
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ވައިޓްހައުސްގައި މިފަހުން ބޭއްވި ބައްދަލުވުމަށް ފަހު އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ ގާޒާ ހިފުމަށްފަހު އެމެރިކާއިން އެތަން އަލުން އާބާދުކޮށް، އެތައް ހާސް ވަޒީފާ އުފައްދާނެ ކަމަށެވެ.
ހާލުގައި ޖެހިފައި ތިބި ފަލަސްތީނު މީހުންނަށް އެހެން ގައުމުތަކަށް ދިޔުމަށް ފުރުސަތު ދޭނެކަން ފާހަގަކުރައްވާ ޓްރަމްޕް ވިދާޅުވީ ފަލަސްތީނުގެ މީހުންނަށް އެ ގައުމުގައި ފުރިހަމަ މިނިވަންކަމާ އެކު ދިރިއުޅެވޭނެ ކަމަށެވެ.
ގާޒާއިން މީހުން ބޭރުކުރަން އެމެރިކާ އާއި އިޒްރޭލުން ޕްލޭނުކޮށް ތައްޔާރުވަމުން ދާއިރު ތަޖުރިބާކާރުން ވިދާޅުވަމުން ގެންދަނީ ބައެއްގެ ނުރުހުމުގައި އެ ބައެއްގެ ވަޒަނުން ނެރުމުގެ މި އަމަލު ބައިނަލްއަގުވާމީ ގާނޫނާ ހިލާފްވާނެ ކަމަށެވެ.
އަރަބި އަދި އިސްލާމީ ގައުމުތަކުން މިހާރު ވަނީ ޓްރަމްޕުގެ ޕްލޭނާ ދެކޮޅަށް އަމިއްލަ ޕްލޭނެއް ހަދައި ގާޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތް ފެށުމަށް ބައިނަލްއަގުވާމީ ތާއީދު ހޯދަން މަސައްކަތް ފަށައިފަ އެވެ.
ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ބުނީ، ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން ގާޒާއިން ބޭރުކުރުމާ ރާއްޖެ ދެކޮޅު ކަމަށް
އިޒްރާއީލާއި އެމެރިކާގެ މި އަމަލު ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން ގާޒާއިން ބޭރުކުރުމާއި ހުޅަނގު އައްސޭރީގައިވާ 13 ގައިރުގާނޫނީ އާބާދީ ހިމެނޭ ސަރަޙައްދު ވަކިކޮށް، އެ އާބާދީތަކަށް ގާނޫނީ ހައިސިއްޔަތު ދިނުމަށް ތައްޔާރުވުމުގެގޮތުން ރާވާފައިވާ ރޭވުންތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މިނިސްޓްރީން ބުނީ، ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިމުން ނެރުމަށް ހިންގާ މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނާއި އދ.ގެ ގަރާރުތަކާ މުޅިން ހިލާފު އަމަލުތަކެއް ކަމަށެވެ.
ހަމައެއާއެކު ދިވެހި ސަރުކާރުން ދެކެނީ އެ ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ސުލްހަވެރި ހައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައެޅުމުން ކަމަށާއި ފަލަސްތީނަކީ މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރުހިނގާ ދައުލަތެއްގެ ގޮތުގައި ގާއިމުކުރެވުމުން ކަމަަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އޮކްޓޫބަރު، 2023 ގައި ހަމާސްއިން އިޒްރޭލަށް ދޭން ފެށި ކުއްލި ހަމަލާތަކުގެ ރައްދުގައި އިޒްރޭލުން އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ޣައްޒާއަށް ދިން ހަމަލާތަކުގެ އެތައް ހާސް ބަޔަކު މަރުވެ އަދި 1.5 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފަ އެވެ. މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު 62021 އަށް އަރާފައިވާ ކަމަށް ގާޒާގައި ހުންނަ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވަނީ ގާޒާއަށް އަނެއްކާވެސް ހަމަލާތައް ދޭން ފަށައިފަ އެވެ. ގާޒާއަށް އެހީ ވެއްދުމުގެ މަގުތައް ބަންދުކޮށް، ދިރިއުޅެން ދަތިވާ މިންވަރަށް ގާޒާގެ ހާލަތި ނިކަމެތިކޮށް، އެ ސަރަހައްދު ދޫކޮށްދާން ފަލަސްތީނުގެ ރައްޔިތުންނަށް ދަނީ މަޖުބޫރުކުރުވަމުންނެވެ.