ads
ކުށުގެ ސަޒާ - ހަތަރުވަނަ ބައި
އެޕިސޯޑް 4
Advertisement

އިއްޔެގެ އަދަދު

"ފިޒާ- ވެއިޓް! ސްޓޮޕް!" ކުށްލިޔަކަށް ތާބިޝް ހަޅޭއްލަވައިގަތުމުން، ފިޒާގެ ފިޔަވަޅުވަތީ ހުއްޓުނެވެ.

"ފިޒާ... އައި... ޖަސްޓް!" ބުނާނެ އެއްޗެއް ދުލަށް ގެނެވޭނީ ދޫ ހަރަކާތްކުރާނަމަ އެވެ.

ތާބިޝްގެ އަމިއްލަ ހާލަތު އޭނާއަށްވެސް ވަޒަންކުރަން ނޭގެ އެވެ. ފަހަރަކު ފިޔަވަޅެއް ކުރިއަށް އަޅަމުން އައިސް، ދެމީހުން ފޫޓެއްހައި ކައިރިވެއްޖެ އެވެ. ފިޒާގެ އަތުގެ އިނގިލިތައް މުށްކަވާލާފައިވަނީ ނާރުތަކުގެ ކުލަ ސާފުކޮށް ފާޅުވާވަރަށް ބާރަށެވެ. ތާބިޝްއަށް ލިބުނު ހިތްހަމަޖެހުމަކީ އަދިވެސް ތާބިޝްގެ ގާތްވުމުން ފިޒާއަށް އަސަރުކުރާކަމުގެ ހެކި ސާބިތުވުމެވެ. ދެމީހުންގެ ނޭވާ އެކކުވާހައި ގާތްނުވެވެނީސް، ކެބިންގެ ދޮރުގައި ޓަކި ޖަހައިފި އެވެ. ދެމީހުންނަށް ދޮރާއި ދިމާއަށް ބަލައިލެވުނުއިރު ދޮރުހުރީ ހުޅުވާފަ އެވެ.

"ތާބިޝް، އިޓްސް ލަންޗް ޓައިމް..! އާދޭ ! ލަންޗް ނަގާނީ ދެމީހުން އެކުގައި... މިއަދުވެސް ތާބިޝްގެ އެންމެ ފޭވަރިޓް މީލް މި ގެނުވީ އަހަރެންގެ ގެއިން..!" ބާރުސްޕީޑްގައި ކެބިންގެ ތެރެއަށް ލަވާންޔާ ވަދެގެން އައީ ތާބިޝްއާއި ދިމާއަށެވެ.

ނިއްކުރިއަށް ރޫ އަރުވާލާފައި ލަވާންޔާ ބަލައިލީ ފިޒާއާއި ދިމާއަށެވެ.

"ލަވާންޔާ... މިއީ ފިޒާ އާބިދީން، މެނޭޖިންގ ޑިރެކްޓަރ އޮފް ދި ބައްސާމް ކޮންސްޓްރަކްޝަންސް އެންޑް ހޮޓެލްސް، މި އާ ޕްރޮޖެކްޓްގައި އަހަންނާއެކު މަސައްކަތްކުރާނީ ފިޒާ..!" ލަވާންޔާއަށް މިފަދަ ތަފްސީލްގޮތަކަށް ފިޒާ ތައާރަފްކޮށްދެވުނު ސަބަބެއް ތާބިޝްއަށްވެސް ނޭގުނެވެ. ލަވާންޔާއަށް ފިޒާގެ ތަފްސީލް މި މިންވަރަށް ދޭންޖެހޭ ސަބަބެއް ނުވެސްނެތެވެ.

"މަސައްކަތް ފަށަން ރަގަޅުވާނީ މާދަމާހެން ހީވަނީ.. ބައްޖަވެރި ދުވަހަކަށް އެދެން މިސްޓަރ ތާބިޝް މުހައްމަދު އަހްސަން..!" އެންމެ ސިކުންތެއްވެސް އިތުރަށް އެތަނުގައި ހޭދަނުކޮށް ފިޒާ ނިކުތީ ބޭރަށެވެ.

ލަވާންޔާގެ ނިއްކުރީގެ ރޫތަށް މަދުވެއްޖެ އެވެ. ކާމިޔާބުގެ ހިނިތުންވުމެއް އޭނާގެ ތުންފަތްމަތީ ދުވެލި އެވެ.

"ތާބިޝް ހިނގާ ދާން..!" ލަވާންޔާގެ ހުށަހެޅުމާއެކު ތާބިޝްގެ ބޮލުން އިޝާރާތްކޮށް އިންކާރުކުރި އެވެ. 

"އަހަރެން އެކަނިވެލަން މިވަގުތު ބޭނުމީ.. ލަވާންޔާ މިވަގުތު މިތަނުން ނިކުތިއްޔާ ވަރަށް ރަގަޅު..!" 

ތާބިޝްގެ ކެބިންގެ ތެރެއިން ނިކުތުމަށް މިފަދަ ގޮތަކަށް ލަވާންޔާއަށް އެނގި މިއީ ފުރަތަމަ ފަހަރެވެ. ތާބިޝްގެ މޫނަށް ލަވާންޔާ ބަލައިލީ ހައިރާންވެފައި އެވެ. އެތައް ސުވާލެއް އުފެދޭފަދަ ޖަޒްބާތުތައް ތާބިޝްގެ މޫނުން މިވަގުތު ފެނެ އެވެ. އިތުރު ސުވާލެއް ނުކޮށް ބޮލުގެ ހަރަކާތުން އާއެކޭ ބުނެފައި ލަވާންޔާ ނިކުތީ ބޭރަށެވެ. މީގެ ކުރިން ދުވަހަކުވެސް މިފަދަ ހަރުކަށި ގޮތަކަށް ތާބިޝް، ލަވާންޔާއާއިމެދު އަމަލުކޮށްފައި ނުވެ އެވެ. މިއީ ލަވާންޔާއަށް މުޅިން އައު ތާބިޝްއެކެވެ.

"ފަހަރެއްގައި ވެދާނެ، އަލަށް މިފަށާ ޕްރޮޖެކްޓްގެ ކަންތައްތަކާއި މާބޮޑަށް ހާސްވަނީކަމަށްވެސް.." ކެބިންތެރެއިން ނިކުމެފައި ލަވާންޔާ އަމިއްލަ ނަފުސާއި މަޝްވަރާކުރަމުން ބުނެލި އެވެ.

ކެބިންގެ އެތެރޭގެ ހާލަތު ރަގަޅެއް ނޫނެވެ. އަމިއްލަ ނަސީބުގެ ދެރަކަމާމެދު ނުކުރާ ޝަކުވާއެއް ނެތެވެ. ދެވަނަ ފަހަރުވެސް ފިޒާ، ތާބިޝްގެ ލޯކުރިމަތީން ގެއްލުނީ އެވެ. އޭނާ ހުއްޓުވަން ކުރެވުނު އެއްކަމެއްވެސް ނެތެވެ. 

"ކުޑަތަންފުކެއް ލަސްކޮށްފައި ލަވާންޔާ އައިނަމަ ކީއްތަވާނީ..! އަހަރެން ފިޒާއާއެކު ކުޑަކުޑަ ވަގުތުކޮޅެއް ހޭދަކޮށްލާނެ ފުރުސަތު ލިބުނީސް..! އެކަމަކު ހުރިހާކަމެއް ދިޔައީ ގޯހުން ގޯހަށް.." ގޮއްމުށްކަވާފައި ނުހަނު ބާރަށް ތާބިޝް މޭޒުމަތީގައި ޖެހި އެވެ.

"ޔާﷲ މިއަޅާ ދެން ކަންތައްކުރާންވީ އެންމެ ރަގަޅުގޮތެއްގެ ހެޔޮ ވިސްނުން ދެއްވާންދޭވެ..!" ދެއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފައި ބާރުކޮށްލަމުން ތާބިޝް ގޮނޑިއަށް ވެއްޓިގަތެވެ. ލޯމަރައިގެން އިރުކޮޅަކު އިނދެފައި އެއްމިޔަކަނުން ތާބިޝް ހީލި އެވެ. ހީވާހީވުމަށް ރަގަޅު ވިސްނުމެއް އައީ އެވެ.

"އަލް ހަމްދު ލިއްލާހި... ބޯ މިގޮއްވަނީ ބޭކާރުގޮތެއްގައި... އަހަރުމެން ދެމީހުން ދެން ކޮންމެ ދުވަހަކުވެސް ދިމާވާނެ..! އެއްޕްރޮޖެކްޓެއްގައި އެކުގައި މަސައްކަތްކުރާން ފެށުމުން ކޮންމެ ދުވަހަކު ދިމާވާނެ.. މި ލިބުނީ ރަނުގެ ފުރުސަތެއް..! އަހަރެންގެ ފިޒާ،، މިފަހަރު ބީވެގެން ދިޔަކަނުދޭނަން..!" ލިބުނު ހިތްހަމަޖެހުމުގައި ތާބިޝް ހީލި އެވެ.

...................

(ފިޒާ)

ތާބިޝްގެ ކެބިންތެރެއިން ނިކުމެގެން ދުވެފައި އަހަރެން ނިކުތީމެވެ. ނަސީބަކުން ވަރަށް އަވަހަށް ޓެކްސީއެއް ލިބުނެވެ. ގެއަށް އައުމުގެ ކުޑަވެސް ޝައުގުވެރިކަމެއް ނެތުމުން އަހަރެންގެ މިސްރާބަކީ ރަސްފަންނެވެ. އެތަނުގައި ކިތަންމެ މީހުން ގިނަޔަސް ފަރުވާލެއް ނެތެވެ. ތޮށިގަނޑުމަތީގައި ކަނޑުގެ ރާޅުތަކަށް ބަލަން އިނުމަކީ އަހަރެންގެ ހިތަށްލިބޭ ހަމަޖެހުމެކެވެ. އެހެންމީހެއްގެ ހަރަކާތެއް ނުވަތަ އެހެން ބައެއްގެ ކުޅިވަރަކާމެދުގައި އަހަރެންގެ ސަމާލުކަމެއް ނެތެވެ. ބޭނުމީ އަމިއްލަ ސިކުނޑިއަށް ހުސްވަގުތުކޮޅެކެވެ. ތަގުދީރުގެ ކުޅިބައި އަހަރެންގެ ކުރިމަތީގައި އަތުރާލާފައިވާ ގޮތާއި މެދުގައި ވިސްނާލުމަށެވެ.

ހެނދުނު ހެނދުނާއި ބައްސާމް ސަރ ގުޅުއްވާފައި ޕްރޮޖެކްޓްގެ ޕާޓްނާރޝިޕްގެ މައުލޫމާތާއި އަދި އިތުރަށް އަހަރެން މަސައްކަތްކުރަންވީ ގޮތް ބުނެދިނުމުން ހައިރާންވި އެވެ. ސަންޝައިން އޮޓެލްސްއާއެކު އަހަރެން މަސައްކަތްކުރާން ބުނުމުން، ހާސްވެ، ސުވާލުވެސް އުފެދުނެވެ. ލިބުނު ޝޮކްގެ ބާރުވެސް ކުޑައެއް ނޫނެވެ. ގުޑާލަން ނޭގިފައި އެވަގުތުވެސް ހުރެވުނެވެ. އެއީ ތާބިޝް ބައްޕަގެ ކޮމްޕެނީ އެވެ. އެތަނުގެ މަސައްކަތްތައް ކުރަނީ ތާބިޝް އެވެ. އެތަނުގެ މަސައްކަތްތައް މިހާރު ހިނގާގޮތެއް އަދި އެކަންކަން ކުރިއަށްގެންދަނީ ކާކުގެ ދަށުންކަމެއް އަހަންނަކަށް ޔަގީނެއް ނޫނެވެ. އެ ކޮމްޕެނީގެ ފަރާތުން އަހަރެންނާއެކު މަސައްކަތްކުރާނީ ކާކުކަމެއް ނޭގެ އެވެ. ކޮންމެ ގޮތަކަށް ކޮންމެ މީހަކާއެކު މަސައްކަތްކުރާންޖެހުނަސް، އަހަރެންގެ އަމިއްލަ ނަފުސުގެ އިތުބާރު ދެމެހެއްޓުމަށް އަޒުމު ކަނޑައެޅީމެވެ.

ކެބިންގެ ތެރެއަށް ވަނުމުގެކުރީން ޝައްކު، ޔަގީންވި އެވެ. ސީއީއޯގެ ކެބިންގެ ބޭރުގައި ނަންބޯޑްގައި އޮތީ ތާބިޝް މުހައްމަދު އަހްސަންގެ ނަމެވެ.  މޫނުމަތީން ޒައްރެއްގެ މިންވަރަށްވެސް އިހްސާސެއް ނުދެއްކުމަށް އަހަރެން ނިންމީމެވެ. ވަޒީފާގެ ތަޖުރިބާއާއި ތަމްރީނުގެ އަލީގައި އެމިންވަރަށް އަހަރެންގެ އިހްސާސްތައް ކޮންޓްރޯލްކުރާން އަހަންނަށްވެސްވަނީ ދަސްވެފަ އެވެ. އަމިއްލަ ނަފުސު ބޭނުންވާގޮތަށް ސިކުނޑިތައްޔާރުކޮށްގެން ސީއީއޯގެ ކެބިންގައި ޓަކި ޖަހާފައި އެތެރެއަށް ވަނީމެވެ.

ހިނިތުންވެ ހުރެ ތާބިޝް، ފޯނުން ކަޔާންއާއި ވާހަކަދައްކަމުން ދިޔަ މަންޒަރު ދުށީމެވެ. ފެނުނު ހިނިތުންވުމަކީ އަހަރެންގެ ހިތްހަމަޖެހުމަކަށް ވެދާނެކަމަށް ހީކުރެވިފައެއް ނެތެވެ. ނަމަވެސް އެ ހަގީގަތް ދޮގުކުރެވޭކަށް ނެތެވެ. 

އަހަރެންގެ ރަސްމީ މޫޑްގައި މަޑުކުރީމެވެ. ފޯނު ނިންމާލުމަށްފަހު އަހަރެންނާއި ދިމާއަށް އެނބުރުގޮތަށް ތާބިޝްއަށް ލިބުނީ ބާރުގަދަ ޝޮކެކެވެ. އެފަދަ 'ރިއެކްޝަނަކަށް' އަހަރެންގެ ކިބައިންވެސް ތާބިޝް އުއްމީދުކުރިކަން އޭނާގެ ލޮލުން ފެނުނު މަންޒަރުން އަހަރެން ޔަގީންކުރީމެވެ. އެކަމަކު އަހަރެން ދައްކާން ބޭނުންނުވި އިހްސާސެއް މިއަދު އަހަރެންގެ މޫނަކުން އެހެން މީހަކަށް ނުފެންނާނެ އެވެ.

ބައްސާމް ސަރ ބޭރަށް ނިކުންނެވުމާއެކު އަހަރެންގެ ނަމުން ތާބިޝް ގޮވައިލި އެވެ. ހިފަހައްޓައިގެން ހުރި އަހަރެންގެ އިހްސާސްތަކުގެ ކޮންޓްރޯލްހުރި މިންވަރެއް ބުނެދޭކަށް ބޭނުމެއް ނޫނެވެ. މަސައްކަތުގެ ތަފްސީލްތަކާއިގެން ކުރިއަށް ދިއުމަށް ގަސްދުކުރީ އެއަށްވުރެން ރަގަޅު އެހެން އެއްވެސް ގޮތެއް އެވަގުތު އަހަރެންގެ ކުރިމަތީގައި ނެތީމަ އެވެ. އެކަމަކު ހިނދުކޮޅެއްގެ ތެރޭގައި ތާބިޝްގެ ހިޔާލީ ދުނިޔޭގައި އުދުހެން ފަށައިފި އެވެ. އަހަރެންގެ ހަށިގަނޑާއި ތާބިޝްގެ ނަޒަރު ދުރެއް ނުކުރި އެވެ. ހިޔާލީ ދުނިޔެއިން ނެރި ހަގީގީ ފާލަމަށް އެރުވުމަށް އަހަރެން މަސައްކަތްކުރީމެވެ. އެތައް ފަހަރަކު ތާބިޝްގެ ނަންކިޔަން ޖެހުނެވެ. ފަސޭހަކަމެއް ނޫނަސް އެކަން ކުރީމެވެ.

ތަންކޮޅެއް ބާރަށް ގޮވައި ތާބިޝްގެ ހިޔާލީ ބޮކިފަޅާލަން ފަސޭހައެއް ނުވި އެވެ.  އެކަމަކު އެތައް މަސައްކަތަކުން އެކަން ކުރެވިއްޖެ އެވެ. އެތަނުގައި ތާބިޝްގެ ކުރިމަތީގައި ހުރުން ފަސޭހަކަމަށްނުވި އެވެ. އަހަރެންގެ އަމިއްލަ އިހްސާސްތަކަށް ބޭވަފާތެރި ނުވެވެނީސް އެތަނުން ނިކުންނާން ބޭނުންވި އެވެ. އުޒުރުދެއްކުމަށްފަހު، އަވަސްކޮށްފައި ނިކުންނާން އެނބުރުނުތަނާ ތާބިޝް އަހަރެންގެ ނަމުން ގޮވައި ހުއްޓުވި އެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލާން ފެށުމުން ބާރަށް މުއްކެވީމެވެ. ނިޔަފަތިތައް އަތުގެ ހަންގަޑުފަޅާލާފައި ލޭ އަންނަވަރަށް ބާރަށް މުށްކެވީމެވެ. ނަސީބުގައި ޖާގަހުރުމުން ކޮންމެވެސް މީހަކު ކެބިންގެ ދޮރުގައި ޓަކިޖެހި އެވެ. ﷲއަށް ހަމްދާއި ޝުކުރުކުރަމުން އަހަރެންގެ އިހްސާސްތަކުގައި މަތިއަޅައި ފޮރުވީމެވެ.

ކެބިން ތެރެއަށްވަނީ، ކުރު ހެދުމެއް ލައިގެންހުރި ޒަމާނީ އަންހެން ކުއްޖެކެވެ. ފެންނަ ފެނުމަށް އޭނާއާއި ތާބިޝްގެ އޮތީ ގާތް ގުޅުމެކެވެ. ހަސަދައިގެ ވިންދެން ހިތުގައި ޖަހައިލީ އަހަރެންގެ އިހްތިޔާރަކު ނޫނެވެ. ގަބޫލުކުރަން ބޭނުން ނުވިޔަސް، އަހަންނަށް ކެތް ނުކުރެވޭނެ ކަމެއް އޮވެ އެވެ. މިވަގުތަށް އެވާހަކަ ބާއްވާށެވެ! 

ހަގީގަތަކީ މިއަދު ނޫނަސް، އޭނާގެ ގެއިން ތާބިޝްއަށް ކާއެއްޗެހިގެންނަކަމެވެ. އެހެން ނޫންނަމަ 'މިއަދުވެސް' ބުނާކަށް ނުޖެހުނީހެވެ! ކޮންމެއަކަސް 'އެ ދެ މީހުންގެ އިތުރު ޑްރާމާއެއް' ބެލުމުގެ ޝައުގުވެރިކަމެއް އަހަރެންގެ ނެތެވެ. 

"ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯ.. މިކަމުގައި މިއަޅާ އަމަލުކުރާން އެންމެ ރަގަޅު ހެޔޮގޮތެއްގެ ވިސްނުން މިންވަރުކުރައްވާންދޭވެ.. އާމީން!

 ވަޒީފާގެ ޒިންމާގެ ގޮތުން މަސައްކަތްކުރާން މިޖެހުނީ އެކުގައި.. އަހަރެންގެ ނަފުސު ކޮންމެ ދުވަހަކު އެތައް ހިލިހިލާއަކުން ކަސްތޮޅުއަޅައިގެންވެސް މައިތިރި ނުކުރެވިދާނެކަމުގެ ބިރު އެބައޮތް.. ތާބިޝްއަކީ ކާކުކަން ވަރަށް ރަގަޅަށް ދަންނަން.. އޭނާ ބޭނުންވެއްޖެކަމެއް ކުރާން، ނުވަތަ ބޭނުންވެއްޖެ އެއްޗެއް ހާސިލްކުރާން، ކޮށްފައި ނުކުރާނީ މިވެނިކަމެކޭ ބުނަން އެއްވެސް އިންސާނަށް ނޭގޭނެ! އެއިންކަމަކަށްޓަކައި ފުށުން ނުޖަހާނެ އެންމެ ގަލެއްވެސް ނުހުންނާނެ..!" ހިތްބިރުގަތެވެ. 

އަހަރެން ހާސިލްކުރުމުގެ އަޒުމު ތާބިޝްގެ ހިތުގައި އަޅާފާނެތީ އެވެ.

ކޮންމެ ގޮތެއްވިޔަސް އަހަރެންގެ ނަފުސު އަރިއަޅައިލިޔަނުދީ ސީދާކުރެވޭތޯ އަހަރެން މަސައްކަތްކުރާނަމެވެ. ވީ އެންމެ ދުރެއްގައި ހުރުމަށް އަހަރެން އަޒުމު ކަނޑައެޅީމެވެ. އަމިއްލަ ދިރިއުޅުމާއި ޕްރޮފެޝަނަލް ދާއިރާއަކީ ކޮބައިކަން ސީއީއޯ ތާބިޝް މުހައްމަދު އަހްސަންއަށްވެސް އެގެންވާނެ އެވެ. މި ދެމެދުގައި އޮންނާންޖެހޭނީ ހަމައެކަނި ޕްރޮފެޝަނަލް ދާއިރާގެ ގުޅުމެވެ. އަހަރެންގެ ނަފުސު އަހަރެން ކޮންޓްރޯލްކުރާނީ އެވެ. މިނޫން އެހެން ގޮތެއް މިވަގުތު ނެތެވެ. 

ގެއަށް ދިއުމަށް ތެދުވީމެވެ. މާދަމާއަށް އަމިއްލަ ނަފުސުތައްޔާރުކުރަން މަޖުބޫރެވެ. ފުރިހަމަ ނިދި ލިބޭތޯ މަސައްކަތްކުރުމަކީ މިއަދު އަހަރެންގެ މަގްޞަދެވެ.

....................

ފިޒާ އޮފީހަށް ވަނުމާއެކު ޕިއޯން ދިއްކޮށްލީ ފައްޖަހާލާފައިވާ ނޯޓެކެވެ. ލަސްތަކެއް ނުކޮށް ނޯޓް ހުޅުވާލި އެވެ.

'ދިސް އިޒް ފޯ ޔޫ ސަންޝައިން.. ވެލްކަމް ޓު ދި އޮފީސް އެނޑް އިން މައި ލައިފް.. 

ޔޯސް ތާބިޝް'

އެއްވެސް ޖަޒްބާތެއް ނެތި ފިޒާ ނޯޓް ކިޔާލި އެވެ. ވަގުތުތަކެއް ބޭކާރުނުކޮށް، ނޯޓް ބޮނޑިކޮށްލާފައި އެންމެ ގާތުގައި ފެންނާން ހުރި ޑަސްޕިންއަށް އޭތި ވައްޓާލާފައި ކުރިއަށް ހިނގައިގަތެވެ.

ތާބިޝްގެ ކެބިންއަށް ނުވަދެވެނީސް، އިތުރު ޕިއޯނެއް އައިސް މިފަހަރު ފިޒާއަށް ދިއްކޮށްލީ މާބޮނޑިއެކެވެ. ފޭކް ހިނިތުންވުމަކާއެކު މާބޮނޑީގައި ހިފައިފި އެވެ. 

މިއީ ކާކުގެ ކަމެއްކަން ފިޒާއަށް އެނގެ އެވެ. އުފައްދާނެ ސުވާލެއްވެސް ނެތެވެ. ރުޅިވެރިކަމާއެކު އަތުގައި އޮތް މާބޮނޑިއަށް ފިޒާ ބަލައިލި އެވެ. އަތުކޮޅަށް ހޫރާލުމަށް ހަރަކާތްގެނެސްފައިވެސް، ފިޒާގެ ރުޅި މައިތިރިވެއްޖެ އެވެ. މާބޮނޑި ގަޔާއި ކައިރިކޮށްލާފައި ބަލާލި އެވެ. އެއީ ފިޒާގެ އެންމެ މަގުބޫލް 'ވައިޓް އެރަމް ލިލީ' މާބޮނޑިއެކެވެ. އެކަމަކު ކުރާނެކަމެއް ނެތެވެ. ލިބުނު ފަރާތާއި ހާލަތުގެ ސަބަބުން ސިކުނޑިއާއި ހިތަކަށް ފުރުސަތެއްނެތެވެ. މާތަކުގައި ފިރުމާލުމަށްފަހު އެސްފިޔަތަށް ހުއްޓުވާލި އެވެ. މުޅި ހަށިގަނޑު 'ގާކޮށްލާފައި' ޑަސްބިންއަށް މާބޮނޑި ވައްޓާލީ ކުޑަވެސް ރަހުމްކުރުމެއް ނެތި އެވެ.

މިހުރިހައި މަންޒަރެއް ބަލަމުންދިޔަ ތާބިޝްގެ ހިތުގައި ރިއްސާލި އެވެ. ނަމަވެސް މޫނުމައްޗަށް ވެރިވީ ހިނިތުންވުމެކެވެ. ކޮންމެ ހާލެއްގައިވިޔަސް ފިޒާ ހާސިލްކުރުމުގެ އަޒުމު އިހުނަށްވުރެން ވަރުގަދަ ކުރީ އެވެ.

..................

ފިޒާއާއެކު ޕްރޮޖެކްޓްގެ މަސައްކަތް ތާބިޝް ފަށައިފި އެވެ.  އަމިއްލަ ވާހަކައަކަށް ފުރުސަތެއް ހޯދުމަށް ތާބިޝްކުރާ މަސައްކަތް ދެނެވޮޑިގެންވާނީ މާތްﷲ އެވެ. އެކަމަކު 'ޕްރޮފެޝަނަލް ކޯޓުގައި' ފިޒާގެ އަޒުމަށް ބަދަލެއް ނާދެ އެވެ. މަސައްކަތުގެ ވާހަކަ ނޫން އެހެން އެއްވެސް ވާހަކައަކަށް ކުޑަވެސް ސަމާލުކަމެއް ދިނުމަކީ ފިޒާގެ މިޒާޖުގައި ލައްވާފައިނުވާ ސިފައެއް ފަދަ އެވެ.

ރޭގަނޑުގެ ނުހަނު ލަސްވަންދެން މަސައްކަތް ކުރުމަށްފަހު ގެއަށް ދިއުމަށްޓަކައި ފިޒާ ނިކުތީ ބޭރަށެވެ. އޮންލައިންކޮށް ހޯދަން އުޅެގެންވެސް ގެއަށްދާނެ އެއްޗެއް ނުލިބުނެވެ. މަގުމަތިން ދާހައި އެއްޗަކަށް ފިޒާ އަތްނަގަ އެވެ. ބަލައިއައިސްދިނުމަށް އެދި ބޭބެއަށް ގުޅަން ފޯނުނެގި ވަގުތު ފިޒާގެ ދާދިގާތަށް އައިސް ހުއްޓާލީ ޕްރައިވެޓް ކާރެކެވެ. ބޯ އަރިކޮށްލާފައި ކާރުތެރެއަށް ފިޒާ ބަލައިލި އެވެ. ޑްރައިވަރ ސީޓްގައި އިނީ ތާބިޝް އެވެ.

ބިއްލޫރިގަނޑު ތިރިކޮށްލުމަށްފަހު ތާބިޝް، ފިޒާއަށް ގޮވައިލި އެވެ. އަދި ކާރަށް އަރައި އިށީނުމަށް އެދުނެވެ. އެކަމަށް ފާޅުގައި ފިޒާ އިންކާރުކުރި އެވެ.

"އިޓްސް އޯކޭ ތާބިޝް.. ކާރެއް ލިބެންދެން މަޑުކޮށްލާނީ..!" މަޑުމައިތިރިކަމާއެކު ފިޒާ ބުނެލި އެވެ.

"ފިޒާ، މިއީ މެންދަމުގެ ވަގުތު.. މާލޭގެ ގިނަ މީހުންނަށް އަދި ރޯދަ މަސް ނުނިމޭ.. ކުރިއަށް މިދަނީ ހަ ރޯދަ! މިހައި ފަސްވީމައި ޓެކްސީއެއްލިބުން ފަސޭހައެއް ނުވާނެ.. ކާރަށް އަރާފައި އިށީންދޭ..!" ތަންކޮޅެއް ބާރަށް ތާބިޝް މިފަހަރު ބުންޏެވެ.

"ތިއިން އެއްވެސް ކަމަކާއިމެދު ތާބިޝް ކަންތައްބޮޑުވެ ހާސްވާކަށް ނުޖެހޭނެ..! އަހަންނަށްވެސް ކޮންމެވެސް ގޮތެއް އޮންނާނެ..!" މަޑުމައިތިރިކަމާއެކު ބުނެލާފައި އަނެއްކާވެސް ފިޒާ މަސައްކަތްކުރީ އޮންލައިން ކޮށް ކެބެއް ލިބޭތޯ އެވެ.

"ކުޑަވެސް ތަފާތެއް ނެތް... ކުޑަވެސް ބަދަލެއް ނާދޭ..! ހަމަކުރީގެ ގޮތް ދޫނުކުރުމާއި ބޯހަރުކަން..!" ސްޓިއަރިން ވީލްގައި ވަރަށް ބާރަށް ދެއަތުން ތާބިޝް ޖެހި އެވެ.

ގުޑައިވެސް ނުލައި ހުރިފިޔަވަޅުމަތީގައި ފިޒާ ހުއްޓެވެ. ގިނައިރެއްނުވެ ކެބެއް ލިބިއްޖެ އެވެ. ޓެކްސީއައިސް ފިޒާ އެއަށް އަރަންދެން ތާބިޝް ކާރުގައި މަޑުކުރި އެވެ. މެންދަމުގެ ވަގުތުގައި މަގުމަތީގައި އެކަނި ބަހައްޓާފައި ދިއުމަށް ހިތަށް ކެތްނުވާތީ އެވެ. ތާބިޝްގެ ހިތުގައި އޮތް ލޯތްބާއި އިހްތިރާމް ފިޒާއަށް ނޭގުނަސް، ތާބިޝް ގެ ލޯތްބަށް ކުޑަވެސް ހީނަރުކަމެއް ނާދެ އެވެ. ލޯކުރިމަތީން ޓެކްސީގޮސް ގެއްލެންދެން ތާބިޝް ބަލަން އިނެވެ.

"އަހަރެންގެ އުއްމީދު ކަނޑާލާނެކަމަށް ފިޒާ ހީނުކުރާތީ.." ދެލޯ މަރައިލާފައި ކާރު ސީޓުގައި ތާބިޝް ފުށްކިބަ ޖައްސާލި އެވެ. ހިތްވަރުކުރަންޖެހެ އެވެ. އެނޫން އެހެން އެއްވެސް އިހްތިޔާރެއް މިވަގުތު ތާބިޝްގެ ކުރިމަތީގައި ނެތެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް