
"ސަވާނާ... އަހަރެން... އަހަރެން.. އޭނާ ދުށިން... އެ ޕާޓީން އަހަރެން އޭނާ ދުށިން" ލަސްލަހުން ތާބިޝް ބުންޏެވެ. ލިބުނު ޝޮކްގައި ސަވާނާގެ އަނގަމަތީގައި އަތް އެޅި އެވެ. ނަމަވެސް ލިބުނު ހައިރާން ކަމަކީ ސަވާނާގެ ލޮލުން ބަބުޅާލި، ހިތްގައިމު ވިދުވަރެވެ.
"މާނައަކީ، ދޮންބޭ...! ދޮންބެ އަށް އޭނާ ފެނުނީ ދޯ..! ކޮންތާކު އޭނާ ދިރިއުޅެނީ..؟ ވާހަކަ ދެއްކިންތަ.. ؟ ކީކޭ ބުނީ..؟" ކެތްތެރިކަން ކޮޅުންލައިފައި ސަވާނާގެ ސުވާލުތައް ތާބިޝްއަށް ބަންޑުންކޮށްލި އެވެ.
"ނޫނޭ.. އޭނާއާއިބެހޭ އެއްވެސް މައުލޫމާތެއް ދޮންބެއަކަށް ނެގޭ..! ހަމައެކަނި ފެނުނުކަން.. ބައްދަލުކޮށް، ވާހަކަދައްކާލަން ބޭނުންވި..! އެކަމަކު ކުއްލިޔަކަށް ލޯމަތީން ގެއްލިއްޖެ.. ދެން ހޯދާހޯދާ ނުވެސް ފެނުނު!" މާޔޫސް ކަމާއެކު ތާބިޝް ބުނެލީ ދެ ލޯމަރައިލަމުންނެވެ.
"ހަމަޔަގީންތަ އެއީ ފިޒާކަން..؟" ޔަގީން ނުވެފައި ސަވާނާ ސުވާލުކުރި އެވެ.
"ސަވާނާ..1 ސަތޭކަ އެއްޕަސެންޓް ޔަގީން އެއީ ފިޒާ..! އެއީ އަހަރެންގެ ހިޔާލެއް ނޫން.. ހީވިގޮތެއްވެސް ނޫން.. އެއީ ހަމަ ފިޒާ..!" ހަރުކަށިކަމާއެކު ތާބިޝް ބުނެލި އެވެ.
"އެކަމަކު ބޭބޭ.. ބޭއަށް އެގެއެއްނުން.. އޭނާ.." ސަވާނާގެ ޖުމުލަ ފުރިހަމަނުކުރި ސަބަބާއި، ޖުމުލައިގެ މެދުތެރެއިން އިސްޖަހައިލި ސަބަބު ތާބިޝްއަށް އޮޅިފައެއް ނެތެވެ.
"އަހަންނަށް އިނގޭ..! ހުރިހައިކަމެއްވެސް އިނގޭ! އެކަމަކު ސަވާނާ... އަހަރެންގެ މި ދިރިއުޅުމަށް ފިޒާ ބޭނުން.. ކޮންމެ ގޮތެއް ހަދާފައިވެސް އަހަރެން ފިޒާ ބޭނުން..! އަހަރެންނާއެކު އަހަރެންގެ އެންމެ ގާތުގައި ފިޒާ ހުރުން އެއީ ހަމައެކަނި މިދުނިޔޭގައި އަހަރެންކުރާ އުއްމީދު..!" ޔަގީންކަމާއެކު ތާބިޝްގެ ބުނުން އިއްވާލި އެވެ.
"ކޮބާ ކަޔާން..؟" ތާބިޝް ސުވާލުކުރި އެވެ.
"އޯހް.. އިއްޔެއިން ފެށިގެން ބޭބެ މާލޭގައި ނެތީމައި ބުނަން ހަދާންނެތުނީ.. ކޮލަމްބޯގައި އޮތް މީޓިންއަކަށް ބައްޕަ ބުނެގެން ކަޔާން ފުރީ ރޭގައި.. މިރޭގެ ފްލައިޓުން އަންނާނެ" ސަވާނާގެ މައުލޫމާތާއެކު ތާބިޝްގެ ބޮލުން އާއެކޭ ބުނެލި އެވެ.
"އަހަރެން މިދަނީ ކޮޓަރިއަށް.. ވަރަށް ބޮޑަށް ވަރުބަލި.. ފަހަރެއްގައި ނިދިވެސް ދާނެ.. ނިދިފައި އޮތިއްޔާ ނުގޮވާތި..!" ތާބިޝްގެ ޖުމުލައިގެ ބޭނުން ސަވާނާއަށް ބުނެދޭކަށް ނުޖެހެ އެވެ.
ނިންޖަކީ ތާބިޝްގެ ދުޝްމިނެކެވެ. ބޭސްކައިގެން ނޫނިއްޔާ، ނިދީގެ އަސަރެއް ތާބިޝްއާއި ބައްދަލުނުކުރާކަން، އެގޭގެ އެއްވެސް މީހަކަށް އޮޅިފައެއް ނޯވެ އެވެ. ނަމަވެސް މިއަދުގެ މިވަގުތުގެ ހާލަތު ތަފާތެވެ. ތާބިޝްގެ ކެތްތެރިކަން ކުޑަވެފައިވާ ދެ ލޮލލުން، ފިޒާ ދެކިފައި އައިސް ބޭހާއި އެކުވެސް ލޮލުގެ އެސްފިޔަތައް ކިޔަމަން ނުވެދާނެކަމަށްޓަކައި ސަވާނާ ބިރުގަތެވެ.
"ދޮންބޭ..! އިން ޝާ ﷲ ދޮންބެގެ ހަޔާތަށް ދާދިއަވަހަށް ފިޒާ އެނބުރި އަންނާނެ.. އުއްމީދު ނަގާނުލާ..!" ހިނިތުންވެފައި ސަވާނާ ބުނެލުމުން ތާބިޝް ފަސްއެނބުރި ބަލައިލި އެވެ.
ސަވާނާއަކީ ކަޔާން މުހައްމަދު އަހްސަންގެ އަލަތު އަނބިމީހާ އެވެ. ހަމުގެ ކުލަ ދޮން، އާދައިގެ އިސްކޮޅެއްގެ މަޑުމައިތިރި ކުއްޖެކެވެ. ސަވާނާގެ ހިތްހެޔޮކަމާއި އޯގާތެރިކަމުން ތާބިޝްގެ ހަޔާތުގައި ހުސްވެފައިވާ އެތައް ޖާގައެއް ފުރައއި، ފުރިހަމަކޮށްދެވޭތޯ ސަވާނާކުރާ ހިތްވަރު ތާބިޝްއަށް އޮޅިފައެއް ނޯވެ އެވެ. އެކުވެރިއެއްގެ ދައުރުވިޔަސް، ދައްތައެއް ނުވަތަ ކޮއްކޮއެއްގެ ދައުރުވިޔަސް އެންމެ ފުރިހަމައަށް އަދާކޮށްދިނުމުގައި ސަވާނާއަކީ މިސާލެކެވެ. އެއްބަނޑުއެއްބަފާ ބޭބެއެއް ފަދައިން ސަވާނާ، ތާބިޝްއަށް އަޅައިލާ އޯގާތެރިވެ އެވެ. ރެއާއި ދުވާލު އުޅޭނޫޅޭގޮތްބަލައި ހާލުއަހުވާލު ބަލަ އެވެ. ކަޔާންއަކީ ތާބިޝްގެ ހަށިގަނޑުގެ އެއްބައިފަދަ ކޮއްކޮއެކެވެ. ދެމީހުންދެމެދުގައިވަނީ ދޮޅުއަހަރުގެ ތަފާތެވެ. ނަމަވެސް ހަޔާތުގެ ދަތުރުގައި ކުރިމަތިވި ބާރުގަދަ ތޫފާނުގައި ތާބިޝްގެ އުއްމީދުތައް އޮޔާއި ގޮސް ގެއްލުމުން، ކޮއްކޮ ބޭބެއަށް ބަދަލުވެ، ބައެއްފަހަރު ބައްޕައެއްގެ ދައުރުވެސް އަދާކުރަނީ ކަޔާން އެވެ.
.................
ފާހާނާއަށްވަދެ ތާޒާވެލައިގެން ނިކުމެ ތާބިޝް އޮށޯތެވެ. ވަރުބަލިކަމާއެކު ދެ ލޯމަރައިލުމަށްފަހު އަތްދިއްކޮލާފައި ނެގީ ސައިޑް ޓޭބަލްމަތީގައި ބައިންދާފައި އިން ފޮޓޯ ފްރޭމެވެ. ލޯތްބާއެކު ލަސްލަހުން ފްރޭމްގައި ފިރުމާލި އެވެ. މަރައިގެން އޮތް ލޮލުގެ ހިމަކޮޅުން ކަރުނައިގެ ކޯރުދެމިގަތީ އަދައިގެމަތީން ބާލީސްތައް ހެކިކުރުވަމުންނެވެ.
"ލޯބިވާ...! ފިޒާ ހޯދަން އަހަރެން ނުކުރަނީ ކޮން މަސައްކަތެއްކަން ބުނާކަށް ނޭގެ..! އެކަމަކު ފެނުނުވަގުތުވވެސް އަހަރެންގެ އަތުގައި ނުޖެހި ލޮލުގެ ކުރިމަތީން ގެއްލިގެން ތި ދިޔައީ...! ކީއްވެ..؟ ދެން އަހަންނަށް ފެނިއްޖެއްޔާ، އަހަރެންގެ ކުރިމަތީން އެންމެ ސިކުންތަކަށްވެސް ދުރަށްޖެހިލިޔަ ނުދޭނަން.. ކޮންމެ ތަނެއްގައި ކޮންމެ ހާލެއްގައިވިޔަސް، އަހަރެންގެ ފިޒާ އަހަރެންގެ ގާތަށް ގެންނާނނަން..! އަހަރެންގެ ދިރިއުޅުމަށް ފިޒާ އެނބުރި ގެންނާނަން!" އަމިއްލަ ނަފުސަށް ވައުދުވަމުން ތާބިޝްގެ ލޯ ފޮހެލާފައި ބަލީހުގައި ބައްދާލި އެވެ.
................
ދަތުރުތައް ހަމަޖެހިފައި އޮތީ ޖެހިގެން އަންނަ ދުވަހުގެ ފަތިހުގެ ވަގުތުން ފެށިގެންކަމަށްވިޔަސް، ފިޒާ ބޭނުން ވަގުތަކު މާލެއާދެވޭގޮތަށް ލޯންޗް އޮތީ ހަމަޖެހިފަ އެވެ. ރިސޯޓްގައި އެންމެ މިނެޓެއްވެސް އިތުރަށް ހޭދަނުކޮށް ފިޒާ މާލެއައީ ސަބަބުތަކެއް ހުރީމަ އެވެ. އަވަސްގޮތަކަށް ލިބުނު ޓެކްސީގައި މިސްރާބުޖެހީ ގެއަށެވެ.
އިވުނު އަޑުތަކާއި ފެނުނު މަންޒަރަށް ކަންފަތެއްވެސް، ލޮލެއްވެސް ފަރިތައެއް ނޫނެވެ. އެކަމަކު ދުނިޔޭގެ ދުލަކު ނުހިފެހެއްޓޭނެ އެވެ. އިވޭ އަޑުތަކަށް ނުވެސް ފިލޭނެ އެވެ. އަމިއްލަ ހަތަރެސްފަޔަށްވުރެން ދުރު، ކޮންޓްރޯލެއްވެސް ނުކުރެވޭނެ އެވެ. އިވުނު ހިތްދަތި ނުތަވަސް ބަދުނާމައިގެން ފިޒާ އައީ ގެއަށެވެ.
"ފިޒާ.. ބޭބީ.. ކިހިނެއްވީ؟ ކޮން ކަމަކާ ތިޔަ ރޮނީ..؟ ފިޒާގެ ބުރަކަށީގައި ފިރުމާލާފައި ސުވާލުކޮށްލި އެވެ. ނަމަވެސް ރުއިމަކަށް ނުވަތަ ގިސްލުމަކަށްވެސް ބަދަލެއް ނައި އެވެ.
"ފިޒާ.. ޕްލީޒް.. ހަމަޖެހުބަލަ ދޫންޏާ..! ތިގޮތަށް ފިޒާ ރޮނިކޮށް، ވާލިދްއަށް ފެނިއްޖެއްޔާ ވަރަށް ހާސްވާނެ...! ފިޒާ ބޭބެގެ އެންމެ ބޮޑު ބަލިފަޔަކީ ފިޒާގެ ކަރުނަ..! މިވަގުތު ވާލިދް ގެއަށް އަތުވެއްޖިއްޔާ ވާނެގޮތެއްވެސް ނޭގެ..! ތި ދެލޮލުން ކަރުނައަޅާތަން ދެކެން ފިޒާގެ ބޭބެއަކަށް ކެތެއް ނުވާނެ.. ހެޔޮނުވާނެ ދަރިފުޅާ، ވީގޮތެއް ބުނެދީބަލަ..!" ފިޒާގެ ބުރަކަށީގައި ފިރުމަމުން ނުހަނު ލޯތްބާއެކު ވާހަކަދެއްކީ އޯގާތެރި މަންމައެއް ފަދައިންނެވެ.
"އަޝްކާ ދައްތާ... އަހަރެން.. އަހަރެން.. މިރޭ.. އޭނާއާއި ދިމާވެއްޖެ..!" އަޅައަޅައިގަންނަމުން ލަސްލަހުން ފިޒާ ވާހަކަދެއްކި އެވެ.
"ކާކު..؟ ކާކާދިމާވި ވާހަކައެއް ތިބުނަނީ..؟" އަޑުގައި ކުރިއަށްވުރެން ބާރުލާފައި އަޝްކާ ސުވާލުކުރި އެވެ.
"ތާ- ބި- ޝް!" ބުނަން ބޭނުންނުވެ، ފިޒާ އެނަން ބުނެލި އެވެ.
އަޝްކާގެ މޫނުމަތިން ފެނުނު ޝޮކްއެއީ ފިޒާއަށް ލިބުނު ހައިރާންކަމެއް ނޫނެވެ. އެކަންވާނީ އެހެންކަން މާކުރިންވެސް އެގެ އެވެ.
"ތާބިޝް..؟" ކުރެވުނީ ސުވާލެކެވެ. އެކަމަކު އަޝްކާ އެނަން ކިޔަންބޭނުންވީ ސުވާލެއްގެ ގޮތުގައި ނޫންކަން އޭނާގެ މޫނުމަތިން ސާފުކޮށް ފެނުނެވެ.
"ފިޒާ.. ފިޒާއަށް ވަރަށް ރަގަޅަށް އެނެގެންވާނެ، އޭނާ ފެނުނަސް ތިވަރުގެ އަނިޔާއެއް އަމިއްލަ ނަފުސަށް ފިޒާ ދީގެން ނުވާނެކަން.. ފިޒާއަކީ ހިތްވަރުގަދަ ކުއްޖެއް..! ފިޒާއަށް ހުރިހައި ކަމެއް ރަގަޅަށް އެގެންވާނެ.. އަލުން އެހަޔާތަށް ފިޒާގެ ދުނިޔޭގައި އއަލިނުވިލޭނެކަން ފިޒާ ހަންދާންނެތުނީތަ..؟ ފިޒާގެ ފިރިމީހާއާއި ކައިވެނި ހަނދާން ނައްތާނުލ..!" އަޝްކާގެ ވާހަކަ ފުރިހަމަކުރާން ފިޒާ ފުރުސަތެއް ނުދިނެވެ.
"އަޝްކާދައްތާ، ހުރިހައިކަމެއްވެސް ހަދާން އެބަހުރި..! އެއްވެސް ކަމެއް މިހިތަކުން ނުފިލާ..! އެކަމަކު އަހަރެންގެ ފިރިމީހާ، އަހަރެން ދޫކޮށްލީ..! އެހެންމީހުން އެދައްކާ ހުތުރު ވާހަކަތަކާއި އެ އަޅުވާ އިލްޒާމްތަކަށް އަހަރެން ދޭނީ ކޮން ޖަވާބެއް..؟ މިހުރިހައި ފަލީހަތެއް އަހަންނަށް ކުރިމަތިމިވަނީ ހަމައެކަނި އޭނާގެ ސަބަބުން.. އަހަރެންގެ އޮތީ ކޮން ކުށެށް..؟ އަހަންނަކީ ވިޔަނުދާކަމުގެ ހައްދެއް ނެތް މިންވަރުގެ ނުބައި އަންހެނެއްގޮތަށް އެމީހުން އެ ފާހަގަކުރަނީ..! މިހިތުގައި ރިއްސާ.. ވަރަށް ބޮޑަށް ރިއްސާ..! އަޝްކާދައްތާ... މި ރިހުން ދުވަހަކުވެސް ނުފިލާނެ! އެކަމަކު މި ރިހުން އިތުރަށް ބަރުދާޝްތުކުރާނެ ހިތްވަރެއްވެސް ނެތް..! އޭނާ ފެނުނީމައި މާބޮޑަށް ރިއްސަނީ..! މާ ބޮޑަށް މި މޭގައި ރިއްސަނީ.. އޭނާ ފެނުނީ އަހަރެންގެ ކުރިމަތީން.. އޭނާ އިނީ އަހަރެންގެ ކުރިމަތީގައި..!" މޭގައި ދެއަތް އަޅައި ބާރަށް އޮއްބަމުން ފިޒާ ރޮނީ އެވެ.
އަޝްކާގެ ދެއަތުގެ ތެރޭގައި ފިޒާ ބޮނޑިކޮށްލި އެވެ. ކުރެވޭނެ ކަމެއް ނެތުމުން އަޝްކާއަށް މިފަހަރުވެސް ލިބުނީ މާޔޫސްކަމެވެ. ނަމަވެސް ފިޒާގެ ހިތްވަރު އެލުނަ ނުދީ، އޭނާއަށްޓަކައި މުޅި ދުނިޔެއާއި ކުރިމަތިލާންޖެހުނަސް، އަޝްކާ ތައްޔާރެވެ.
"ފިޒާ.. ދަރިފުޅާ..! ހަގީގަތް ގަބޫލުކޮށް ދިރިއުޅުމާ ކުރިމަތިލާ.. ފަސްބެލުމަކުން ލިބޭނެ ކުރިއެރުމެއް ނޯންނނާނެ.. ދިރިއުޅުމައިގެން ކުރިއަށްދާންވީ މަގު އަލިކުރޭ.. 'މޫވް އޮން' ކުރުމަށްވުރެން ބޮޑު ފަރުވާއެއް ތިކަމުގައި ނޯންނާނެ..! ނެތް އުއްމީދަކަށް އިންތިޒާރުކުރުމަކީ މޮޔަކަމެއް! ފިޒާދެކެ ލޯބިވާ، ފިޒާއަށް އިތުބާރުކުރާ މީހަކަށް ތި ހިތުން ޖާގަދީގެން ނޫނީ، ދިރިނުހުރެވޭނެ.. އެކަން ދަރިފުޅު ގަބޫލުކުރޭ..!"
ފިޒާއަށް ހަގީގަތް ބުނެދީ، ދިރިއުޅުމުގެ އަޑިގަނޑުން ސަލާމަތްކޮށްދިނުމަށް އަޝްކާއަށް ކުރެވެންހުރި ހުރިހައިކަމަކަށް އޭނާ ތައްޔާރެވެ.
"ތެދެއް ތިބުނީ އަޝްކާ ދައްތާ..! އޭނާއާއި ބައްދަލުވާންހުރި ހުރިހައި ދޮރެއް އަހަރެން ބަންދުކުރާނަން.. މިކަންކަމުގައި ވިސްނާ އަހަރެންގެ މުސްތަގުބަލް އިތުރަށް ބަނަކުރާކަށް ބޭނުމެއް ނޫން.." ދެ ލޮލުގެ ކަރުނަ ފޮހެލާފައި ހަށިގަނޑު ސީދާކޮށްލަމުން ފިޒާ ބުންޏެވެ.
ރަތްވެފައިވާ ދެލޮލުން އަޝްކާއަށް ބަލައިލީ އުއްމީދުގެ ހިނިތުންވުމަކާއެކު އެވެ.
"ފެންވަރާލަން ދޭ.. ނިދާލާފައި ތެދުވާއިރު ހުންނާނީ ވަރުބަލިކަން ފިލާފައި.. މާދަމާއަކީ ވަރަށް މުހިއްމު ދުވަހެއްކަން ހަނދާން އެބަހުރިތަ؟ އެއްކަލަ ބިޔަބޮޑު އާ ޕްރޮޖެކުޓްގެ މަސައްކަތްފަށާ މީޓިންގ އޮތީ މާދަމާ ހެނދުނު.. އެފަދަ ބޮޑު މަސައްކަތަކަށް ވަރރަށް ހަކަތަ ބޭނުންވާނެ.. ދަރިފުޅާ މިވަގުތު ނިދާލާ.. އިން ޝާﷲ ހުރިހައިކަމެއްވެސް ވާނީ އެންމެ ރަގަޅަށް.. ދަރިފުޅަށް މާތްﷲ ރަހްމަތް ލައްވާށި އާމީން!' ފިޒާގެ ކިއްކުރީގައި ބޮސްދެމުން އަޝްކާ ބުންޏެވެ.
"ތެންކް ޔޫ އަޝްކާ ދައްތާ.." އަޝްކާ ގައިގައި ބައްދާލަމުން ފިޒާ ބުންޏެވެ.
"އަޝްކާއަކީ ވާލިދްގެ އަންހެނުންނެވެ. ވާލިދްއަކީ ފިޒާގެ މަންމަފަރާތު ބޮޑުބެބޭ އެވެ. ފިޒާއަށް ބަނޑުބޮޑުއިރު ކަނޑުމަތީގައި ހިނގި ހާދިސާއެއްގައި ބައްޕަވަނީ ނިޔާވެފަ އެވެ. ފިޒާގެ މަންމަ ނިޔާވީ އޭނާގެ އުމުރުން ބާރައަހަރުގަ އެވެ. އޭގެފަހުން ފިޒާގެ އާއިލާއަކީ ބޮޑުބޭބެ ވާލިދްއާއި އޭނާގެ އަންހެނުން އަޝްކާ އެވެ. އަމިއްލަ ދަރިއެއްފަދައިން ވާލިދްގެ ދެމަފިރިން އަޝްކާ ބަލަހައްޓަނީ ދުނިޔޭގެ ހުރިހައި އުފަލެއް އެދަރިއަށް ހިބަކޮށްދިނުމުގެ އުއްމީދުގަ އެވެ. ނަމަވެސް ތަގުދީރުގެ ހާލަތާއި ވަގުތު އެމީހުންނާއި ކަސިޔާރުވަނީ ބާރުގަދަ ތޫފާނުތަކެއްގެ ގޮތުގަ އެވެ.
...................
ފާހާނާއިން ނިކުތުމާއެކު ފިޒާ ވެއްޓިގަތީ އެނދުމައްޗަށެވެ. ރުއިމުގެ އަޑާއެކު މޫނުގައި އަތްއަޅާފައި ގާތްކޮށްލީ، ސައިޑްޓޭބަލްމަތީގައި ބަހައްޓާފައިހުރި ބިއްލޫރި ކުޑަ ގުޅިއެކެވެ. އޭގައި ހުރީ ތަފާތު އެކި ކަހަލަ، ހިކި މަލެވެ.
ދިރިއުޅުމުގެ ހުރިހައި ހިތްދަތި ސަފްހާތަކެއް ފިޒާގެ ލޯމަތީގައި ނިއުޅެންފެށި އެވެ. ކުލަ މަންޒަރުތަކާއި ކަޅާއި ހުދުގެ ދިރުމެއް ނެތް ހަނދާންތަކެވެ. ރިހުމާއި ވޭނާއި އަނިޔާއާއި މަލާމާތުން ފުރިގެންވީ މަންޒަރުތަކެކެވެ.
"ނޫން.. ނޫން.. ތާބިޝް މުހައްމަދު އަހްސަން.. އަހަންނާއި ކައިރިވާންވެސް ހުއްދަ ނުދޭނަން.. އަހަރެންގެ އަމިއްލަ ނަފުސު ވަރުގަދަކޮށް، މައިކަށީގެ އެންމެ އަޑިން ހިތްވަރު ނެރިގެން، ދުނިޔެއާއި ކުރިމަތިލާން މި ވައުދުވަނީ، މާޒީގައި ތާބިޝް ދީފައި ހުރި، މި ހަނދާންތައް ހެކިކުރުވަމުން.. އަހަންނާއި ކައިރިވާން ތާބިޝް ހިތަށްވެސް ނާރުވާތި!" ހިކިފައިވާ މާތަކަށް ފިޒާ ބަލައިލި އެވެ.
އެއީ އެކިފަހަރަމަތީން، އެކި މުނާސަބްތަކުގައި ފިޒާއަށް ތާބިޝް ހަދިޔާކޮށްފައިވާ މާތަކެވެ. ހިއްކުމަށްފަހު، އެ ގުޅިއަށް އަޅައިގެން ފިޒާ އެ ބޭނުންކުރަނީ ތާބިޝްގެ ހަނދާނެއްގެ ގޮތުގަ އެވެ.
ބިއްލޫރި ގުޅީގައި ބާރަށް ބައްދާލާފައި ދެ ލޯމަރައިލީ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ފޮހެލަމުންނެވެ. (ނުނިމޭ)