
މި އިމާރާތުގެ ބިންގާ އެޅީ އެކަމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި، އިންފްރާސްޓަރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ، (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދާއި، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް އިލްޔާސްގެ އިތުރުން އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އަލީ ސަލީމްއެވެ.
މިނިސްޓަރު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ ތާރީހީ ދުވަހެއްކަމަށެވެ. މީ ގައުމީ އެއާލައިންގެ ހިދުމަތް ދެމުން އަންނަތާ 25 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އަމިއްލަ އިމާރާތެއް ލިބިގެން ދިޔުމުގެ ފެށުންކަމަށާއި މިކަމުގެ ސަބަބުން އެއް ފުރާލެއްގެ ދަށުން ހުރިހާ ހިދުމަތްތަކެއް އެކުންފުންޏަށް ދެވޭނެކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ އޮފީސް އިމާރާތް ހުންނާނެ ގޮތުގެ ކުރެހުމެއް
އައިލެންޑް އޭވިއޭޝަންގެ އޮފީސް އިމާރާތަކީ 12 ބުރީގެ އިމާރާޔެކެވެ. 4745 އަކަފޫޓްގެ ބިމެއްގައި އަޅާ މި އިމާރާތް މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ހުނާން ނަންބަރު 6 އިންޖިނިއަރިން ކުންފުންޏާއެވެ.
އަލަށް އަޅާ މި އިމާރާތުގެ އައިލެންޑް އޭވިއޭޝަންގެ އެކި ބައިތައް ހުންނައިރު ފުރަތަމަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ޓިކެޓް އޮފީހުގެ ގޮތުގައެވެ، އަދި އިމާރާތުގެ ބޭސްމެންޓް ހާއްސަކުކޮށްފައިވަނީ މުވައްޒަފުންގެ ވެހިކަލްތައް ޕާކުކުރާ ޕާކިންއެއްގެ ގޮތުގައެވެ. އެ ކުންފުނީގެ އަމާޒަކީ މި އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ނިންމާލުމެވެ.