
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ދައުލަތުގެ މީޑިއާ މެދުވެރިކޮށް ވިދާޅުވީ މިފަހަރު ފޮނުވާފައިވަނީ 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ކަމަށާއި، އެ ޖަނަރޭޓަރު މާދަމާ އައްޑޫއަށް ލިބޭނެ ކަމަށެވެ. އަދި އެ ޖަނަރޭޓަރު ބެހެއްޓުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު އައްޑޫގައި ކުރިއަށްދާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އައްޑޫ ސިޓީގައި ކަރަންޓުގެ މައްސަލަ ކުރިމަތިވާން ފެށީ އެ ސިޓީގައި ބޭނުންކުރަމުންދިޔަ 18 ޖަނަރޭޓަރުގެ ތެރެއިން ގިނަ ޖަނަރޭޓަރުތައް އޯވަހޯލް ނުކޮށް ދިގުލައިގެންދިއުމުން ހަލާކުވުމާ ގުޅިގެންނެވެ. މީގެ ސަބަބުން ބައެއް ވަގުތުތަކުގައި ކަރަންޓު ކަނޑަން މަޖުބޫރުވެފައިވެއެވެ. ނަޖާހު ވިދާޅުވެފައިވަނީ ފަހުން ފޮނުވި ދެ ޖަނަރޭޓަރު މިހާރު އިންސްޓޯލްކޮށް ހިދުމަތް ފަށާފައިވާ ކަމަށެވެ.
އައްޑޫ ސިޓީގައި ޕީކް ވަގުތުގައި ކަރަންޓުގެ ލޯޑު 11.6 މެގަވޮޓަށް އަރާ ކަމަށާއި، ރޯދަ މަހާއި ގުޅިގެން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރަށް އިތުރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އިތުރުން ވަގުތީ ހައްލެއް ގޮތުން ރައްޔިތުންނަށް ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދެއެވެ.