
މިކަން ތަފްސީލުކޮށްދެއްވާ ހާމީދު "ސީއެމްއެމް" އަށް ލިޔުއްވި އާޓިކަލްއެއްގައި ބުނީ މިވެއަތުވެދިޔަ އަހަރުތަކުގައި އެހެން ގައުމުތައް ފުޓުބޯޅައިން ކުރިއެރުން ހޯދި ނަމަވެސް، ރާއްޖެ ދަތުރު ކުރަމުން ގޮސްފައި ވަނީ ފަހަތަށާއި އެހެން ވާން ޖެހުނު މައިގަނޑު ސަބަބަކީ ރާއްޖޭގެ ފުޓުބޯޅަ "ކަރަޕްޓް" ވުން ކަމަށެވެ.
އޭޝިއަން ކަޕް ކޮލިފައިންގެ ތިންވަނަ ބުރުގައި މި ފަހުން ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި 4-1 އިން ފިލިޕީންސް އަތުން ބަލިވި މެޗަށް އިޝާރާތް ކުރައްވާ ހާމިދު ބުނީ ލީގް ހުއްޓި މެޗެ ތަޖްރިބާ ނުލިބުނު ނަމަވެސް، ކޯޗް ސުޒޭން ފާހަގަ ކުރި ގޮތަށް ކުޅުންތެރިންގެ އަމިއްލަ ފިޓްނަސް ހިފެހެއްޓުން އެއީ ކުޅުންތެރިޔާގެ ޑިސިޕްލިންކަމުގައި ނޫނީ ނުވާނެ ކަަމަށެވެ. ކުޅުންތެރިޔާއަށް ހައްގު މިންވަރު (ލީގްކުޅެން) ނުލިބުނު ނަމަވެސް އޭނާގެ އަމިއްލަ އިހްތިޔާރުގައި އޮތް ފިޓްނަސް ހިފަހައްޓައިފި އެވެ.
ފިލިޕީންސް މެޗުން ބޮޑުތަނުން ރާއްޖެ ބަލިވި ބަލިވުމަކީ އެފްއޭއެމްގެ ނުކުޅެދުންތެރިކަން ކަން ފާހަގަކުރައްވާ ހާމިދު ބުނީ އެއީ ކުޅުންތެރިންނާއި ކޯޗުންގެ މައްސަލައެއް ނޫން ކަމަށެވެ.
ދިވެހި ގައުމީ ފުޓްބޯޅާ ޓީމް ކުޅުންތެރިޔާއަށް ހައްގު މިންވަރު (ލީގްކުޅެން) ނުލިބުމުގެ ކަންބޮޑުވުން ހާމިދު ފާޅުކުރެއްވިއިރު މެދުކެނޑުމެއްނެތި ވާދަވެރި ފުޓްބޯޅަ ސީޒަންތަކެއް ކުޅެގެން ނޫނީ ރާއްޖޭގެ ފުޓްބޯޅަ ކުރިއަށްނުދާނެ ކަމަށް ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް މިފަހުން ވަނީ ބުނެފަ އެވެ.
ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަށް ކޯޗުކޮށްދިން ނިޒާމްބެ ބުނީ، ގައުމީ ޓީމަށް ކުޅުންތެރިން ތައްޔާރުކުރާ "ފެކްޓަރީ" އަކީ ކްލަބްތައް ކަމަށާއި ގައުމީ ޓީމުގެ ކުޅުންތެރިން ކޮންޑިޝަން ކުރަނީ ކްލަބް ކޯޗުން ކަމަށެވެ.
އަދި ގައުމީ ޓީމަށް އަރަން ކުޅުންތެރިން ޕާފޯމަންސް ދައްކަނީ ކްލަބް މުބާރާތްތަކުން ކަމަށް ޓީސީ ސްޕޯޓްސް ކްލަބަށް ރާއްޖޭގެ ލީގު ޗެމްޕިއަންކަމާއި 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ހޯދައިދިން ނިޒާމް ބުނެފައިވެ އެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން މި ވަގުތަށް ބަލާއިރު ކަލަންޑަރު ކުރެވިފައި އޮތީ އަންނަ މަހުގެ އަށް ވަަނަ ދުވަހު އެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަން ފުޓްބޯޅައިގެ މެޗެއް އެންމެ ފަހުން ކުޅުނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.
ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތީ ބޮޑު "ހަލާކެއް"ގެ ތެރެއަށް ވެއްޓިފަ އެވެ. އޭޝިއަން ކަޕް ކޮލިފަައިންގެ ފުރަތަމަ މެޗަށް ރާއްޖެ ދިޔައީ ވެސް ރަސްމީ މުބާރާތްތަކެއް ރާއްޖޭގައި ނެތި ދޮޅު އަހަރެއްހާ ދުވަހުގެ "ބޯޅަ ކުޅުމާ" ދުރުގައި ތިބެފަ އެވެ.