
މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ލޯނަށް އެދި ހުށަހަޅަން 500 ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި ސްކީމުގެ ދަށުން ދެ ބަޔަކަށް ލޯނު ދިނުމަށް ހަމަޖެހިފައިވެ އެވެ. އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުން އަންނަ ދަރިވަރުން (ޓޮޕްއަޕް ލޯން) އެވެ.
މިފަހަރު ޓޮޕްއަޕް ލޯނު ދޫކުރަން ހަމަޖެހިފައި ވަނީ 700،000ރ. އަށް ވުރެ ބޮޑުނުވާ އަދަދަކަށެވެ.
ސްޓޫޑެންޓު ލޯނަށް އެދި ހުށަހަޅަން ޖެހޭނީ އެކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށެވެ.
ކޮންމެ ދަރިވަރަކަށް ވެސް ހުށަހެޅޭނީ އެއް އެޕްލިކޭޝަން ކަމަށާއި އެއަށް ވުރެ ގިނައިން އެޕްލިކޭޝަން ހުށަހަޅައިފި ނަމަ އަދި އެޕްލިކޭޝަނާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް ފުރިހަމަ ނުވާ ނަމަ އެޕްލިކޭޝަން ބާތިލު ވާނެ ކަމަށް އިއުލާނުގައިވެ އެވެ.
ސްޓޫޑެންޓު ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ކިޔެވުން ފުރިހަމަކުރާތާ ހަތް މަސް ފަހުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން ވަނީ މި ލޯނުތައް ވެސް އިސްލާމިކްކޮށް، ލޯނާ އެކު މިހާރު ނަގައި އެއް އިންސައްތަ އިދާރީ ފީ ވެސް އުނިކޮށްފަ އެވެ. އެ މަނިކުފާނު ވަނީ ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް ނުނަގަން ނިންމަވައިފަ އެވެ.