ads
ފުލުހުން އަތުލާފައިވާ މަސްތުވާތަކެތި
މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި 14 ކެފޭ ބަންދުކޮށްފި
މި އަހަރުގެ ތެރޭގައި މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ 14 ތަނެއް ފުލުހުން ބަންދުކުރިކަން ހާމަކޮށްފިއެވެ.
Advertisement

 ފުލުހުންގެ ޗީފް އިންސްޕެކްޓަރ އަހުމަދު ނާއިފް ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ މި އަހަރުގެ މާރިޗު 15 ވަނަ ދުވަހާ ހަމައަށް މި ތަންތަން ބަންދުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ވެސް މާލޭގައި އެ އުސޫލުން ހިންގާ 6 ތަނެއް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ބަންދުކުރި ތަންތަނުގެ ތެރޭގައި ހ. ކޯލީފްލާވާ، ގ. ޑްރޫޕް، މ. މާމުޓާ، ހ. އެމިނިޓީ، ގ. ފްރެސްލައިޓް، ގ. ސެންޓުގެއާގެ، މ. ރޯޝަނީމަންޒިލް، މ. ނަފީސާ މަންޒިލް، މ. ރޫބީ، މ. ތަންތާރަ، މ. ފެންނިރު، ގ. ހިލާލް، އެސްޓީއޯ އަހުމަދީ ބިލްޑިން، އަދި މ. އޯކިޑުހައުސް ހުޅަނގުބައި ހިމެނެއެވެ. ނާއިފް ބުނީ ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ދޭ 60 އަށްވުރެ ގިނަ ތަނެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިފަދަ ތަންތަން ބަންދުކުރުމަށް ގޮންޖެހުންތަކެއް ހުރިކަން ނާއިފް ފާހަގަކުރިއެވެ. އޭގެ ތެރޭގައި ގޭގެ ބެހެނިވެރިން ގިނަވުމާއި، އާއިލާ މީހުން ހެކިބަސްދޭން ޖެހިލުން ވުމާއި، ގިނަ ބަޔަކަށް އެގްރީމެންޓްކޮށްފައިވުމުން ފިޔަވަޅު އަޅަންޖެހޭ މީހާ ދެނެގަތުމަށް އުނދަގޫވުމާއި ގާނޫނީ ގޮތުން ދިމާވާ ދަތިތައް ހިމެނެއެވެ.

މި މައްސަލަ ހައްލުކުރުމަށް ގާނޫނީ ހައްލެއް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ނާއިފް ވިދާޅުވިއެވެ. އޭގެ ތެރޭގައި މި ފަދަ ތަންތަން ކޯޓު އަމުރަކާ ނުލައި 72 ގަޑިއިރަށް ފުލުހުންނަށް ބަންދުކުރުމުގެ ބާރު ދިނުމާއި، ގިނަވެގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓަށް އަމުރުކުރެވޭ ގޮތަށް ހަމަޖެއްސުމަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތައް ހައްލުކުރުމަށް އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށްވެސް ނާއިފް ވަނީ ފާހަގަކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް