
ކެލާގެ ފަޅު ތެރޭ ފަތުރުވެރިކަމުގެ ދާއިރާގެ ފެސިލިޓީއެއް ތަރައްގީ ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އޭރު އިތުރު ތަފުސީލު ނުދެއްވި ނަމަވެސް ރިޔާސީ ކެމްޕޭނުގައި ކެލާގައި ހުންނަވާ ރައީސް ވަނީ އެ ރަށުގެ ފަޅު ތެރޭ ރިސޯޓު ތަރައްގީ ކުރައްވާނެ ކަމުގެ ވައުދުވެވަޑައިގެންފަ އެވެ.
ރައީސް މިއަދު ނެރުއްވި ގަރާރެއްގައި ވަނީ އެ ރަށު ފަޅުތެރެއިން 325.5 ހެކްޓަރު އުނިކުރަން ނިންމަވާފައެވެ. ރައީސް އޮފީހުން ބުނީ، އެ ގަރާރު ނެރުއްވީ ރަށްރަށުގެ އިހުތިސާސް ކަނޑައަޅަން ރައީސަށް ލިބިދީފައިވާ ބާރުގެ ތެރެއިން ކަމަށެވެ.
އެކަމަކު، މަޝްރޫއާ ގުޅޭ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން އިދާރީ ދާއިރާއެއްގެ އިހުތިސޯސުގައި ހިމެނޭ ފަޅުރަށެއްގައި ނުވަ ފަޅެއްގެ ސަރަހައްދެއްގައި ޓޫރިޒަމްގެ ވިޔަފާރި ކުރަން ދޫކުރާ ހިސާބުން އެ ސަރަހައްދެއް، ކުރިން އިހުތިސޯސް އޮތް ރަށު އިހުތިސޯސުން ވަކިވާނެ އެވެ.