
ދުވަހުގެ އިރު ދުނިޔޭގެ ވާޖިބާއިގެން މަސައްކަތްފެށި ވަގުތެވެ. ކަންނެއްކަމާއެކު ނިދިގައިވާ ލޯތަކަށް ޒިންމާގެ އިހްސާސްކޮށްދިނުމާއެކު ވަރުބަލިކަން ފިލުވާލަން މަޖުބޫރުކޮށްފި އެވެ. ހެނދުގެ އިރު މުޅި ދުނިޔެ އަލިކޮށް، ކަންނެއްކަން ފިލުވާލައިފި އެވެ.
ލޮލަށް އެޅެމުންދިޔަ އިރުގެ އަލިން ސަލާމަތްވުމަށް ތާބިޝްގެ އެސްފިޔަތަށް ތަޅުވާލި އެވެ. ދެ ލޯ އުނގުޅާލުމަށްފަހު ނިއްކުރީގައި ހިފަހައްޓާލި އެވެ. ނިންޖަކުން ލިބުނު އަރާމެއް ނެތީ އެވެ. ރޭގެ ހާސްކަން ނިއްކުރީގައި ބަރުވެފައި ހުރީ އެވެ. އުނދަގުލުން އެސްފިޔަތައް ދުރުކޮށް ރަތްވެފައިވާ ދެ ލޯ ހުޅުވާލި އެވެ.
"އޯހ... ޝ*!" ގައިމަތީގައި އޮތް ކުއިލްޓް އަތުކޮޅަށް ހޫރުވާލުމަށްފަހު ތާބިޝް ފުންމައިގެން ތެދުވި އެވެ.
"އަށެއް ޖަހާބޮޑުވީ... ބައްސާމް އަންކަލްއާއެކު އޮތް މީޓިންއަށް ކިރިޔާ ލަސްވިޔަސް ދުވަސް ދިޔައީ.. ވީ އެންމެ އަވަހަކަށް އޮފީހަށް ވަންނަން އެބަޖެހޭ.. މިއީ މިއަހަރުގެ އެންމެ މުހިއްމު، އެންމެ ބޮޑު ޕްރޮޖެކްޓް! މީކަމުގައި ގޯހެއް ހިނގައިފިއްޔާ ބައްޕަ، އަހަރެން ދިރިހުއްޓައި ސަންދޯކަށް ލާންވެސް ފަހަށް ނުޖެހޭނެ..!" ވިސްނުމަށް އައިހައި އެއްޗެއް ކިޔަމުން ތާބިޝް މުޅިކޮޓަރީގައި ތެޅިފޮޅުނީ އެވެ.
ވިއްސަކަށް މިނެޓްތެރޭގައި ތައްޔާރުވެގެން އޮފީހަށް ދިއުމަށް ތާބިޝް މިސްރާބުޖަހައިފި އެވެ. ނަމަވެސް ގޭގެ ދޮރުން ނުނިކުމެވެނީސް ކޮންމެވެސް މީހަކު ތާބިޝްގެ އަތުގައި ހިފައި ހުއްޓވި އެވެ.
ހައިރާންވެ ހިތްހަމަނުޖެހިފައި ފަސް ބަލައިލި އެވެ. ނަމަވެސް ކުއްލިޔަކަށް މޫނުމަތީގެ ކުލަ ބަދަލުވެއްޖެ އެވެ. ތާބިޝްގެ އަތުގައި ހިފައިގެން ހިނިތުންވެފައި ހުރީ ކަޔާން އެވެ.
"ހެއި ބްރޯ..! ހުރިހައި ކަމެއް ރަގަޅުތަ؟ ކަމަކާމެދު އުނދަގޫވެފައިތަ..؟ ހިއްސާކޮށްލަން ބޭނުންތަ..؟" ނުހަނު ލޯބިން ކަޔާން ސުވާލުކުރީ ކޮއްކޮގެ ހާލަތަށް ހަމްދަރުދީ ވާތީ އެވެ. މި ދުނިޔޭގައި ތާބިޝްގެ އެތެރެއާއި ބޭރު އެންމެ ރަގަޅަށް ދެނެގަންނަ މީހަކީ ކަޔާން އެވެ.
"އުމްމްމ.. މި ވަގުތަކު ނޫން..! ވަރަށް މުހިއްމު މީޓިންގއެއް މިގަޑީގައި އެބައޮތް.. އެހެން ކޮންމެވެސް ވަހުތެއްގައި ބައްދަލުކޮށްލާނަން.." އަވަސްއަވަހަށް ގޮތް ނިންމާފައި ތާބިޝް ދުއްވައިގަތެވެ.
އޮފީހަށް އައީ ކާރުގައި ކަމަށްވިޔަސް، އޮފީހަށް ވަދެވުނުއިރު ތާބިޝްހުރީ މާނޭވާލެވިފަ އެވެ.
ތެޅެމުން ފޮޅެމުން ގޮސް، ކެބިންއަށް ވަދެވުނުއިރު ބާކީ ފަސްމިނެޓް ހުއްޓެވެ! ލިބުނީ ކާމިޔާބެކެވެ. މީޓިންގއަށް ގަޑިނުޖެހި އޮފީހަށް އާދެވުނީތީ އެވެ.
"މޭ އައި ކަމް އިން ސަރ..؟" ހިތްގައިމު ނޫނަސް އިވުނު އަޑަށް ތާބިޝް ބަލައިލި އެވެ.
"ލަވާންޔާ، އެތެރެއަށްވަދޭ.. ކިތަންމެ ފަހަރަކު އަހަރެން ބުނެފިން، މި އޮފީހުގައި ލަވާންޔާ ހުއްދަ ހޯދާކަށް ނުޖެހޭނެޔޭ.. މިއީ ލަވާންޔާގެވެސް އޮފީސް.. ލަވާންޔާގެ ބައްޕައަކީ އަހަރެން ބައްޕަގެ ބިޒްނަސް ޕާޓްނަރެއް..! މި ކޮމްޕެނީގެ މުހިއްމު ހިއްސާދާރެއް.. އެހެންވީމާ.." އާދައިގެ ހިނިތުންވުމަކާއެކު ތާބިޝް ވާހަކަދެއްކި އެވެ. ޖުމުލަ ނުނިންމުނީ ލަވާންޔާ އެދެމެދަށް ވަނީތީ އެވެ.
"ކަމް އޯން ތާބިޝް.. ކިތަން ފަހަރު އަހަރެން ބުނެފިން، ތިޔަ ބިޒްނަސް ޕާޓްނަރޝިޕްގެ ވާހަކަ ނުދައްކާށޭ.. އަހަރުމެން ދެމީހުންނަކީ ވަރަށް ވަރަށް ގާތް ދެ ރަހްމަތްތެރިން.." ތުއިވެލާފައި ލަވާންޔާ ވާހަކަދެއްކި އެވެ. ބޮލުގެ އިޝާރާތުން އެއްބަސްވެ ހިނިތުން ވުމަކުން ތާބިޝް ޖަވާބުދިމެވެ.
މަސައްކަތާއިގެން ތާބިޝް ޝާމިލްވި އެވެ. ތާބިޝްގެ ކޮންމެ ހަރަކާތަކަށް ދީވާނާވެފައިވާ މީހެއްފަދައިން ލަވާންޔާ ބަލަހައްޓައިގެން އިނދެ އޭނާގެ އަމިއްލަ އިސްތަށިގަނޑާއި ކުޅެމުންދިޔައީ ނުރައްކާ ފާޑަކަށް ހިނިއައިސްފަ އެވެ.
'އަހަންނަކަށް ނޭގެ ކޮން ކަމެއްކަން ބުނާކަން.. އެކަމަކު ތާބިޝްގެ ލޮލުން އަހަންނަށް ފެންނަނީ ކޮންމެވެސް ކަމަކާއިމެދު ނުރުހުންވުމާއި ގަދަ ރިހުމެއް.. މިކަމާ އަހަރެން ސުވާލުކުރާ ކޮންމެ ފަހަރަކު ވާހަކަ އޮޅުވާލައި ޖަޒްބާތުތައް ފޮރުވަނީ އަހަރެން ފަހަތަށް ޖެހޭނެކަމަށް ހީކޮށްގެން ކަމަށްވަންޔާ އެއީ އޮޅުމެއް..! ތިހަ ކޮންމެ އިހްސާސެއްގެ އެންމެ ފުނަށް އަހަރެން ދަތުރުކުރާނަން..! އަމިއްލަ ނަފުސު ވަށައިގެން އަޅާފައިވާ ވަށް ރޮނގު ހުރަސްކޮށް، ތާބިޝްގެ އިމުގެ ތެރެއަށް ހަމައެކަނި ވަންނާނެ މީހަކީ އަހަރެން..! އެއީ އަހަރެންނަށްޓަކައި ހާއްސަ މަގާމެއް.. އެކަން އަހަރެން ހާސިލްކުރާނަން.. އަހަރެން ހުއްޓުވުމުގެ ބާރެއް ތާބިޝްއަށްވެސް ލިބިގެން ނުވާނެ..!' ތާބިޝްގެ މޫނަށް ބަލަހައްޓައިގެން އިނދެ ލަވާންޔާ އޭނާގެ ސިކުނޑީގައި މަޝްވަރާ ކުރިއަށްގެންދިޔަ އެވެ. ލަވާންޔާގެ ހިޔާލީ ދުނިޔެއިން ނިކުންނާން މަޖުބޫރުކުރީ ކެބިންގެ ދޮރުގައި ޓަކި ޖަހައިލުމުންނެވެ.
"ކަމް އިން" އާދައިގެ ބުނެލުމެކެވެ.
ތާބިޝް ދިނީ އިޒްނަ އެވެ. ކުރިމަތީގައި އިނދެގެން ލަވާންޔާ ކިތަންމެ ވައްތަރެއް ޖެއްސިޔަސް އެއިން ތާބިޝްއަށް ކުރި އަސަރެއް ނެތެވެ.
"ދަރިފުޅާ ތާބިޝް..!" ޒުވާންކަމަށް ބަދަލެއް ނާންނަ ހިތްގައިމު ހިނިތުންވުމުގައި ބައްސާމް ހައިދަރް ކެބިން ތެރެއަށް ވަނެވެ.
"ބައްސާމް އަންކަލް.." ރަސްމީ ސަލާމަކަށްފަހު ބައްސާމްގައިގައި ތާބިޝް ބައްދާލި އެވެ.
"އުމްމ.. އައި ތިންކް އައި ޝުޑް ގޯ" ބަސްތަކަށް ބާރުލާފައި ރާގުބަދަލުކުރަމުން ގޮތްދައްކާލަން ލަވާންޔާ ބުންޏެވެ.
މަޑުކޮށްގެން ހުރީ ތާބިޝްގެ އިޝާރާތަކަށެވެ. އާއެކޭ ބުނުމަށް ތާބިޝް ބޮލުން އިޝާރާތްކޮށްލުން ފިޔަވައި އެކަމަށް އިތުރަށް އަޅައިވެސް ނުލި އެވެ. ލަވާންޔާ ހުއްޓުވާނެކަމަށް ތާބިޝްގެ ފަރާތުން ކުރި އުއްމީދުގައި މިފަހަރުވެސް ލިބުނީ ނާކާމިޔާބެވެ. ރުޅިގަދަވެ، ދަތްކުނޑިވިކާފައިވެސް އިތުރަށް ކުރެވޭނެ ކަމެއް ނެތެވެ.
"އަންކަލް އުއްމީދުކުރަނީ، މި ޑީލްގެ ހުރިހައި މައުލޫމާތެއް ތާބިޝްގެ ބައްޕަ ފަރާތުން ލިބިފައިވާނެކަމަށް.." ބޯ ގުދުކޮށްލާފައި ބައްސާމް ހައިދަރް ބުންޏެވެ.
"ލައްބަ އަންކަލް..! ބައްޕަ ހުރިހައި މައުލޫމާތެއް ކިޔައިދެއްވި.. އެކަމަކު އަންކަލް، މި ޕްރޮޖެކްޓްގައި މަސައްކަތްކުރައްވާނީ އަންކަލްގެ ފަރާތުން ތި ކޮންމެޕީގެ މެނޭޖިންގ ޑިރެކްޓަރ ކަމަށް ވިދާޅުވީމެއް ނޫންތޯ؟ މިޑީލް އަޅުގަނޑުމެންނަށް ކާމިޔާބުކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރާނީ އަދި މަސައްކަތުގެ އެންމެ ބޮޑު ޒިންމާއަކީ އެބޭފުޅާގެ ބައިވެރިވުމޭ އަންކަލް ވިދާޅުވި ހަނދާން އެބަހުރި..!" ތާބިޝްގެ ސިކުނޑީގެ އަޑު އިއްވާލި އެވެ.
ސަންޝައިން ހޮޓެލްސް އަދި ދި ބައްސާމް ކޮންސްޓްރަކްޝަންސް އެންޑް ހޮޓެލްސްއަކީ ކިތަންމެ ބިޔަ ބޮޑު ދެ ކޮމްޕެނީއަށްވިޔަސް މިފަދަ ބޮޑެތި ޕްރޮޖެކްޓްތަކުގައި ނަފްސީކޮށް ބައިވެރިވުމަށްވުރެން، ހިއްސާދާރުންގެ ގޮތުގައި މަސައްކަތްކުރުމުން ދެ ފަރާތަށްވެސް ލިބޭ މަންފާ އިންތިހާއަށް ބޮޑުވެގެން ދޭ އެވެ.
"ސުބުހާނަﷲ ތާބިޝް ދަރިފުޅާ.. އިހްސާސްވެސް ނުކުރެވޭނެ، އެ ކަމަނާގެ ހުނަރުވެރިކަމާއި ގާބިލްކަމާއި މަސައްކަތުގެ ޝައުގުވެރިކަން..! ދި ބައްސާމް ކޮންސްޓްރަކްޝަންސް އެންޑް ހޮޓެލްސް، ކުރު މުއްދަތެއްގައި މިހައި ފުޅާވެގެން މިދިޔައީ ހަމަ އެ ކަމަނާގެ ބުރަ މަސައްކަތުން..!" ފަހުރުވެރިކަމުގެ ހިނިތުންވުމަކާއެކު ބައްސާމް ބުނެލީ ހަގީގަތުގައިވެސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރާއިމެދު އިތުބާރާއި ޔަގީންކަން އޮތްލެއް ބޮޑުކަމުން ނެވެ. ތާބިޝްއަށް ލިބުނު ހައިރާންކަމަކީ، ބައްސާމްގެ ވާހަކައިގައި 'ކަމަނާ' ބޭނުންކުރީތީ އެވެ. ބައްސާމްގެ ކާމިޔާބުގައި އެވަރުގެ ބޮޑު ހިއްސާއެއް އޮވެގެން އެދަނީ އަންހެންކުއްޖެއްގެ މަސައްކަތުން ހެއްޔެވެ؟
"އޯހްހހ... ދެޓްސް ނައިސް! އެ ބޭފުޅާ ވަޑައިގަންނަވާނީ ކޮންއިރަކުން ތޯ؟ މި ޕްރޮޖެކްޓްގެ މައިގަނޑު ޕޮއިންޓްތައް އަޅުގަނޑު އެބަޖެހޭ އެނާއާއި މަޝްވަރާކޮށްލަން..!" ތާބިޝް ސުވާލުކުރި އެވެ.
"އޯހ – ޔާ! އޭނާ މިހާރު އައުމުގެ މަގުމަތީގައިކަމަށް ދެންމެ މެސެޖްކުރި..!" ހިނިތުންވަމުން ބައްސާމް ހައިދަރް ބުނެލި އެވެ.
ތާބިޝް ބޮލުން އިޝާރާތްކޮށްލި ވަގުތު އޭނާގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށި އެވެ.
"އެކްސްކިއުޒް މީ އަންކަލް..!" ފޯނު ދައްކާލަމުން، ޖަވާބުދިނުމުގެ އިޒްނައަށް ތާބިޝް އެދުނެވެ.
"ޔެސް ކަޔާން..! ވަޓް ނޯ! އަހަރެން ނޫޅެން ޕާޓިކުރަން އިސްރާފްކުރާނެ ވަގުތު ގިނަވެގެން.. ކަލޭމެން ދާނެ ދިމާއަކަށް ދޭ.. އަހަރެންގެ ޝައުގުވެރިކަމެއް ނެތް.. އެހެން ކޮންމެވެސް ފަހަރަކުން ބައިވެރިވާނަން..!" ތާބިޝް ވާހަކަދައްކަމުން ދިޔައީ ކަޔާންގެ ކޯލުގަ އެވެ.
އެވަގުތުގެ ތެރޭގައި ކެބިންގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ނަމަވެސް ފޯނުގައި ހުރުމުން ދޮރާއި ދިމާއަށް އެނބުރެން މުހިއްމު ނުވީ އެވެ.
"ޔާ އޯ-ކޭ! ފަހުން އަހަރެން ގުޅާނަން.. މިވަގުތު ބާއްވަނީ..!" ފޯނުގައި ހުރެގެން ތާބިޝް، ދޮރާއި ދިމާއަށް އެނބުރުނެވެ.
ފިޔަވަޅުމަތީގައި ދެފައި ގަނޑުވެ، މޫނުމައްޗަށް ގަޑުފެން ބަލިދީއެއް އޮއްސާލިޔަސް އެވަރު ނުވާނެ އެވެ. ތާބިޝްގެ ދުނިޔެ އެނބުރިގަތެވެ. އެސްފިޔަ ޖަހާލަންވެސް ނޭގުނެވެ. ކުރިމަތީ ހުއްޓި ހުރީ ތާބިޝްގެ 'އަމިއްލަ ދުނިޔެ' އެވެ.
"ތާބިޝް ދަރިފުޅާ..! މިއީ ފިޒާ އާބިދީން، މެނޭޖިންގ ޑިރެކްޓަރ އޮފް ދި ބައްސާމް ކޮންސްޓްރަކްޝަންސް އެންޑް ހޮޓެލްސް، އެންޑް ފިޒާ..! މިއީ ތާބިޝް މުހައްމަދު އަހްސަން.. މި ބިޔަބޮޑު ޕްރޮޖެކްޓްގައި ފިޒާގެ ޕާޓްނަރ!" ބައްސާމް ހައިދަރުގެ ސްޓައިލްގައި ތައާރަފްކޮށްދިނެވެ.
ދުނިޔޭގެ ނިޔާއިން ބައްސާމް ހައިދަރްގެ ދެފަރާތުގައި މަންޒަރު ހުއްޓިފައި ތިބީ ކިހައިވަރެއްގެ ބޮޑު އިމްތިހާނެއްގެ ފެށުންކަމެއް ބައްސާމްއަށް ރެއަކާވެސް ނުލަ އެވެ.
ލިބުނު ޝޮކްގައި ބޮޑުކޮށްލި ލޮލާއެކު ތާބިޝްގެ ހަރަކާތް ހުއްޓިފައިވަނީ ފިޒާއަށެވެ. ނަމަވެސް ހިމޭންކަމާއި މަޑުމައިތިރިކަން ނޫނީ ފިޒާގެ ކިބައިގައި ނެތެވެ. މިއީ ތާބިޝްގެ ހާސްކަން އިތުރުކުރުވި ސަބަބެކެވެ. ތާބިޝް ފެނުމުން ފިޒާއަށް ބޮޑު ބަދަލެއް ނައީ ކީއްވެ ހެއްޔެވެ؟ ހައިރާންވުމެއް ނުތަނަވަސްވެ، ނިއްކުރިން ދާހިއްލުމެއް ނުވަތަ ޝޮކެއްގެ ހިލަމެއްވެސް ފިޒާގެ ކިބައިން ފާހަގަނުވި އެވެ.
"އޯކޭ—މިހިސާބުން، އަޅުގަނޑުގެ މިވަގުތުގެ ވާޖިބު އަދާކުރެވުނީ.. ޕްރޮޖެކްޓާއިމެދު މަޝްވަރާކުރުމަށް ދެމީހުންނަށް ފުރުސަތުދިނުމަށް، މިވަގުތަށް ވަކިވެލާނަން.." ބައްސާމް ހައިދަރުގެ ވާހަކައިން ތާބިޝްގެ އަމިއްލަ ދުނިޔެއިން ނިކުމެވިއްޖެ އެވެ.
ސަލާމްކޮށްލުމަށްފަހު، ކެބިންއިން ނިކުތުމަށް ބައްސާމްއަށް އެހީވީ ތާބިޝް އެވެ. ހިމޭންކަމާއެކު ތާބިޝް އައިސް އިށީނީ އޭނާގެ ރަސްމީ ގޮނޑީގަ އެވެ.
"ފިޒާ" ދުއާއެއްގައި ބޭނުންކޮށްލާ ހިމޭން ލަފްޒެއް ފަދައިން، ތާބިޝްގެ ދުލުން އެނަން ކިޔާލި އެވެ.
"ހީވާގޮތުން ފުތަރަމަ މަސައްކަތް ފަށަންވީ، ޕްރޮޖެކްޓް ޕްރެޒެންޓޭޝަނާއި ހިސާބުން.. އޭރުން އަޅުގަނޑަށް އެނގޭނީ، މި ކޮމްޕެނީގެ ފަރާތުން ޕްރޮޖެކްޓް ހެންޑްލްކުރަން ނިންމާފައި ހުރި ގޮތްތަކާއި، މި ކޮމްޕެނީގެ ބައިވެރިވުމާއި އިތުރަށް ކުރަންވީ މަސައްކަތްތައް.." ޕްރޮޖެކްޓްގެ ފައިލްއާއި ލިޔުންތައް ދިރާސާކުރުމުގައި ފިޒާ މަސްއޫލުވި އެވެ.
ތާބިޝްގެ ލޮލުގެ ކަޅި އެންމެ ސިކުންތަކަށްވެސް ފިޒާއާއި ވަކިނުވެ އެވެ. ހިތްގައިމު ބޮޑު ދެ ލޮލައި ފިޔާތޮށިކުލައިގެ މަޑުމަޑު ތުންފަތާއި މޫނުގެ ބައްޓަން ތާބިޝްގެ އިހްސާސްތަކާއި ކުޅެމުން ގެންދިޔަ އެވެ.
ތާބިޝްއާއިމެދު ލަވާންޔާގެ އިހްސާސްތައް ވަރަށްރަގަޅަށް ތާބިޝްއަށް އެގެ އެވެ. ލަވާންޔާގެ މަގުސަދާއި އޭނާގެ ހަރަކާތްތައް ތާބިޝްއަށް ދުވަހަކުވެސް މުހިއްމެއް ނުވެ އެވެ. ނަމަވެސް މުހިއްމު މި ދަނޑިވަޅުގައި ލަވާންޔާގެ ހަރަކާތްތަކާއި އޭނާގެ އުޅުމާއި ފިޒާއާއި އަޅައި ކިޔަން ފެށިއްޖެ އެވެ. ސަބަބެއް ނޭގެ އެވެ. ގަސްތަކާއިނުލައި އެކަން ފެށިއްޖެ އެވެ.
ލަވާންޔާއަކީ އެންމެ ފަހުގެ ފެޝަނަށް ލޯބިކުރާ، ޒަމާނީ ކުލަތަކުގެ އަހުލުވެރި ކުއްޖެކެވެ. އޭނާގެ އެންމެ އިޝާރާތަކަށް ފިރިހެންކުދިންގެ ސަފްތައް ހަދުވާލުމަކީ ލަވާންޔާއަށް އެއްވެސްކަމެއް ނޫނެވެ. ލަވާންޔާއަކީ ފިރިހެން ކުދިންގެ ހިތުގެ ތެޅުމެވެ. އޭނާ ހެދުން އަޅަނީ ނުބަލަން ހުންނަމީހާގެވެސް ޝައުގުވެރިކަން ހޯދަން މަޖުބޫރުކުރާ މިންވަރަށެވެ.
އެކަމަކު މިވަގުތު ކުރިމަތީގައި ހުރީ މައުސޫމްކަމާއި ނިޔަނެތިކަމުގެ މިސާލެކެވެ. ލޮލުގައި އަޅާފައިވާ އަނދުނާއި ތުންފަތުގައި ބޭނުންކޮށްފައިހުރި ލިޕްގްލޮސްގެ އިތުރުން އެހެން އެއްވެސް ޒާތެއްގެ މޭކަޕެއް ބޭނުންކޮށްފައެއް ނެތެވެ. ލޮލަށާއި ބޮލަށް ފަސޭހަ ގޮތަކަށް ބުރުގާ އަޅާލާފައިހުރީ ގަޔަށް ދޫ، ހިތްގައިމު ކުލައެއްގެ ހެދުމެއް ލައިގެންނެވެ. ގިނަ ގަހަނާތަކެއް ބޭނުންކޮށްފައި ނެތަސް، ޕްރޮމިސް ރިނގްގެ ގޮތުގައި ތާބިޝް އެޅުވި އަނގޮޓިއާއި ވާއަތުގައި އޮތް ގަޑި އަދި ކަނާއަތުގައި އަޅާފައިވާ ކެވެލިކޮޅު ތާބިޝްގެ މޫނުމަތީގައި ހިނިތުންވުން ފަތުރާލުމަށް ފުދުނެވެ. ހިތާއި ހަށިގަނޑު ތޯހިރު، އަބުރުވެރި އަންހެން ކުއްޖެކެވެ. ލައިގެން ހުރި ހިތްގައިމު ހެދުމުގައި ފިޒާއަށްވުރެން ފުރިހަމަ އެހެން، އަންހެން ކުއްޖަކު ނުވާނެކަން ތާބިޝްގެ ހިތުގެ އެންމެ އަޑިން އޭނާ ގަބޫލުކުރެ އެވެ.
އަމިއްލަ ހުވަފެނީ ދުނިޔޭގައި ތާބިޝް ގެއްލިފައި އިނެވެ. ތަފާތު ބެލުމަކުން ތާބިޝްގެ ހިމޭންކަމަށް ބުރޫއަރާކަން އިހްސާސްވެގެން އެސްފިޔަތައް އަވަސްއަވަހަށް ތަޅުވާލި އެވެ. ވާނުވާ ނޭގިފައިހުރި ފިޒާގެ އަޖައިބެއްފަދަ ބެލުމުން ތާބިޝްއަށް ތެޅެގަނެވުނެވެ.
"ތާބިޝް މުހައްމަދު އަހްސަން" ތަންކޮޅެއް ބާރަށް ފިޒާ ގޮވައިލި އެވެ.
"އުމްމމ.. ހާންނނނ.. ޔެސްސ..!" އަވަސް އަވަހަށް ތާބިޝް ޖަވާބުދިނެވެ.
"މި ހުރިހައި އިރު މިކިޔާ އެއްޗެއް ކުޑަމިނުން އަޑުއަހައިލިންތަ..؟ މީގައި ހުރި ޕޮއިންޓްތަކާއި ބެހޭގޮތުން ވާހަކަދައްކައި އަޅުގަނޑު ސުވާލުކުރާތާ ކޮންއިރެއް؟ އެކަމަކު ބޭފުޅާ ތިޔަ އިންނަވަނީ ތަހުތުގައި ހުވަފެން ދެކެން.. މިގޮތަށް އަޅުގަނޑަށް މަސައްކަތެއް ނުކުރެވޭނެ!" ހިތްހަމަނުޖެހުމާއެކު ފިޒާ ބުނެލި އެވެ.
"ފިޒާ" ތާބިޝްއަށް ހަމައެކަނި ކިޔާލެވުނީ ފިޒާގެ ނަމެވެ.
"މިއަދު މިތަނުގައި މަސައްކަތްކުރުމުގެ މާހައުލެއް އޮތްކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން..! މަސައްކަތުގެ މޯޑަށް ބަދަލުވެވުނު އިރަކުން ދެން އަޅުގަނޑުމެންގެ ޕްރޮޖެކްޓް މަސައްކަތް ފަށާނީ..!" މޭޒުމަތީގައި އަތުރާފައިވާ، ޕްރޮޖެކްޓާއިބެހޭ ހުރިހައި ލިޔެކިޔުމެއް ފިޒާއެއްކޮށް ފައިލަށްލައިފި އެވެ. އަދި އެތަނުން ނިކުމެގެން ދިއުމަށް އަވަސްވެގަތެވެ.
"ފިޒާ- ވެއިޓް! ސްޓޮޕް!" (ނުނިމޭ)