
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން ޖަނަވަރީ 1 އިން މާރިޗު 13 އަށް ދައުލަތަށް 7.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރު ލިބުނު 7.4 ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ.
ލިބުނު 7.8 ބިލިއަން ރުފިޔާގެ ތެރޭގައި ޓެކްސްގެ ގޮތުގައި ލިބުނީ 6.3 ބިލިއަން ރުފިޔާއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި 43.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ހަމަ މި މުއްދަތުގައި ދައުލަތުގެ ހަރަދުތައްވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 16 ޕަސަންޓު ދަށްވެފައެވެ. ސަރުކާރުން ކުރި ހަރަދަކީ 6.5 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި 7.8 ބިލިއަން ރުފިޔާގެ ހަރަދަށްވުރެ ދަށް އަދަދެކެވެ.
މިއަހަރުގެ ފުރަތަމަ 10 ހަފުތާގައި ދައުލަތުގެ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ރިކަރަންޓް ހަރަދުތަކަށެވެ. މިގޮތުން ރިކަރަންޓް ހަރަދުތަކަށް 6.1 ބިލިއަން ރުފިޔާ ހޭދަކުރިއިރު، ކެޕިޓަލް ހަރަދުތަކަށް 428 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މި މުއްދަތުގައި ދައުލަތުގެ އާމްދަނީ ހަރަދަށްވުރެ 1.3 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.