
މާޗް 2020 އިން މާޗް 2021 އާ ދެމެދު، ރާއްޖޭގެ އުތުރުގެ ރަށްތަކުގައި ހުރި ކަނޑޫފާ ބިންތަކުން 44,267 އަށްވުރެ ގިނަ ގަސް މަރުވެފައިވާކަމަށް މި ދިރާސާއިން ހާމަވެފައިވެއެވެ. މިއީ ޖުމްލަ 22.12 ހެކްޓަރުގެ ސަރަހައްދެއްގައި ހުރި "ބްރުގުއިއެރާ ސިލިންޑްރިކާ" ބާވަތުގެ ކަނޑޫފާ ގަސްތަކެވެ.
ރީޖަނަލް އެންވަޔަރަންމަންޓަލް ޗޭންޖް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވާ ގޮތުގައި، ކަނޑޫފާ ބިންތައް މިހާ ބޮޑަށް ހަލާކުވަމުންދަނީ މޫދުގެ ލޮނުގަދަވުމާއި ކަނޑުގެ ލެވެލް އުފުލުމުގެ ސަބަބުންނެވެ. 2017 އިން 2020 އާ ދެމެދު، ރާއްޖޭގެ ވަށައިގެން ކަނޑުގެ ލެވެލް އަހަރަކު 30 މިލިމީޓަރަށްވުރެ ބޮޑަށް އުފުލިފައިވާއިރު، ކަނޑޫފާ ބިންތަކަށް އަހަރަކު އެންމެ 6.4 މިލިމީޓަރުގެ ސެޑިމަންޓް އިތުރުކުރެވޭ ކަމަށް ދިރާސާއިން ދައްކައެވެ. މިކަމުގެ ސަބަބުން ކަނޑޫފާ ބިންތަކަށް ލޮނުގަދަ ފެން ވަދެ، ގަސްތައް މަރުވަމުންދާކަމަށް ދިރާސާގައި ބުނެފައިވެއެވެ.
މި ދިރާސާގައި ޑްރޯން ސާވޭތަކާއި، ފީލްޑް އެސެސްމަންޓްތަކާއި، ރަށްވެހިންނާ ކުރެވުނު އިންޓަވިއުތައް ބޭނުންކޮށްގެން މި މައްސަލައިގެ ފުރިހަމަ ރިޕޯޓެއް ނެރިފައިވެއެވެ. އަސަރުކުރި ސަރަހައްދުތަކުގެ ރަށްވެހިން ބުނާގޮތުގައި އެމީހުން މި ބަދަލުތައް ސީދާ ލޮލުން ދުށްކަމަށާއި، 89 ޕަސަންޓު މީހުން ކަނޑޫފާ ބިންތައް އެއްފަހަރާ މަރުވެދިޔަ ހާދިސާއެއް ފެނިފައިވާކަމަށް ބުނެފައިވެއެވެ.