
ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި އިލްމުވެރީންނާ ހަވާލާދެއްވާ ވަނީ އީދުގެ އެންމެ މަތިވެރި މަގުސަދަކީ ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށް ދެއްވި ފުރުސަތަށްޓަކައި ﷲއަށް ހަމްދުކުރުމާއި ޝުކުރުކުރުން ކަމުގައި ފާހަގަކުރައްވާފަ އެވެ.
އަދި މުސްލިމުން އެކަކު އަނެކެއްގެ މައްޗަށް ހިތް ހެޔޮކަން ފާޅުކޮށް އިސްލާމީ އަހުވަންތަކަން ދިރުވައި، ސަދަގާތާއި ހަދިޔާއާއި އިހްލާސްތެރި ހެޔޮ ބަސްތަކުން ހިތްތަކަށް އުފާވެރިކަން ދިނުމަކީވެސް އީދުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމުގައިވެސް ފާހަގަކުރައްވާފައިވެ އެވެ.
ރައީސް ވިދާޅުވީ އީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި އެގޮތުން ބަލަންވީ އީދު ދުވަހަކީ ކުޑަކުދީންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހެދުމަށާއި އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފައިކަމުގެ ކުލުނުން އާ ރޫހެއް ލިބޭ ދުވަހަކަށްވުމުގެ އިތުރުން ޒުވާނުންނާއި އިސްރަށްވެހީންނާއި، މުޅި މުޖުތަމައުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް އީދު ދުވަސް ވުން މުހިންމު ކަމަށެވެ.
މިއަދު އަޅުގަނޑުމެން ފިތުރު އީދުގެ އުފާ ފާޅުކުރަމުން ދާއިރު ގާޒާގެ މުސްލިމު ރައްޔިތުންގެ މަތިން ހަނދާންކުރުމަށް ކުޑަވެސް ފަނޑުކަމެއް އަޔަދީގެން ނުވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން، ގާޒާގެ ލޮބުވެތި ކުޑަކުދީންގެ ގިސްލުމުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި އަޅުގަނޑުމެންގެ ހެޔޮއެދުމާއި ހެޔޮދުއާތައް ފަލަސްތީނުގެ ލޮބުވެތި އަޚުންނާއި އުހުތުންނާއެކު އަބަދުވެސް ދަމަހައްޓަންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ހަތާބު ނިންމަވައިލެއްވީ އިސްލާމީ އުންމަތަށް ނަސްރާއި ރައްކާތެރިކަން ދެއްވުމަށާއި ދިވެހި ގައުމަށް ހެވާއި ލާބަ މިންވަރު ކުރައްވައި ކުރިޔަށް އޮތް އަހަރަކީ ބާއްޖަވެރި އަމާން ތިޔާގި އަހަރެއްކަމުގައި ލެއްވުމަށް އެދި ދުއާ ދަންނަވަމުންނެވެ.