޮސް، އެ ހިތުގެ ހިނގުން މަޑުޖެހުމަށް ހިނދުކޮޅެއްވެސް ނުނެގި އެވެ. އަހަރެން ހީކުރީ އީތަންއައީ އަހަރެން ގާތަށް ކަމަށެވެ. އުއްމީދުތަކުގައި ހުޅު ރޯވުމަކީ މިއީ ހެއްޔެވެ؟ ހާދަހައިވާ ވޭންގަދަ އިހްސާސެކެވެ.
"އޯހް..!" ފޭކް ހިނިތުންވުމަކާއެކު އަހަރެން ބުނީމެވެ.
އެހެން އެއްޗެއް ބުނަން ދުލަކަށް ނައި އެވެ. ވަށައިގެން ކަޅި ހިނގާލެވުނީ އެވަގުތު އެވެ. ގައިސަރްއާއެކު ރޮކް5ގެ އެހެން މެންމްބަރުންވެސް އެތަނުގައި އެބަތިއްބެވެ. އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން އެމީހުން ހިނިއައިސްފައި ތިބުމަކީ އަހަރެންގެ ލޮލުގެ އެސްފިޔަތަށް ތެއްމާލަން މަގުފަހިވި ސަބަބެކެވެ. ލަދުގަތީ އިންތިހާއަށެވެ. ބިންފަޅާފައި އަޑިއަށް ވަދެވޭނެނަމަ، އެވަގުތު އަހަރެން އެކަންވެސް ކުރީމުހެވެ.
"ރިދީ ހީކުރީ، އަހަރެން ލަންޑަން އަށް މި އައީ ރިދީއާއި ބައްދަލުކުރަން ކަމަށްތަ؟" އީތަން ސުވާލުކުރީ އަހަރެންގެ ލޮލަށް ބަލަމުންނެވެ.
މި ދެލޮލުގެ ރިހުން އީތަންއަށް ނުފެނުނެވެ. މިވަގުތު ރޯކަށް އަހަރެން ބޭނުމެއް ނޫނެވެ. ހިތަށްވަނީ ރިހުމެކެވެ. ރަހުމެއް ނެތ، ހިތްބުނެލި އެވެ.
'ރިދީ އެވެ. އީތަން ރިދީކައިރިއަށް އަންނާނެނަމަ، މާލެ އެއާޕޯޓުން ހުއްޓުވީހެވެ. އީތަން އެއައީ އޭނާއާއި އޭނނާގެ އެކުވެރިންނަށްޓަކަ އެވެ. އެމީހުންގެ ކުރިއެރުން އީތަންއަށް މުހިއްމުވީމަ އެވެ.'
ލިބުނު މާޔޫސްކަމުގައި އިސްޖަހައިލީމެވެ. އަވަސްއަވަހަށް އެސްފިޔަތައް ތަޅުވާލާފައި ލޮލުގެ ތެތްކަން ފޮރުވަން މަސައްކަތްކުރީމެވެ.
"ބައެއް ކަންކަން، ބައެއް ހާލަތްތަކުގައި ސާފު އިބާރާތުން ހާމަކުރުމަކީ މުހިއްމުކަމެއް، އީތަން މުހައްމަދު މަނިކް..!" ހިތްވަރުކޮށްފައި އަހަރެން ބުނީމެވެ.
އީތަންގެ ގައިގައި ބައްދާލި ވަގުތު ވެއްޓުނު، އަހަރެންގެ ޖެކެޓް ނަގަން ގުދުވީމެވެ. ފަސްއެނބުރި ބަލައިވެސް ނުލައި އަހަރެން މިސްރާބުޖެހީ އަހަރެންގެ ބޭބެއާއި އިކާން ގާތަށެވެ. މަންޒަރު ފެންނަ ހިސާބުގައި ހުރި ތަނބެއްގައި ލެނގިލައިގެން އަހަރެންގެ އިންތިޒާރުގައި ދެމީހުން ތިއްބެވެ.
އަހަރެންގެ ފަސްދިނުމާއެކު އީތަންގެ ހުނުމުގެ އަޑު އިވުނެވެ. އަހަރެންގެ މި ހާލަތު އީތަންއަށް ވަރަށް މަޖާވވެއްޖެ އެވެ. މީގެކުރިން، އަހަރެންގެ ކޮންމެ އިހްސާސެއް، އަހަރެންގެ ލޮލުން ދެނެގަންނަކަމަށް ނިކަން ހަރުއަޑުން ދައުވާކުރެ އެވެ. އެކަމަކު ރިހުމުން، އެސްފިޔަތައް ގުޑުވާލަންވެސް ނުކުޅެދުނުވަގުތުގެ އިހްސާސް އީތަންއަށް ނޭގުނެވެ. ލޯބިވާ މީހުންގެ ކުދިކުދި ހަރަކާތްތައްވެސް އަހަރުމެންގެ ހިތުގެ ވިންދަށް މިވަރުގެ އަސަރުކުރުވަނީ ކީއްވެ ހެއްޔެވެ؟ ލޯތްބަކީ ހާދަހައިވާ ވިހަގަދަ އިހްސާސެކެވެ.
"ކާމިލް..!!!!" އަހަރެންނާއި ދިމާއަށް ދުވެލާފައި އައި ކާމިލް ފެނުނީ ކުއްލިޔަކަށެވެ. ދުވެފައިގޮސް ކާމިލްގެ އަތުތެރޭގައި ބޮނޑިވެލީމެވެ.
"އޯހހ.. މަގޭ .. ޖާނޭމަން..!" އަހަރެންގައިގައި ބައްދާލަމުން ކާމިލްގެ އުފާވެރިކަން ހާމަކޮށްލި އެވެ. އަހަރެން ފެނުމުން ނުވަތަ އަހަންނާއި ބައްދަލުވުމުން އީތަންއަށް މިވަރުގެ އުފާވެރިކަމެއް އިހްސާސްނުވަނީ ކީއްވެ ހެއްޔެވެ؟
"ރިދީ.. މިދަތުރުގައި ރިދީ ހުންނާންޖެހޭނީ އަހަރުމެންނާއި އެކު.. މިކަމުގައި އިތުރަށް ބަހުސްކުރުމެއް، މަޝްވަރާކުރުމެއް ނޯންނާނެ!" ގައިސަރުގެ ނިންމުން ބުނެލި އެވެ.
އަހަރެންގެ ކުރީގެ ބެސްޓްފްރެންޑް ގައިސަރްގެ ނަސީބަށްޓަކައި އަހަރެން ވާންވީ، އުފާހެއްޔެވެ؟ ނުވަތަ މި ހިތުގައި ބާއްވަންވީ، ހަސަދަވެރިކަމާއި ނަފްރަތު ހެއްޔެވެ؟ ގައިސަރްއާއި ކާމިލް ބައްދަލުވީ އަހަރެންގެ ފަރާތުންނެވެ. މިއަދު އެދެމަފިރިންގެ އުފާވެރި ބަގީޗާގައި މާތަށް ފަރިވެ ފޮޅެނީ އެވެ. ކާމިލްފަދަ ލޯބިވާ ފިރިޔަކު ލިބުމަކީ މުޅި ދުނިޔޭގެ ހުރިހާ އުފަލެއް ލިބުމެވެ.
އަހަރެންގެ ހަޔާތުގައި އޮޅިގެންވެސް އެއްދުވަހު ހިނިތުންވުން ބައްދަލުކޮށްފިނަމަ، ޖެހިގެން އަންނާނީ އެއަށްވުރެން ބޮޑު ތޫފާނެކެވެ. އުފަލާއި ހިތްހަމަޖެހުމާއި އަމާންކަމާއި ލޯތްބަކީ އަހަރެންގެ ހަޔާތުގައި މަދުން ނޫނީ ބައްދަލުނުވާ މެހެމާނުންނެވެ.
"ގައިސަރް އެބުނީ ރަގަޅަށް..! ރިދީގެ ލަގޭޖް އަރުވާނީ އަހަރެންގެ ކާރަށް.. ގޭގައި ހުރި އެހެން ސާމާނުވެސް އއަހަރެންގެ ގެއަށް ބަދަލުކުރާނަން.." އަހަރެންނާއި ދިމާއަށް ހިނިތުންވެލާފައި އީތަން ބުންޏެވެ.
'ހައިރާނެއް ނުވާނެ ހެއްޔެވެ؟ އަހަރެންގެ ކުރިމަތީގައި މިވަގުތު މިހުރީ ސްޕްލިޓް ޕަރސަނާލިޓީގެ ޝިކާރައެއް ހެއްޔެވެ؟ މިހައި ފަސޭހައިން ދުލި ބަދަލުކުރުމުގެ ހުނަރު އީތަން ހޯދީ ކޮންތާކުން ހެއްޔެވެ؟'
އީތަން އަދި ގައިސަރްއަށް ޖަވާބު ދިނުމަށް އަހަރެން އަނގަހުޅުވާލިވަގުތު އަހަރެންގެ ކަނދުރާއަށް އީތަންގެ އަތް ލައްވާލާފައި ބިމުން މައްޗަށް އުފުލާލައިފި އެވެ. އެއްޗެއް ބުނުމަށް ފަޅި ސިކުންތެއްވެސް ނުދީ، އޭނާގެ އަތްދަނޑިމަތީގައި އަހަރެން އުފުލާލާއިގެން ކާރުގެ ތެރެއަށް ލައި، ކުއްލިޔަކަށް ދޮރުވެސް ލައްޕައިފި އެވެ. ޖެހިގެން އައި ސިކުންތުގައި ދުވެފައި އައިސް ޑްރައިވަރ ސީޓްގައި އީތަން އިށީނެވެ.
ލައިސަންސް ނެތި އީތަން ލަންޑަންގައި ނުދުއްވާނެކަން އަހަންނަށް ކަށަވަރެވެ. މިތަނުގައި ލައިސަންސް ނެގުމާއި، ގެޔެއް ހުރުމާއި މިހުރިހައިކަމެއް އީތަން ކުރީ ކޮން އިރަކު ހެއްޔެވެ؟ ދޮޅުއަހަރުތެރޭގައި ހާދަހައި ކަމެއް ހިނގައިފި އެވެ. ސުވާލެއް ކުރުމަކީ މިވަގުތު ބޭކާރުކަމެކެވެ.
ތުންދަމާފައި ދެބުމަ ގޮށްޖަހާފައި އަހަރެންގެ މޫނު، ބޭރުމަގާއި ދިމާއަށް އަނބުރާލީމެވެ. އީތަންގެ ހުނުމުގެ އަޑު އަހަރެންގެ ކަންފަތަށް މިވަގުތު ފަސޭހައެއް ނުވި އެވެ. ލަދުވެތިކަމާއި އިހްތިރާމުގެ މިންވަރެއްވެސް އަހަރެންނަށްޓަކައި އީތަންގެ ހިތުގައި ނެތީހެއްޔެވެ؟ ހިތުގެ ކަނަކުން އަހަންނަށް ސިގުނަލް ދިނެވެ. އީތަންގެ ކިބައިން އަހަރެން މައާފަށް އެދެންޖެހޭ ސަބަބެއް އެބައޮތެވެ. މާލޭގައި ހިނގާދިޔަ ކަންކަމަށް މައާފަށް އެދުމަކީ އަހަރެން ކުރަންޖެހޭ ކަމެކެވެ. އީތަން އަހަރެން ނުހުންޓުވި ސަބަބަކީ އެއީ ބާ އެވެ؟
"ރިދީ!"
އީތަން އަހަންނަށް ގޮވައިލުމުން ކުރިއަށްވުރެންވެސް ބޮޑަށް ބޭރާއި ދިމާއަށް އެނބުރުނީމެވެ.
"އީތަންއާއި ވާހަކަދައްކާކަށް ބޭނުމެއް ނޫން..!" ނަތީޖާ އެނގިހުރެވެސް އަހަރެން ބޭނުންވާ ގޮތް ބުނީމެވެ. އީތަން އާއި މިފަދަކަމެއްގައި ދެކޮޅުހެދުމަކީ ކިހައިވަރެއްގެ ކަމެއްކަން އެނގެ އެވެ. އީތަންގެ ހާޒިރުގައި އޭނާއަށް ރުޅިމޫނު ދެއްކުމަކީ އަހަރެންގެ އިހްތިޔާރުގައި އޮންނަކަމެއްވެސް ނޫނެވެ.
"ރިދ..!"
"ބުނެފީމެއްނުން ވާހަކަދައްކާކަށް ބޭނުމެއް ނޫނޭ..!" ކުރިއަށްވުރެން ހަރުކަށިކޮށް އަހަރެން ބުނީމެވެ.
"އޯކޭ! ދެން މިތަނުގެ އެއްފަރާތުގައި ކާރު ބާއްވައިގެން އަހަރެންވެސް އިންނާނީ.. އެއީ ރިދީގެ ގޭގެ އެޑްރެސް އަހަންނަކަށް ނޭގެ...! ކޮންމެވެސް ގޮތަކުން އެޑްރެސް ލިބެންދެން މިތާގައި މަޑުކުރާނީ!" އީތަން ހަމަޖެހިލަމުން ބުންޏެވެ.
ލަދުން ހަދާނެ ނުހަދާނެގޮތެއްވެސް ނޭގުނެވެ. ޖެހިގެން އިންނަ މީހާގެ ޖުމުލަ ފުރިހަމަކުރާން ފުރުސަތުދޭންޖެހޭ ސަބަބަކީ މިއީ އެވެ.
އަހަރެން ހީކުރީ، އަހަރުމެން ދެމީހުން ދެމެދު އޮތް ނުތަނަވަސްކަން ދުރުކޮށްލަން، މި ދަތުރުގެ ވަގުތުތައް އީތަން ބޭނުންކުރަނީ ކަމަށެވެ. އަހަރެންގެ 'ސްޓްޕިޑް' ކަމާ އެވެ. މި މޮޔަކަން ފިލާނެ ދުވަހަކަށް އަލިވިލޭނެ ބާ އެވެ. އަހަރެންގެ ލޮލުން ކަރުނަހިލި، ކޯތާފަތް ހުރަސްކުރި އިރެއްވެސް ނޭގުނެވެ. ޖީޕީއެސްގައި އަހަރެންގެ އެޑްރެސް ޓައިޕްކޮށްލާފައި ފޯނު ދިނީމެވެ. ކުރިއަށްވުރެންވެސް ބޮޑަށް އަހަރެންގެ މޫނު ފޮރުވުމަށްޓަކައި އަނެއްފަރާތަށް އެނބުރުނީމެވެ.
"ރިދީ!" ލޯބިން ފުރިފައިވާ ގޮވައިލުމެކެވެ. އެ ދެ އަތުގެ ހިމާޔަތް ހަމަ މި ސިކުންތުގައި އަހަރެން ބޭނުމެވެ. އެކަމަކު...
"އީތަންގެ މައްސަލައަކީ ކޮބާތަ؟" ކަރުނައާއެކު، އަހަރެންގެ އަޑުގައި ހުރީ ހަރުކަށިކަމެވެ.
"އޯހ.. ޝ*! އާރ ޔޫ ކްރައިންގ؟" ކުއްލިޔަކަށް ތެޅިގެންފައި އީތަން ސުވާލުކުރި އެވެ. ނޫނެކޭ ބުނުމަށް އަހަރެންގެ ބޯ ދެފަރާތަކަށް ތަޅުވާލީމެވެ.
"ރިދީ.." އާދޭހުގެ ރާގުގައި އީތަން ގޮވާލި އެވެ. ހަރަކާތެއް ގެންނާން ބޭނުން ނުވިޔަސް، އާއެކޭ ބުނުމަށް އަހަރެންގެ ބޮލުން އިޝާރާތް ކޮށްލެވުނެވެ.
"އައި އެމް ސޯ ސޮރީ! އަހަރެން ސަމާސާކޮށްލީ!" އަމިއްލަ ނަފުސު ކުށްވެރިކޮށްފީމޭ އީތަން ދުލުން ބުނާކަށް ނުޖޖެހެ އެވެ. އެ އަޑާއި އެ ރާގު އަހަންނަށް ފުދެ އެވެ.
"އައި- - އޮފް ކޯޒް އައި ކޭމް ފޯރ ޔޫ! އަހަރެން މިވަރުގެ ހަރަދެއްކުރާނެ އެހެން މީހަކު ހުންނާނެތަ؟ ރިދީއާއި ނުލައި އަހަރެން ދިރިހުންނާނެ ގޮތެއް ރިދީ ބުނެބަލަ! މި ދުނިޔޭގައި ރިދީއާއި ނުލައި ކެތް ވާނެތަ؟ އެކަމަކު، އަހަރެންގެ އިހްސާސްތައް މުހިއްމުވަނީ ހަމައެކަނި އަހަންނަށް..! އެކަނިވެރިކަމުގައި އަހަރެން ދޫކޮށްލާފައި ރިދީ އައީ ފަސްއެނބުރި ބަލައިވެސްނުލާ..! އަހަރެންގެ ހާލަތާއިމެދު އެންމެ ފަހަރަކުވެސް ރިދީ ނުވިސްނާ! އަހަރުމެންގެ ވަކިވުމަށް އަހަރެން ނަފްރަތުކުރާ މިންވަރު ރިދީއަށް ރަގަޅަށް އއިނގޭނެ..! އެކަމަކުވެސް އެ ރިހުން ދީފައި އަނެއްކާވެސް ރިދީ އަހަރެން ދޫކޮށްލީ!" އީތަންގެ ހާލަތު އޭނާ ބުނެދިނެވެ. އަހަރެންގެ ހާލު އީތަންއަށް އިހްސާސް ވޭ ހެއްޔެވެ؟
"އަހަރެން ހުއްޓުވުމަށް އީތަން ގާތު އެދުނިން!" މަޑުމަޑުން އަހަރެން ބުނެލީމެވެ. އަހަރެންގެ، ވިލާ ކުރިމައްޗަށް ކާރު ހުއްޓާލީ އެވަގުތު އެވެ.
"ހުރިހައި އެއްޗެއް އަކުރުން އަކުރަން ބުނަން ޖެހޭތަ؟ ކަންކަން ނުވިސްނޭ ވަރުގެ ކުޑަކުއްޖެއްތަ ރިދީ ތިއީ؟ ކޮންމެ އެއްޗެއް، ވަކިވަކިން ބުނުމަކީ ލާޒިމްކަމެއްތަ؟" ނުހަނު ބާރަށް ކާރުގެ ދޮރު ލައްޕަމުން އީތަން ހަޅޭއް ލަވައިގަތެވެ.
ކުއްލިޔަކަށް ފިނިފިނި ވާރޭގެ ތިކިތަކުން އިންސާނުންގެ ހަށިގަނޑަށް ގޯނާކުރާން ފަށައިފި އެވެ. ލަންޑަންގެ ވިއްސާރައަކީ ބައެއް ފަހަރު ތަކުލީފެކެވެ. ގެއާއި ދިމާއަށް ދުއްވައިގަނެވުނީ ދެމީހުންނަށް އެއްފަހަރާ އެވެ.
ގޭތެރެއަށް ވަދެވުމާއެކު އީތަންގެ ހަރަކާތް ހުއްޓި ގޭގެ އެކި ދިމާއަށް އެނބުރި ބަލަންފެށި އެވެ.
އަހަރެން މި ގެ ގަތީ ބައްޕަގެ ވަސިއްޔަތުގެ ކަންކަން ނިމުމާއެކު މީގެ ހައެއްކަ މަސް ކުރިން، އެ ފައިސާއިންނެވެ. މާލޭގައި ބޮޑު ދެ ގެ ހުރުމުގެ ބޭނުމެއް ނެތީ އެވެ. ބައްޕައަކީ މާމައާއި ކާފަގެ ހަމައެކަނި ދަރިފުޅަށް ވާތީ، ދެފަރާތުގެ ވާރުތަ މުދާ ލިބުނީ އަހަންނަށެވެ. މިހުރިހައި އަހަރު އެ ހައްގު އަހަރެންގެ ކިބައިން ނިގުޅައިގަނެ، ބައްޕައަށް ބޭވަފާތެރިވި މީހާގެ ހާލު ދެކޭކަށް، އަދި އިތުރު ގުޅުމެއް އެމީހަކާއި ބާއްވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ކުޑަކުޑަ ގެ ފުދެ އެވެ. މާލޭގައި ދިރިއުޅުމުގެ އުއްމމީދެއް ނެތުމުން އެ ގެ ވެސް ކުއްޔަށް ދިނީ އެވެ. އެކަނިވެރި ދިރިއުޅުމަކަށް މިއަށްވުރެން ހިތްގައިމު އަދި އަމާން މަންޒިލެއް ނެތެވެ.
އީތަންގެ އިޝާރާތެއް ނެތުމުން އެދިމާއަށް ބަލައިލީމެވެ. އީތަންގެ ސަމާލުކަން ހުއްޓިފައިވަނީ ވަކި ފާރަކާއި ދިމާއަށެވެ. އެދިމާއަށް އަހަރެން ބަލައިލީމެވެ. އީތަން ބަލަމުންދިޔައީ ފާރުގައި ހަރުކޮށްފައިވާ ބޮޑު ފޮޓޯއަށެވެ. އެއީ އަހަރެންނާއި އިކާންގެ ފޮޓޯއެކެވެ. ނިއްކުރިއަށް ރޫ އަރުވައިގެން، ހަސަދައިން ފުރިފައިހުރެ އީތަން އެ ފޮޓޯއަށް ބަލަމުން ދިޔައީ ނަފްރަތުގެ ތަފާތު ނަޒަރަކުންނެވެ.
މިއީ އެހެން ވަގުތެއްނަމަ، އީތަންގެ އެ ބެލުން އަހަރެން މާނަކުރާނީ 'ކިއުޓް' ހަރަކާތެއްގެ ގޮތުގަ އެވެ. އެކަމަކު މިއީ އެފަދަ ވަގުތެއް ނޫނެވެ. އަހަރެންގެ ރުޅި، ނޭފަތުކުރިއާއި ހަމައަށް ފޯރަން ހިނދުކޮޅެއްވެސް ނުނެގި އެވެ.
"ބަލާ..! ރަގަޅަށް ބަލާލާ..! ހިތް ފުރެންދެން ބަލާތި! ބައެއް ފަހަރު، ބައެއް ހާލަތްތަކުގައި، ބައެއް ލަފުޒުތައް އަޑުއިއްވަންޖެހޭ މީހުންނަށް ހާމަކުރުމަކީ އީތަން ދަސްކުރަންޖެހޭ ކަމެއް..! ނޫނީ، ތި ޕޯޓްރެއިޓަށް ބަލަހައްޓައިގެން ތި ހުރިފަދައިން، މުޅި ހަޔާތުގައިވެސް 'ވަކި މަންޒަރަކަށް' ބަލަހައްޓައިގެން ހުންނާންޖެހިދާނެ..! ކޮންމެވެސް ދުވަހަކުން އަހަރެންވެސް ކައިވެނި ކުރާނަން..! ދަރިންވެސް ހޯދާނަން..! އެމީހަކީ އިކާން ކަމަށްވުމަކީވެސް އެކަށީގެންވާ ކަމެއް..! އަހަރެން، އަހަރެންގެ ދިރިއުޅުން ބޭކާރުކުރާކަށް ނެތިން..!" އަހަރެންގެ ކޮޓަރިއާއި ދިމާއަށް ދުވެފައި ދަމުން ބުނީމެވެ.
އަހަރެންގެ ކަރުނައެއް މިވަގުތު ނުހިފެހެއްޓޭނެ އެވެ. މިއީ ހިތާމައިގެ ކަރުނަ ކަމެއް ނުވަތަ ރުޅި ކޮންޓްރޯލް ނުވެގެން ނިކުންނަ އާވިކަމެއް ނޭގެ އެވެ.
ސިޑިން ދުވަމުންގޮސް އަހަރެންގެ ކޮޓަރިއަށް ވަނުމަށް ފައި އެޅިވަގުތު ބާރުދަގަ އަތަކުން އަހަރެންގެ ހަށިގަނޑު ދަމައިގަތްފި އެވެ. ލޯ ހުޅުވާލާނެ ވަގުތެއް ނުދީ އަހަރެން ހުރީ ފާރުގައި ތަތްކޮށްފަ އެވެ. ކޮންމެ ތާކަށް އަހަންނަށްވުރެން ކުރީން އީތަން މި ހާޒިރުވަނީ ކިހިނެއް ހެއްޔެވެ؟ ސިޓިންގ ރޫމުން މި ކޮޓަރިއަށް އީތަން އައީވެސް ދުވެލި ބާރު ޖެޓެއްގައި ހެއްޔެވެ؟ (ނުނިމޭ)