
އެތަނުގެ މަސައްކަތްްތައް ސިފައިންނާ ހަވާލުކޮށްފައި މިވަނީ މިހާރު ދަމަނަވެށީގައި ހިންގަމުންދާ އެތަނާ މެދު ތެލެސީމިއާ ކުދިންނާއި އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށް، މިދިޔަ އާދީއްތަ ދުވަހު މުޒާހަރާކޮށްފައި ވަނިކޮށެވެ.
އެހެންވެ، އެތަނުގެ މަސައްކަތް އަވަސްކުރުމަށް ސިފައިންނަށް ހަވާލުކުރީ މިހާރު ހިދުމަތްދޭ ތަނުގެ ހާލަތު ރައީސް ބައްލަވާލެއްވުމަށް ފަހު އެވެ.
އެކްސްގައި އެމްއެންޑީއެފުން ކުރި ޕޯސްޓެއްގައި ވަނީ ރައީސްގެ އެންގެވުމާ ގުޅިގެން އެތަނުގެ މަސައްކަތް މިއަދު ސިފައިން ފަށާފައިވާ ކަމަށެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ އެމްއެންޑީއެފްގެ ސާވިސް ކޯގެ ބެލުމުގެ ދަށުންނެވެ. އެގޮތުން، އެމްއެންޑީއެފް ސާވިސް ކޯގެ މިލިޓަރީ އިންޖިނިއަރުންނާއި އޯވަރޯލްކޮށް މަސައްކަތް ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގައި، އެ އިމާރާތުގެ ކަރަންޓާއި އޭސީގެ މަސައްކަތް، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރުން ދަނީ ކުރަމުންނެވެ.
އަދި އައިޓީސީއާ ގުޅުންހުރި ހުރިހާ މަސައްކަތެއް ކުރަމުން ދަނީ އެމްއެންޑީއެފް ސިގްނަލްސްގެ ޓެކްނިކަލް ސިފައިންނެވެ. އެ އިމާރާތުގައި އަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރުންގެ ޑިޒައިނިން ޓީމުން އަލުން އެތަން ޑިޒައިންކޮށް، ކުޑަކުދިން ގަޔާވާ ކަހަލަ ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށް ސިފައިންގެ އިން ބުންޏެވެ.
ސިފައިން އެ މަސައްކަތް ނިންމުމަށް އަޒުމު ހިފާފައި ހުރީ އަންނަ މަހުގެ 25 އަށެވެ.
މިމަސައްކަތް އޭޕްރީލް މަހަށް ނިންމުމަށް އަމާޒުހިފާފައިވާއިރު، ހިދުމަތް ދޭން ފެށުމުން އެމްޓީސީސީގެ ބަސް މެދުވެރިކޮށް ހިލޭ ބަހުގެ ހިދުމަތް އޮރެންޖް ހިޔާއަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށްވެސް ރައީސްވަނީ ވިދާޅުވެފަ އެވެ. އަދި ތެލަސީމިއާ ސެންޓަރަށް ބޭނުންވާ ވަޞީލަތް ހަމަކުރުމަށް މަސައްކަތް ކުރައްވަމުންދާއިރު ނަރުހުން ހޯދުމަށްވެސް މިހާރުވަނީ އިއުލާންކުރައްވާފަ އެވެ.
2017 ވަނަ އަހަރުން ފެށިގެން ޑިރެކްޓަރ ޖެނަރަލްއެއް ނެތި ހިންގަމުން އައި ތެލަސީމިއާ ސެންޓަރަށް ރައީސް ވަނީ ސިވިލް ސަރވިސްގެ ތެރެއިން ޑީޖީއެއް ހަމަޖައްސަވާދެއްވާފަ އެވެ.